Roadha Mihaaru
ތިހާމް މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ވަރުގަދަ ސުވާލުތަކަކަށް ފަހު ތިހާމް މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

28 އޮކްޓޯބަރ 2020

ރިއާސީ ލޯންޗް "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން ޖަލަށްލި ސިފައިން މީހެއް ކަމަށްވާ އަހްމަދު ތިހާމްގެ މައްސަލައިގެ އަޑުއެހުންތައް، ފަނޑިޔާރުންގެ ވަރުގަދަ ސުވާލުތަކަށް ފަހު ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރިއާސީ ލޯންޗް "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން ޖަލަށްލި ސިފައިން މީހެއް ކަމަށްވާ އަހްމަދު ތިހާމްގެ މައްސަލައިގެ އަޑުއެހުންތައް، ފަނޑިޔާރުންގެ ވަރުގަދަ ސުވާލުތަކަށް ފަހު ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.

"ފިނިފެންމާ" ގައި ސެޕްޓެމްބަރު 2015 ގައި އެއްޗެއް ގޮއްވާލުމުން އެ ލޯންޗަށް އަރައި، ތަހުގީގީ އުސޫލުތަކާ ޚިލާފަށް އެތަނުން ހެކި ނަގައިގެން ގެންދިޔަ ކަމަށް ބުނެ އޭރުގެ މާލޭ އޭރިޔާގެ ކޮމާންޑަރު އަހުމަދު ފަޔާޒް (ޕާޕާ) ދެ އަހަރަށް އަދި ސިފައިންގެ އިތުރު ދެ މީހެއް ކަމަށްވާ ދަފްތަރު 617، މޫސާ ޒަމީރާއި ސ. ފޭދޫ ބުލްބުލާގޭ އަހުމަދު ތިހާމް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. ޕާޕާ އާއި ޒަމީރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލް ކުރިޔަސް، ތިިހާމްގެ ޖަލު ހުކުމް ދެމެހެއްޓި އެވެ.

އެ މައްސަލަ ތިިހާމްގެ ފަރާތުން އިސްތިއުނާފް ކުރުމުން އެންމެ ފަހުން މިއަދު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުގެ ވާހަކަތަކަށް ފަހު ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށެވެ. އެހެންވެ، އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.

އެންމެ ފަހުން އަޑުއެހުމުގައި ދައުލަތުން ވަނީ ތިހާމްގެ މައްޗަށް ވެސް މިހާރު ކުށް ސާބިތުނުވާނެ ކަމަށް ދެކޭ ކަމަށް ބުނެފަ އެވެ. ދައުލަތުން ބުނެފައިވާ ގޮތުގައި އެގޮތަށް މިހާރު ގަބޫލުކުރަނީ ޕާޕާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހައި ކޯޓުން ނިންމުމާއި ތިހާމާ އެކު ޖަލަށްލި މޫސާ ޒަމީރު ކުށްވެރިނުވާ ކަމަށް ހައި ކޯޓުން ނިންމާފައިވާތީ އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވުމުން ވެސް ދައުލަތުން ބުނީ ސްޓޭންޑް ބަދަލުވީ ނޫން އެކަމަކު ހައި ކޯޓުގެ ނިންމުން އޮޮތްގޮތުން، ސިފައިންގެ ވެރިންގެ އަމުރު (ޗެއިން އޮފް ކޮމާންޑް) އަށް ތަބާވެގެން ތިހާމް ކުރި އަމަލާ ގުޅިގެން އޭނާ ކުށްވެރިވާނެ ކަމަށް މިހާރު ގަބޫލު ނުކުރަނީ ކަމަށެވެ. އަދި ތިހާމް އަމަލުކުރީ ޕާޕާގެ އަމުރަށްކަން އެނގޭނެ ހެކި ހުރި ކަމަށް ދައުލަތުން ބުންޏެވެ.

އެއްވެސް ފަރާތެއްގެ އިރުޝާދެއް ނެތި ލޯންޗަށް އަރައި ހެކި ގެންދިއުމުގެ ބާރު ތިހާމަށް އޮންނާނެތޯ ބެންޗުން ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ އޭނާގެ ވަޒީފާގެ ގޮތުން އޭނާއަށް އިރުޝާދު ދޭނެ ކޮންމެވެސް ފަރާތެއް ހުންނާނެ ކަމަށެވެ. އަމިއްލައަށް ކަންކަން ނިންމުމުގެ ބާރު އޭނާއަށް ނޯންނާނެ ކަމަށް ދައުލަތުން ބުންޏެވެ.

އެހެންވެ، ތިހާމްގެ އަމިއްލަ ބާރު ނެތް ކަމަކާ ގުޅިގެން އޭނާގެ މައްޗަށް ދައުވާކުރީ ކީއްވެގެންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. ޖަވާބުގައިި ދައުލަތުން ބުނީ އޭރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެގޮތަށް ގަބޫލު ކުރެވުނީ ކަމަށާއި އޭރު ލިބިފައިވާ ހުރި ހެކިތަކަށް ރިއާޔަތްކުރީ ކަމަށެވެ. އަދި މިހާރު ތަފާތު ގޮތަކަށް ވަކާލާތު ކުރަނީ ޒަމީރާއި ޕާޕާގެ މައްސަލާގައި ހައި ކޯޓުގެ ނިންމުން އޮތްގޮތުން ހަމަހަމަ ކަން ގާއިމްކުރަން ކަމަށް ދައުލަތުން ބުންޏެވެ.

ހަމަހަމަކަން ގާއިމުކުރާ ނަމަ، ޕާޕާ އާއި ޒަމީރުގެ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފް ނުކުރީ ކީއްވެގެންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. ދައުލަތުން ބުނީ ހުކުމުގައި ގޯހެއް އޮތް ކަމަށް ފާހަގަ ނުވާ ނަމަ އެ ހުކުމެއް ދައުލަތުން އިސްތިއުނާފް ނުކުރާނެ ކަމަށެވެ.

ހައި ކޯޓުގެ ނިންމުން ރަނގަޅު ކަމަށް ބުނުމަކީ ދައުލަތުގެ ސްޓޭންޑް ބަދަލުވުން ނޫންތޯ ބެންޗުން އަނެއްކާވެސް ސުވާލު ކުރެއްވި އެވެ. އޭގެ މާނަ އަކީ ނުބައި ދައުވާއެއް ބައެއްގެ މައްޗަށް ކުރީ ކަމަށް ދައުލަތުން އެއްބަސްވުން ނޫންތޯ ވެސް ބެންޗުން ސުވާލު ކުރެއްވި އެވެ.

އެކަމަކު އަނެއްކާވެސް ދައުލަތުން ބުނީ ސްޓޭންޑް ބަދަލުވީ ނޫން ކަމަށާއި ވަކި ހިސާބަކުން މައްސަލާގެ ހާލަތު ބަދަލުވީ ކަމަށެވެ. އަދި އެންމެ ފުރަތަމަ ދައުވާކުރީ ހެކި ހުރި ކަމަށް ގަބޫލު ކުރެވުމުން ކަމަށް ދައުލަތުން ބުންޏެވެ.

ތިހާމް ބުނީ އޭނާ އަމަލުކުރީ ޕާޕާގެ އަމުރަށް ކަމަށާއި އަދި ލޯންޗުން ގެންދިޔައީ ސްޕޮންޖް ކޮޅަކާއި ޓިޝޫ ކޮޅަކާއި ފޮއިލްކޮޅު ފަދަ ތަކެތި ކަމަށެވެ. އަދި ބޮމެއް ގޮވާފައި ހުރި ތަނަކުން ފެންނާނެ ކަންކަން ލޯންޗު ތެރެއިން ނުފެންނަ ކަމަށާއި ސާމްޕަލް ނަގައިގެން ގެންދިޔައީ ބަޑި ބޭހުގެ އަސަރު ހުރިތޯ ބެލުމަށް އެ ތަކެތި ޓެސްޓް ކުރަން ހުޅުލެއަށް ކަމަށް ތިހާމް ބުންޏެވެ. އޭނާ ބުނި ގޮތުގައި ހުޅުލޭގައި ހެދި ޓެސްޓްތަކަށް ފަހު އޭގެ ނަތީޖާއާބެހޭ ރިޕޯޓެއް އެ ދުވަހު ސިފައިންގެ ވެރިންނާ ވަނީ ހަވާލުކޮށްފަ އެވެ.

ކުށުގެ ވެށި ތަހުގީގު ކުރުމުގެ ދައުރެއް ސިފައިންނަށް އޮވޭތޯ އާއި ފުލުހުން އަދާކުރަން ޖެހޭ ޒިންމާއެއް އަދާކުރަން ތިހާމް ލޯންޗަށް އެރީ ކީއްވެގެންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ތިހާމް ބުނީ އޭނާ ލޯންޗަށް އެރީ ތަހުގީގު ކުރަން ނޫން ކަމަށާއި އޭނާގެ ދައުރަކީ އިތުރު ގޮވާ އެއްޗެއް ނެތްކަން ކަށަވަރު ކުރުމާއި ބަޑި ބޭހުގެ އަސަރު ހުރިތޯ ބެލުން ކަމަށް އޭނާ ބުންޏެވެ. އަދި އެ ދުވަހު ސިފައިންގެ ގިނަ ބަޔަކު އެ ލޯންޗަށް އެރި ކަމަށް ތިހާމް ބުންޏެވެ.

ލޯންޗަށް އަރަން ފުލުހުންގެ ހުއްދަ ހޯދަން ނުޖެހޭތޯ ބެންޗުން ސުވާލު ކުރެއްވުމުން ތިހާމް ބުނީ އެފަދަ ހާލަތްތަކުގައި އެ ހުއްދަ ނަގަން ނުޖެހޭނެ ކަމަށެވެ. އޭރު އެތަނަކީ ކްރައިމް ސީނެއްކަން އެނގެން ނެތް ކަމަށާއި އޭރު ލިބުނީ ލޯންޗުގެ އިންޖީނުގައި އެއްޗެއް ގޮވިކަމުގެ މައުލޫމާތެއް ކަމަށް ތިހާމް ބުންޏެވެ.

ސިފައިންގެ ވެރިންގެ އަމުރަށް ތަބާވީ ކަމަށް ތިހާމް ބުނާއިރު، ގާނޫނާ ޚިލާފް އަމުރަކަށް ތަބާވާން ޖެހޭތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. ތިހާމް ބުނީ އޭނާ އަކީ ގާނޫނީ މީހެއް ނޫން ކަމަށާއި އަދި ލޯންޗަށް އޭނާ އެރިއިރު އެތަން އޮތީ ކުށުގެ ވެއްޓެއްގެ ގޮތަށް ނޫން ކަމަށް އޭނާ ބުންޏެވެ.

ތިހާމްގެ ވަކީލް މަހްފޫޒް ސައީދު ވިދާޅުވީ ލޯންޗުން ގެންދިޔަ ތަކެތި ހުރިތަން ފުލުހުންނާ ހިއްސާ ކޮށްފައިވާނެ ކަމަށެވެ. އަދި ތިހާމް ހައްޔަރުކުރީ ލޯންޗުގައި އެއްޗެއް ގޮއްވާލާފައިވާ ކަމަށް ނުބެލެވޭ ކަމަށް އޭނާ އެކުލަވާލި ރިޕޯޓުގައި ބުނުމުން ކަމަށް ވިދާޅުވެ، މަހްފޫޒް ވިދާޅުވީ ފުރަތަމަ ތިހާމަށް ތުހުމަތުކުރީ އެއްޗެއް ގޮއްވާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށްފައި ކަމަށެވެ.

ފަހުން، އެއްޗެއް ގޮއްވާލުމުގައި ތިހާމްގެ ބައިިވެރިވުން ނެތް ކަމަށް ފުލުހުންނަށް ގަބޫލު ކުރެވެމުން އޭނާ ގޭ ބަންދަށް ބަދަލުކުރީ ކަމަށް ވެސް މަހްފޫޒް ވިދާޅުވި އެވެ. އަދި ތަހުގީގަށް ގެއްލުނީ ކޮން ހެއްކެއް ކަމެއް އަދި ތަހުގީގަށް އެޅުނު ހުރަހެއް ވެސް ދައުލަތަށް ބުނެ ނުދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިިގަންނަވާ ފަނޑިޔާރު ހުސްނުއްސުއޫދަކީ ރިއާސީ ލޯންޗްކޮޅު މައްސަލައަށް ފަހު ހިންގި ތަހުގީގުގައި ހޯދަން އިއުލާންކުރި އިސްހާގު އަހުމަދުގެ ވަކީލެއްގެ ގޮތުގައި އޭރު މަސައްކަތް ކުރެއްވި ބޭފުޅަކަށް ވާތީ މަސްލަހަތު ފުށުއަރާ ކަމަށް ދައުލަތުން ބުންޏެވެ. އެކަމަކު އިސްހާގުގެ މައްޗަށް އެ މައްސަލާގައި ދައުވާ ކޮށްފައި ނުވާނެ ކަމަށް ދައުލަތުން ބުންޏެވެ.

ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ މައްސަލާގެ އަޑުއެހުންތައް ފެށުމުގެ ކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގެ ސަމާލުކަމަށް އެކަން ގެނައުމުން އެ މައުލޫމާތު ލިޔުމުން ހުށަހަޅަން އެދިފައިވާނެ ކަމަށެވެ. އެކަމަކު އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވެސް އެކަން ދައުލަތުން ފާހަގަނުކުރާ ކަމަށާއި އަދި އިސްހާގުގެ މައްޗަށް ދައުވާ ކޮށްފައި ނުވާތީ މަސްލަހަތު ފުށުއަރާ ކަމެއް ނެތް ކަމަށް ބެންޗުން ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ސުއޫދުގެ އިތުރުން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަޒްމިރަލްދާ އެވެ.