Roadha Mihaaru
އަނިލް ކަޕޫރް އަދިވެސް ވަނީ ޒުވާން

އަނިލް ކަޕޫރް އަދިވެސް ވަނީ ޒުވާން

24 އޮކްޓޯބަރ 2020

ބޮލީވުޑްގެ އެކްޓަރު އަނިލް ކަޕޫރް ހަށިިގަނޑު ރީތިކުރަން ފެށި މަސައްކަތުން މިހާރު ވަނީ ވަރަށް ރަނގަޅު ނަތީޖާއެއް ހޯދައިފަ އެވެ. އަންނަ ޑިސެމްބަރު މަހުގެ 24 ގައި 64 އަހަރު ފުރޭ އެކްޓަރު ވަނީ ބުދަ ދުވަހު އޭނާ އިންސްޓަގްރާމްގައި އާންމުކުރި ފޮޓޯތަކާ އެކު އެތައް ބަޔަކު ހައިރާންކޮށްލައިފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޓަރު އަނިލް ކަޕޫރް ހަށިިގަނޑު ރީތިކުރަން ފެށި މަސައްކަތުން މިހާރު ވަނީ ވަރަށް ރަނގަޅު ނަތީޖާއެއް ހޯދައިފަ އެވެ. އަންނަ ޑިސެމްބަރު މަހުގެ 24 ގައި 64 އަހަރު ފުރޭ އެކްޓަރު ވަނީ ބުދަ ދުވަހު އޭނާ އިންސްޓަގްރާމްގައި އާންމުކުރި ފޮޓޯތަކާ އެކު އެތައް ބަޔަކު ހައިރާންކޮށްލައިފަ އެވެ.

އެ ފޮޓޯތަކުން ފެންނަނީ މުޅިން ތަފާތު މާ ޒުވާން އަނިލްއެކެވެ. އާންމުކުރި ތިން ފޮޓޯގެ ތެރެއިން ދެ ފޮޓޯގައި އަނިލް ފެންނަނީ ހުސްގަޔާ ހުރެ އަތިރިމަތީގައި ހިނގާފައި ދަނިކޮށެވެ. އަނެއް ފޮޓޯގައި އޭނާ އޮތީ ޕޫލެއްގެ ތެރޭގަ އެވެ.

އަނިލްގެ ފޮޓޯތަކަށް ކޮމެންޓްކުރި މީހުންގެ ތެރޭގައި އާއިލާގެ މީހުން ގިނަ އެވެ. އޭގެ ތެރޭގައި ދޮށީ ދަރިފުޅު ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ އާނަންދު އަހޫޖާ އާއި ދެވަނަ އަންހެން ދަރިފުޅު ރިއާ ކަޕޫރާއި ކޮއްކޮ ސަންޖޭ ކަޕޫރާއި ބޮޑުބޭބެކިޔާ އަރުޖުން ކަޕޫރް ފަދަ އާންމުން ދަންނަ މީސްމީހުން ހިމެނެ އެވެ. މީގެ އިތުރުން އަނިލް ދެއްކި ހިތްވަރަށް އެތައް ސެލެބްރިޓީއަކު ތައުރީފު އޮއްސާލާފައިވެ އެވެ.

އަނިލްގެ ރީތިކަމާއި ޒުވާން ދައްކައިލި ފޮޓޯތަކުން ދެން ގިނަ ބަޔަކު އެންމެ އަޅައިގަތް އެއް ކަމަކީ އޭނާގެ އިސްތަށި ނެތް މޭމައްޗެވެ. އަނިލް އަކީ އިސްތަށި ވަރަށް ގިނަ އެކްޓަރެކެވެ. އޭނާގެ ކުރީގެ ފިލްމުތަކުން ބެލުންތެރިންނަށް އެކަން ފާހަގަކުރެވޭނެ އެވެ. އެކަމަކު ހަށިގަނޑަށް މިހާރު ގެނެސްފައި އެ ހުރި ބަދަލާ އެކު އަނިލް އެހެރީ "ކްލީން ޝޭވެން ބޮޑީ" އަކާ އެކީގަ އެވެ. ފެންނަ ފެނުމަށް މިހާރު އަނިލްގެ ފިރިހެން ދަރިފުޅު ހާޝްވަރްދަން ކަޕޫރް، 29، އަށް ވެސް ވުރެ ވެސް ޒުވާނެވެ.

އަނިލްގެ ޒުވާންކަމުގެ ވާހަކަ އަކީ އަބަދު ވެސް ބޮލީވުޑްގައި ހުއްޓުމެއް ނެތި ދެކެވޭ ވާހަކައެކެވެ. އެހެންވެ މި ފަހަރު އޭނާ ދައްކައިލި އާ ލުކާ އެކު، ބައެއް މީހުން ވަނީ އަދިވެސް އަސްލު އުމުރު ދައްކުވައިދޭ ކަހަލަ ރޯލްތައް އަނިލް ކުޅެން ނުޖެހޭ ކަމަށް ބުނެފަ އެވެ.

ފޮޓޯތަކާ އެކު އަނިލް ވަނީ ހަށިގަނޑަށް ބަދަލު ގެންނަން ކުރި މަސައްކަތުގެ ބައެއް ވާހަކަތައް ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން އޭނާ އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަކީ ކެއުމުގެ ވައްޓަފާޅި ގެނައި ހެޔޮ ބަދަލުގެ ސަބަބުން ހަށިގަނޑު ރީތިވާން މަގުފަހިކޮށް ދިން ވާހަކަ އެވެ. ކާމިޔާބު އަދި ރީތި އެތައް ފިލްމެއް ކުޅެފައިވާ އަނިލް ބުނިގޮތުގައި އޭނާ އަށް އަބަދު ވެސް އެންމެ އުނދަގޫ ކަމަކީ ރަނގަޅު ޑައިޓެއް ފޮލޯކުރުމެވެ.

"މި ނަތީޖާއާ ހަމައަށް އައުމަކީ އަސްލި ފަސޭހަކަމެއް ވެސް ނޫން. ބައެެއް ދުވަސްތައް ވަރަށް އުނދަގޫ. އެކަމަކު ކުރި މަސައްކަތުގެ އަގުލިބިއްޖެ." އަނިލް ބުންޏެވެ.

އެކަމަކު ޕާސަނަލް ޓްރެއިނަރު މާކް އާއި ދަރިފުޅު ހާޝްގެ އެހީތެރިކަމާ އެކު ލޮކްޑައުންގެ ތެރޭގައި ފޮލޯކުރަން ފެށި ރޫޓިންގެ ސަބަބުން ވަރަށް ބޮޑެތި ބަދަލުތަކާއި ކުރިއެރުންތަކެއް އަތުވެއްޖެ ކަމަށް ބުންޏެވެ. އަނިލް ބުނިގޮތުގައި ވަކި ލަނޑުދަނޑިއެއް ހާސިލުކުރަން ބޭނުން ނަމަ އަމިއްލަ ބަލިފައި ގަބޫލުކޮށް، އަޒުމާއި ހިތްވަރާ އެކު މަސައްކަތްކޮށްފި ނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުކުރެވިދާނެކަން އޭނާގެ މި ކަސްރަތީ ދަތުރުގެ ތެރެއިން ކަށަވަރުވެއްޖެ އެވެ.

އަނިލްގެ ހަށިގަނޑު ބުދަ ދުވަހު ދައްކައިލުމުގެ މާ ކުރިން ވެސް އޭނާ ގެންދިޔައީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކަސްރަތަށް ކުރާ ހިތްވަރު ދައްކައިފަ އެވެ. އަނިލް އެ ދެއްކި ހިތްވަރުން ގަބޫލުކުރަން ޖެހެނީ އުމުރަކީ ހަމަ ނަމްބަރެއްކަމެވެ. ބޭނުން ވަނީ ކަމެއް ހާސިލުކުރަން ހިތްވަރެކެވެ.