Roadha Mihaaru

އޭސީސީގެ މެމްބަރުން ވަކިކުރަން ކޮމިޓީން ފާހެއް ނުވި

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން، މަޖިލީހުގެ މިނިވަންވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާހެއް ނުވި އެވެ.

އޭސީސީގެ މެމްބަރުން ވަކިކުރަން ކޮމިޓީން ފާހެއްނުވި
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

26 އޮކްޓޯބަރ 2020

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން، މަޖިލީހުގެ މިނިވަންވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާހެއް ނުވި އެވެ.

އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމެވެ. އެ ދެބޭފުޅުންނާއި ކޮމިޓީގެ މުގައްރިރު އަދި އައްްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ އިތުރުން ކޮމިޓީގައި މިއަދު ބައިވެރިވެވަޑައިގަތީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން)، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް އަދި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިޝާމެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުން.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުން.

އޭސީސީގެ މެމްބަރުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުގެ ބަދަލުގައި ކޮމިޓީން މިއަދު ފާސްކުރީ އޭސީސީގެ މެމްބަރުން ވަކިވަކިން ކޮމިޓީއަށް ހާރިޒުކޮށް، ގޮންޖެހުންތައް އޮޅުން ފިލުވުމަށެވެ. އެގޮތަށް ހުށަހެޅުއްވީ އަނދުން ހުސައިން އެވެ. ތާއީދު ކުރެއްވީ އުޝާމެވެ.

އޭސީސީގެ މެމްބަރުން ވަކިކުރަން ހަސަންޓޭ ހުށަހެޅުއްވީ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް އޭސީސީ އަށް ނުބެލޭ ކަމަށްް ވިދާޅުވެ، އެ މެމްބަރުން ވަކިކުރަން މަޖިލީހުގެ އެމްޑީޕީ މެމްބަރުން ތަކުރާރުކޮށް އެތައް ފަހަރަކު ގޮވައިލައްވާފައި ވަނިކޮށެވެ. އެ މައްސަލަ ކޮމިޓީ އަށް ހުށަހަޅުއްވާނެ ކަމަށް އޭނާ ފުރަތަމަ ވިދާޅުވީ ވެންޓިލޭޓަރުތަކެއް ގަންނަން ހެލްތު މިނިސްޓްރީން ދުބާއީގެ ކުންފުންޏަކާ ހަވާލުކުރުމުގައި ހެލްތު މިނިސްޓްރީން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ މައްސަލައިގައި އެއްވެސް މީހަކަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނިންމެވި ދުވަހު އެވެ.

އެ މައްސަލައިގައި ދައުވާ ނުކުރަން ނިންމީ ޕީޖީ އޮފީހުން ބުނި ގޮތުގައި އެއްވެސް މީހަކަށް ކުށް ސާބިތުކުރެވޭ ވަރަށް އޭސީސީން ހެކި ހުށަހަޅާފައި ނުވާތީ އެވެ. އެކަމަކު އޭސީސީން ފަހުން ވެސް ބުނީ ކުށް ސާބިތުކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވާނެ ކަމަށެވެ.

ވެންޓިލޭޓަރުގެ މައްސަލައިގައި އެމްޑީޕީގެ މެމްބަރުން އޭސީސީއަށް ފާޑުވިދާޅުވި ބައެއް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި އެ މައްސަލައިގައި ދައުވާ ނުކުރެވުނީ އޭސީސީން ކުރި ތަހުގީގުގެ ފެންވަރު ދަށްކަމުންނެވެ. އެއީ އަަވަސްކޮށްލައިގެން ނިންމާފައިވާ މައްސަލައެއް ކަމަށް ވެސް ތުހުމަތުކުރެއްވި އެވެ.