Roadha Mihaaru
މިހާތަނަށް 100 ވަރަކަށް ކިލޯ ޑްރަގްސް ފެނިއްޖެ

އައްޑޫގައި ފޮރުވާފައި ހުރި ޑްރަގްސް ވެސް ހޯދައިފި؛ ބަރުދަން 100 ކިލޯއާ ގާތްކުރޭ

04 އޮކްޓޯބަރ 2020

ފުލުހުން އައްޑޫގައި ހިންގި އޮޕަރޭޝަންގައި ކަނޑުމަތިން އަތުލައިގަތް މަސްތުވާތަކެތީގެ އިތުރުން އެއްގަމުގައި ފޮރުވާފައި ހުއްޓާ ވެސް ގިނަ އަދަދެއްގެ ޑްރަގްސް ހޯދާފައިވާ ކަމަށް މިހާތަނަށް ފެނުނު ތަކެތީގެ ބަރުދަން 100 ކިލޯއާ ގާތްކުރާކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ފުލުހުން އައްޑޫގައި ހިންގި އޮޕަރޭޝަންގައި ކަނޑުމަތިން އަތުލައިގަތް މަސްތުވާތަކެތީގެ އިތުރުން އެއްގަމުގައި ފޮރުވާފައި ހުއްޓާ ވެސް ގިނަ އަދަދެއްގެ ޑްރަގްސް ހޯދާފައިވާ ކަމަށް މިހާތަނަށް ފެނުނު ތަކެތީގެ ބަރުދަން 100 ކިލޯއާ ގާތްކުރާކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އައްޑޫގެ ވަރުގަދަ ޑްރަގް ޑީލަރެއް ކަމަށް ފުލުހުން ކުރިން ވެސް ތުހުމަތުކޮށް އެތައް ފަހަރަކު އެކި ކުށްތަކުގައި ހައްޔަރުކޮށްފައިވާ އިބްރާހިމް ރަޝީދު (އަބުޗާ) އާއި އިތުރު ބަޔަކު ހައްޔަރުކުރި އޮޕަރޭޝަންގައި އެކި ބާވަތުގެ ޑްރަގްސް ފެނިފައިވާ ކަމަށްވެ އެވެ. މީގެ ތެރޭގައި، އެއް އޮޕަރޭޝަނަކުން މިހާތަނަށް ނުފެންނަހާ ގިނަ ޕާޓީ ޑްރަގްސް ހިމެނޭ ކަމަށް ވެސް ވަނީ އެނގިފަ އެވެ.

ނަމަވެސް މި އޮޕަރޭޝަނާ ބެހޭ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި މި އޮޕަރޭޝަން ހިންގީ ދިވެހި ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަށް، ހަމައެކަނި ދިވެހި ފުލުހުން ބައިވެރިވެގެންނެވެ. އަދި މިއަދު ހެނދުނާ ހަމަ އަށް 80 ކިލޯގެ މަސްތުވާތަކެތި ހޯދިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އޭގެ ފަހުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ 88 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ ކަމަށް ވިދާޅުވެ ފުލުހުންގެ މަސައްކަތަށް ތައުރީފް ކުރައްވައިފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކަނޑުމަތިން އަތުލައިގަތް މަސްތުވާތަކެތި ފުލުހުން ނަގާފައި ވަނީ ފުލުހުން ފެނުމުން ކަނޑަށް އެ އެއްޗެއްހި އުކާލާފައި ވަނިކޮށެވެ.

ރޭ އައްޑޫގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނަށް ފަހު މިއަދު ހުޅުމާލެ އާއި ހއ. ހޯރަފުށީގައި ވެސް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި ވެއެވެ. މި އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންގެ ޑްރަގްސް އޮޕަރޭޝަންތަޖަށް ހާއްސަކޮށް ގެނެސްފައިވާ ކުއްތާތައް ވެސް ބޭނުންކޮށްގެންނެވެ.

މި އޮޕަރޭޝަންތަކާ ބެހޭ އިތުރު ތަފްސީލްތައް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.