Roadha Mihaaru
ކުޑަކުދިންނަށް ދައުލަތުން އިހުމާލުވި މައްސަލަތައް ބަލަނީ

ކުޑަކުދިންނަށް ދައުލަތުން އިހުމާލުވެފައިވާކަމަށް ފާހަގަކުރެވޭ މައްސަލަތައް ރިއާސީ ކޮމިޝަނުން ތަހުގީގުކުރަނީ

08 އޮކްޓޯބަރ 2020

ކުޑަކުދިންނަށް ދައުލަތުގެ އިދާރާތަކުން އިހުމާލުވެފައިވާކަމަށް ފާހަގަކުރެވޭ މައްސަލަތަކާގުޅޭ ތަހުގީގު ކުރަމުން އަންނަ ކަމަށް، ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުޑަކުދިންނަށް ދައުލަތުގެ އިދާރާތަކުން އިހުމާލުވެފައިވާކަމަށް ފާހަގަކުރެވޭ މައްސަލަތަކާގުޅޭ ތަހުގީގު ކުރަމުން އަންނަ ކަމަށް، ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން މިއަދު ބުނެފި އެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބަލަހައްޓާ ތަފާތު ފަސް މަރުކަޒަކަށް ޒިޔާރަތްކޮށް، އެ ތަންތަނުން ފާހަގަކުރެވުނު ކަންތައްތަކާއި އިސްލާހުކުރަންޖެހޭ ކަންތައްތައް ކަމާގުޅޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށެވެ.

ކޮމިޝަންގެ ޕްރިލިމިނަރީ ރިޕޯޓުތަކުގައި ފިޔަވައްޗާ ގުޅޭ 15 ރިކޮމެންޑޭޝަން، ދޫނިދޫ ކަސްޓޯޑިއަލް އާއި އަތޮޅުވެހި ކަސްޓޯޑިއަލްގައި އިސްލާހުކުރަންޖެހޭ 11 ރިކޮމެންޑޭޝަން އަދި އައްސޭރި ޖަލާ ގުޅޭ 13 ރިކޮމެންޑޭޝަނެއް ހުށަހަޅާފައި ވެ އެވެ. އެކަންކަމުގެ އިތުރުން ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި ކަމާބެހޭ މުއައްސަސާތަކުން އަމަލުކޮށްފައިވާ ގޮތް ބެލުމަށްޓަކައި ޖެންޑާ މިނިސްޓްރީ އާއި ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ ފައިލް އޮޑިޓެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

"ގާނޫނީ ނިޒާމުގެ ތެރެއިން ކުޑަކުދިންގެ ހައްގުތައް އެންމެ ފުރިހަމައަށް ކަށަވަރުކުރެވޭނެކަން ވަޒަންކުރުމަށްޓަކައި ކަމާގުޅޭ ގާނޫނުތައް ރިވިއުކުރުމުގެ މަސައްކަތާއި ދައުލަތުގެ އިދާރާތަކުން އިހުމާލުވެފައިވާކަމަށް ފާހަގަކުރެވޭ މައްސަލަތަކާ ގުޅޭ ތަހުގީގުގެ މަސައްކަތްތައް މި ކޮމިޝަނުން މި ގެންދަނީ ކުރަމުންނެވެ،" މިދިޔަ ފެބްރުއަރީ 20 ގައި ރައީީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ކޮމިޝަނުން ނެރުނު ބަޔާނުގައި ބުންޏެވެ.

ފަސް މެމްބަރުން އެކުލެވޭ ކޮމިޝަނުން އެ މަރުކަޒުތަކަށް ޒިޔާރަތްކުރީ މިދިޔަ މާޗު 10 އިން އޭޕްރީލް 14 އާ ދެމެދެވެ.

އެންމެ ފުރަތަމަ ކުޑަކުދިންގެ ހިޔާއަށް ކުރި ޒިޔާރަތުން ފާހަގަކުރެވުނު ކަންކަމާއި އިސްލާހުކުރަންޖެހޭ ކަންކަން ފާހަގަކޮށް މިދިޔަ މާޗު 26 ވަނަ ދުވަހު ޕްރިލިމިނަރީ ރިޕޯޓު ތައްޔާރުކޮށް ރައީސަށް ހުށަހަޅާފައި ވެ އެވެ. އޭގައި ބުނެފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި ޖެންޑާ މިނިސްޓްރީން ޕްލޭނެއް އެކުލަވާލައި އެއާ އެއްގޮތަށް މަސައްކަތް ކުރަމުން އަންނަކަމަށް ބުންޏެވެ.

މާޗު 12 އަދި އޭޕްރީލް 8 ގައި ދޫނިދޫ އަދި އަތޮޅުވެހި ކަސްޓޯޑިއަލަށް، މާޗު 16 ގައި އައްސޭރި ޖަލަށް، އޭޕްރީލް 14 ގައި ފިޔަވައްޗަށް ޒިޔާރަތްކޮށް އެ މަރުކަޒުތަކުގެ ސާފުތާހިރުކަމާއި ތަނުގެ ރައްކާތެރިކަމާއި އެތަންތަނުގައި ތިބޭ ކުދިންނަށް ލިބޭ ހިދުމަތްތަކާއި ހުރި ލައިފް ނުވަތަ ހެލްތު ރިސްކުތަކާއި ކުދިންނާމެދު އަމަލުކުރަމުންދާ އުސޫލުތަކުގެ މައުލޫމާތު އެއްކޮށް ރަނގަޅުކުރަންޖެހޭ ކަންކަން ދެނިގަނެވިފައިވާ ކަން ފާހަގަކުރި އެވެ.

ބަޔާނުގައި ބުނި ގޮތުގައި، އެ މަރުކަޒުތަކުން މިހާރުން މިހާރަށް އިސްލާހުކުރަންޖެހޭ ކަންކަމާއި ހުށަހެޅުންތައް، ރިއާސީ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ހަތަރު ޕްރިލިމިނަރީ ރިޕޯޓު ޖޫން 23 އަދި ޖުލައި 23 ގައި ރައީސްއާ ހިއްސާކޮށްފައިވެ އެވެ. އަދި އެމަނިކުފާނާއެކު މިދިޔަ މަހުގެ 8 ގައި ބޭއްވި ބައްދަލުވުމުގައި ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގައި ލިބޭ ހިދުމަތްތަކާއި ކުދިންގެ ސަލާމަތާއި ރައްކާތެރިކަމާއި އެ މަރުކަޒުތަކުގެ ހާލަތާގުޅޭގޮތުން ކޮމިޝަންގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކޮށްފައިވާ ކަމަށެވެ.

މިިދޔަ މަހުގެ 14 ގައި ފިޔަވައްޗާއި ދޫނިދޫ ކަސްޓޯޑިއަލް އަދި އަތޮޅުވެހި ކަސްޓޯޑިއަލާއި އައްސޭރި ޖަލުގެ ޕްރިލިމިނަރީ ރިޕޯޓުތައް ކަމާބެހޭ ހުރިހާ ފަރާތްތަކަށް ފޮނުވާފައި ވެ އެވެ.

ކޮމިޝަނުން ބުނީ ކޮވިޑް-19 އާ ގުޅިގެން ހަލުއިކަމާއެކު މަސައްކަތްތައް ގެންދަން ހުރަސްތަކާ ކުރިމަތިވިއަސް، އެތަނުގެ އަމާޒަކީ ވީހާ ވެސް އަވަހަކަށް ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ނިޒާމީގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމެވެ. އޭގެ އިތުރުން ކުޑަކުދިންނަށް ހިދުމަތްތައް ފޯރުކޮށްދޭ މުއައްސަސާތަކުގައި ރަނގަޅުކުރަންޖެހޭ ކަންކަން ދެނެގަނެ، އެކަންކަން އިސްލާހުކުރެވޭނެ ގޮތްތައް ހުށަހަޅައި ކޮމިޝަންގެ ހުށަހެޅުންތައް ތަންފީޒުކުރުމަށް ބާރުއެޅުން ކަމަށް ފާހަގަކުރި އެވެ.

ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތަކީ، ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ މައްސަލަތަކުގައި، ދައުލަތުގެ އިދާރާތަކާއި ދައުލަތުގެ ފަރާތުން އެކަމާއި މަތިކޮށްފައިވާ އެންމެހައި ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތާއި މިހާރުގެ ހާލަތު ދެނެގަތުމެވެ. އަދި ކުޑަ ކުދިންނަށް ގޯނާކޮށް، އިހުމާލުވާ ފަރާތްތަކާއި އެ ކުދީންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމެވެ.