Roadha Mihaaru

ފިނޭންސްގެ މުވައްޒަފަކަށް ދައުވާ ނުކުރީ ހެއްކެއް ނެތީމަ: އޭސީސީ

ކޮވިޑް-19ގެ ފަރުވާ އަށް ވެންޓިލޭޓަރުތައް ހޯދުމުގައި، މާލިއްޔަތު ގަވާއިދުގެ ދަށުން ހެލްތު މިނިސްޓްރީއަށް ހުއްދަތަކެއް ދޫކުރި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އެ މިނިސްޓްރީގެ މުވައްޒަފުންނަށް ދައުވާ ނުއުފުލީ ތަހުގީގުން ހެއްކެއް ނުފެނުމުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއްޔެ ބުނެފި އެވެ.

ފިނޭންސްގެ މުވައްޒަފަކު ގޯސް ހެދިކަމުގެ ހެއްކެއް ނެތް
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

22 އޮކްޓޯބަރ 2020

ކޮވިޑް-19ގެ ފަރުވާ އަށް ވެންޓިލޭޓަރުތައް ހޯދުމުގައި، މާލިއްޔަތު ގަވާއިދުގެ ދަށުން ހެލްތު މިނިސްޓްރީއަށް ހުއްދަތަކެއް ދޫކުރި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އެ މިނިސްޓްރީގެ މުވައްޒަފުންނަށް ދައުވާ ނުއުފުލީ ތަހުގީގުން ހެއްކެއް ނުފެނުމުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއްޔެ ބުނެފި އެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލްއާ 75 ވެންޓިލޭޓަރު ހޯދަން ހަވާލުކުރި މައްސަލައިގެ ތަހުގީގަށް ފަހު ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ 11 މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދުމުން މައްސަލަ ޕީޖީ ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. ކޯޓުގައި ދައުވާކުރެވޭނެ ވަރުގެ ހެއްކެއް ނެތިގެން މައްސަލަ ފޮނުވާލި ކަމަށް ޕީޖީން ވިދާޅުވާއިރު އެކަން އޭސީސީން ދޮގުކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި، ވެންޓިލޭޓަރު މައްސަލައާ ގުޅޭގޮތުން ސުވާލު ކުރައްވަމުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް އެދިވަޑައިގަތީ މި މައްސަލައަކީ ދައުލަތުގެ ވަރަށް ގިނަ އަދަދެއްގެ ފައިސާއާ ގުޅުން ހުރި، އަދި ވެންޓިލޭޓަރު ނުލިބި ފައިސާ ބޭކާރުވުމުގެ ބިރު އޮތް މައްސަލައަކަށްވާއިރު ތަހުގީގުގައި ފިނޭންސްގެ ދާއިރާގެ އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުއުފުލި ސަބަބު ސާފުކޮށްދެއްވާށެވެ.

ވެންޓިލޭޓަރުތައް ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލްއާ ހަވާލުކުރީ ފިނޭންސް މިނިސްޓަރު އަމީރު ދެއްވި ހުއްދައާ އެއްގޮތަށް ކަމަށާއި އެކަމުގައި އެ މިނިސްޓްރީގެ މުވައްޒަފުންގެ އެހީތެރިކަން ލިބުނު ކަމަށް މާލިއްޔަތު ކޮމިޓީގައި ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

ކޮމިޝަންގެ ނައިބު ރައީސް ފާތުމަތު އަނޫލާ ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގެ ތަހުގީގުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އެ މިނިސްޓްރީގެ އެހެން ބޭފުޅުންނާ ވެސް ސުވާލުކުރި ކަމަށެވެ. އެ ބަޔާންތަކުން އަދި ލިޔެކިޔުންތަކުން ވެސް އެ މުވައްޒަފުންނަށް ދައުވާކުރެވޭނެ ވަރުގެ ކަމެއް ހިނގި ކަމަކަށް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފިނޭންސްގެ މުވައްޒަފުންގެ ކިބައިން، އެ ބޭފުޅުންގެ މައްޗަށް ދައުވާއެއް ކުރެވޭނެ މިންވަރަށް ހެކި ނެތް ކަމަށް ތަހުގީގުގައި، ފާހަގަވީ ކަން ހިނގާފައި އޮތް ގޮތުންނާއި ލިއުންތަކުން އެނގެން އޮތީމަ،" އަނޫލާ ވިދާޅުވި އެވެ.

އޭނާ ތަކުރާރު ކުރެއްވި ގޮތުގައި، މި މައްސަލައިގައި ދައުވާ އުފުލީ ޒިންމާވާން ޖެހޭ ކަމަށް ލިޔެކިޔުންތަކުންނާއި ހެކިތަކުން ފެނުނު މީހުންގެ މައްޗަށެވެ.

ހެލްތު މިނިސްޓްރީން އަމަލުކުރީ ފިނޭންސް މިނިސްޓަރު އަމީރު ދެއްވި ހުއްދައިގެ މައްޗަށް ކަމަށް ހެލްތުން ބުނާ ވާހަކައަށް ވެސް އޭސީސީން ޖަވާބު ދިނެވެ.

އަނޫލާ ވިދާޅުވި ގޮތުގައި، މާލިއްޔަތު ގަވާއިދުގެ 10.03 މާއްދާއަށް އަމަލުކުރަން ނުޖެހޭ ހާލަތެއް މެދުވެރިވެ، ޓެންޑަ ބޯޑުގެ ބަދަލުގައި ބިޑް ކޮމިޓީއަށް ހުށަހަޅައިގެންނާއި ސިންގަލް ސޯސްކޮށް ކުރިއަށް ގެންދަން ހުއްދަ ދީފައިވެ އެވެ. މިގޮތަށް ވަކިވަކި ހުއްދަތަކެއް ދީފައި އޮތް ނަމަވެސް ޕަފޯމަންސް ގެރެންޓީއަކާ ނުލައި އެގްޒެކިއުޓާސްއަށް އެއްބަސްވުމުގެ 90 ޕަސެންޓަށްވާ 30 މިލިއަން ރުފިޔާ ދިނުމުގެ ހުއްދަ ފިނޭންސުން ދީފައި ނުވާ ކަން ލިއުންތަކުން ސާފުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަނޫލާ ވިދާޅުވި ގޮތުގައި ގެރެންޓީއަކާ ނުލައި ފައިސާ ދޫކުރުމުގެ ހުއްދަ ދެއްވާފައި ނުވާނެ ކަމަށް މިނިސްޓަރު އަމީރުގެ ބަޔާނުގައި ވެސް ވިދާޅުވި އެވެ.

ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމައި ފޮނުވާލާފައިވިޔަސް އޭސީސީން ބުނީ އިތުރަށް އެކަމުގައި ކުރިއަށް ދެވޭނެ ގޮތްތަކެއް ފުލުހުންނާ މަޝްވަރާކޮށްގެން ބަލަމުން އަންނަ ކަމަށެވެ. އެއްބަސްވުމެއް ނެތި 30 މިލިއަން ރުފިޔާ އެގްޒެކިއުޓާސްއަށް ދޫކުރުމާއި ފަހުން އެއްބަސްވުން އެކުލަވާލައި އޮޅުވާލައިގެން ސޮއިކުރި ތާރީޚް ޖެހުމާއި ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ހޮވި ކުންފުންޏެއް ކަމަށް ބުނުމާއި އެ ކުންފުންޏަކީ ވެންޓިލޭޓަރު ސަޕްލައިކޮށްދޭން އެކަށީގެންވާ ކުންފުންޏެއްތޯ ނުބެލުމާއި ސީދާ އެ ކުންފުންޏަށް ދިނުމުގެ ނިޔަތުގައި ހިންގާފައިވާ ކަންކަމުގެ ހެކި ތަހުގީގަށް ލިބިފައި ހުރި ކަމަށް އޭސީސީން ދަނީ ބުނަމުންނެވެ.

އެކަމަކު ޕީޖީ ވިދާޅުވަނީ މި ތުހުމަތުތަކުގައި ހެއްކެއް ނެތް ކަމަށާއި ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައި ހުރީ އިދާރީ މައްސަލަތަކެއް ކަމަށެވެ.