Roadha Mihaaru
ރިލްވާންގެ ތަހުގީގަށް ހަސަންގެ ޕާސްޕޯޓް ހިފަހައްޓައިފި

ރިލްވާން ބޭރަށް ފުރި ކަމަށް ލިއުން ހަދަން އުޅުނު ހަސަން އަލީގެ ޕާސްޕޯޓް ހިފަހައްޓައިފި

05 އޮކްޓޯބަރ 2020

ވަގަށް ނަގައި މަރާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާން ރާއްޖެ އިން ބޭރަށް ފުރައިގެން ދިޔަ ކަމަށް ދައްކަން ލިއުން ތައްޔާރުކުރަން އުޅުނު ކަމަށް ތުހުމަތުކުރާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ހަސަން އަލީގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވަގަށް ނަގައި މަރާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާން ރާއްޖެ އިން ބޭރަށް ފުރައިގެން ދިޔަ ކަމަށް ދައްކަން ލިއުން ތައްޔާރުކުރަން އުޅުނު ކަމަށް ތުހުމަތުކުރާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ހަސަން އަލީގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ފަހު ހައި ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރެއްވި ހަސަން އަލީގެ ޕާސްޕޯޓް ހިފެހެއްޓިކަން މަރު ކޮމިޝަނުން "މިހާރު" އަށް ކަށަވަރުކޮށްދެއްވި އެވެ. އެއީ، ރިލްވާންގެ ތަހުގީގާ ގުޅިގެން ކަން ބުނުން ފިޔަވައި އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ހަސަން އަލީ އަށް ކުރާ ތުހުމަތަކީ، ރިލްވާން ވަގަށް ނެގި މައްސަލައިގައި އާއިލާ އާއި ރަހުމަތްތެރިންގެ މުޒާހަރާތަކުން ސަރުކާރަށް ޕްރެޝަރު ބޮޑުވުމުން، ސީރިއާގައި ކުރި ހަނގުރާމައިގައި ބައިވެރިވާން ރާއްޖެ އިން ބޭރަށް ފުރީ ކަމަށް ދައްކަން ޕާސްޕޯޓް ހަދަން އުޅުމެވެ. ޖުޑީޝަލް ސާވިސް ކޮމިޝަނުން ވެސް މި މައްސަލަ ބަލައި ހަސަން އަލީ ސަސްޕެންޑް ވެސް ކުރި އެވެ.

ޖޭއެސްސީން ބުނީ ރިލްވާން ރާއްޖެ އިން ބޭރަށް ފުރާފައިވާކަން ދެއްކުމަށްޓަކައި އިންޓެލިޖެންސްގެ ދެ ފުލުހަކާ ގުޅިގެން، އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ހަސަން އަލީ ހުންނެވި އިރު މަސައްކަތްކޮށްފައިވާ ކަމުގެ ތުހުމަތުތަކެއް ކުރެވޭ ކަމަށެވެ.

ރިލްވާންގެ މައްސަލައާ ގުޅިގެން ހަސަން ފުލުހުންނަށް ދިން ބަޔާނާ ހަވާލާދީ ރިޔާސީ ކޮމިޝަނުން ބުނެފައި ވަނީ ދެ ފުލުހަކު ބައްދަލުކޮށް ރިލްވާންގެ ވާހަކަ ނިމެން އެބަޖެހޭ ކަމަށާއި އެމީހުން އޭނާގެ ޕާސްޕޯޓް ހައްދަން ބޭނުންވާ ކަމަށް ބުނި ކަމަށެވެ. އަދި ބޭނުންވަނީ އޭނާ ރާއްޖެ އިން ބޭރަށް ދިޔަކަން ދެއްކުމަށް ކަމަށާއި އެ ވާހަކަ އެންޑީޓީވީ ފަދަ ޗެނަލަކުން ޚަބަރެއްގެ ގޮތުގައި ގެނެވިދާނެ ކަމަށް އެ މީހުން ބުނި ކަމަށެވެ. ރިލްވާންގެ ޕާސްޕޯޓް ހަދައި ދިނުމަށް އެދުމުން، ރަސްމީކޮށް ލިޔުމަކުން އެދިގެން ނޫނީ އެފަދަ ކަމެއް ނުކުރެވޭނެ ކަމަށާއި ރަސްމީ ލިޔުމެއް ނުގެނެވޭނެ ކަމަށް ދެ ފުލުހުން ބުނި ކަމަށްވެ އެވެ.

އަދި އެމީހުން ބޭނުން ނަމަ، ރިލްވާންގެ އަސްލު ޕާސްޕޯޓް އިންނަ ގޮތަށް އެއްޗެއް ހެދިދާނެ ކަމަށް ހަސަން ވިދާޅުވުމުން، އެއީ ރަނގަޅު ގޮތެއްގައި ކަމަށް ބުނެ ދެ މީހުން ދިޔައީ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

ރިލްވާންގެ ތަހުގީގު ދިގުލައިގެން ގޮސްފައިވާ އިރު މިހާތަނަށް އިންސާފެއް ނުލިބުމުގެ ކަންބޮޑުވުން އާއިލާ އިން ދަނީ ފާޅުކުރަމުންނެވެ. އެކަމަކު މި ސަރުކާރުން ދޭ ޔަގީންކަމަކީ އެ މައްސަލައިގައި އާއިލާ އަށް އިންސާފު ހޯދައިދޭނެ ކަމެވެ. އާއިލާގެ އެދުމުގެ މަތިން ތަހުގީގުގައި، ބޭރުގެ އިންވެސްޓިގޭޓަރަކު ބައިވެރިކުރަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.