Roadha Mihaaru
ޕޮމްޕިއޯ އުޅުއްވީ ދޭތެރެޖައްސަން: ޗައިނާ

ޕޮމްޕިއޯ އުޅުއްވީ ރާއްޖެ އާއި ޗައިނާ ދޭތެރެޖައްސަން: ޗައިނާ

29 އޮކްޓޯބަރ 2020

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ރާއްޖެ އަށް އިއްޔެ ކުރެއްވި ދަތުރުގައި މަސައްކަތް ކުރެއްވީ ރާއްޖެ އާއި ޗައިނާ ދޭތެރެ ޖައްސަން ކަމަށް ބުނެ ޗައިނާ އިން ރައްދު ދީފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ރާއްޖެ އަށް އިއްޔެ ކުރެއްވި ދަތުރުގައި މަސައްކަތް ކުރެއްވީ ރާއްޖެ އާއި ޗައިނާ ދޭތެރެ ޖައްސަން ކަމަށް ބުނެ ޗައިނާ އިން ރައްދު ދީފި އެވެ.

ޕޮމްޕިއޯ ރާއްޖެ އަށް ކުރެއްވި ކުރު ދަތުރުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ އެކު އިއްޔެ ބޭއްވެވި ޕްރެސް ބްރީފިންގައި ޗައިނާ އަށް ވަރަށް ބޮޑަށް ފާޑުވިދާާޅުވި އެވެ. އޭނާ ވިދާޅުވީ ޗައިނާގެ އަމަލުތައް ހުރި ގޮތުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ސަލާމަތީ ކަންތައްތައް ވަރުގަދަކުރުން ކުރިއަށް ވުރެ މުހިއްމު ވެފައިވާ ކަމަށެވެ. ޗައިނާގެ ކުންފުނިތަކުން ކަނޑަށް ކުނި އަޅައި ތިމާވެއްޓަށް ގެއްލުންދެމުންދާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

ޕޮޕްޕިއޯގެ އެ ވާހަކަތަކަށް ރައްދުދީ، ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ނެރުނު ދިގު ބަޔާނެއް ޓްވިޓާގައި އާއްމުކުރެއްވީ އެ ގައުމުގެ ސަފީރު ޖަންގް ލިޖޮންގް އެވެ. އެ ޓްވީޓްގައި ބަޔާނުގެ ލިންކް ހިމަނުއްވާފައި އޮތީ "މާލޭގެ މޫސުން މިއަދު ރީތި" ކަމަށް ވިދާޅުވެ، ޗައިނާގެ އެހީ އާއި އެ ގައުމުން ނެގި ލޯނަކުން ފަންޑުކޮށްގެން ހަދާފައިވާ ސިނަމާލެ ބްރިޖްގެ ފޮޓޯއަކާ އެކުގަ އެވެ.

ޗައިނާ އިން ނެރުނު ދިގު ބަޔާނުގައި ޕޮމްޕިއޯ ދެއްކެވި އެކި ވާހަކަތަކަށް ވަކިވަކިން ރައްދުދީފައި ވެ އެވެ.

"ޕޮމްޕިއޯގެ ދަތުރުގައި ވަރުބަލިކަމެއް ނެތި ފެތުރުއްވީ ޗައިނާއާ ބެހޭ ދޮގު ވާހަކަ އެވެ. މަސައްކަތްކުރެއްވީ ޗައިނާ އާއި ދިވެހިރާއްޖެ ދޭތެރެޖައްސާށެވެ. އެމެރިކާގެ އަމިއްލަ އެދުމާއި އެހެން ގައުމުތަކަށް ނުފޫޒު ފޯރުވުމުގެ ސިޔާސަތަކީ ސުލްހަވެރި އަދި ހަމަޖެހޭ ބައިނަލް އަގުވާމީ ގުޅުންތަކަށް އޮތް ނުރައްކަލެކެވެ." ޗައިނާގެ ބަޔާނުގައި ބުންޏެވެ.

ރާއްޖެ އާއި ޗައިނާ ޖައްސަން އެމެރިކާ މަސައްކަތްކުރި ކަމަށް ތުހުމަތުކުރުމަށް ފަހު އެ ބަޔާނުގައި ރާއްޖެއަށް އަމާޒުކޮށް ބުނެފައިވަނީ ތަރައްގީ އާއި މިނިވަން ސުލްހަވެރި ހާރިޖީ ސިޔާސަތެއް ގެންގުޅުމަކީ ކޮންމެ ގައުމެއްގެ ވެސް ހައްގެއް ކަމަށެވެ. ގައުމުތަކުން އެގޮތަށް ކަންތައް ކުރުމުގެ ބަދަލުގައި ވަކި ފަރާތަކަށް ޖެހުމަށް ކުދި ގައުމުތަކަށާއި މެދު ފަންތީގެ ގައުމުތަކަށް ޕޮމްޕިއޯ ފާޅުގައި ބާރުއަޅުއްވަމުން ގެންދަވާ ކަަމަށް ވެސް ޗައިނާ އިން ބުންޏެވެ.

ޗައިނާ އާއި އެމެރިކާއާ ދެމެދު އެންމެ ބޮޑު އަރައިރުމެއް އޮތީ ދެކުނު ޗައިނާކަނޑުގެ ސަރަހައްދެއްގެ މިލްކުވެރިކަމާ މެދު ޗައިނާއިން ކުރާ ދައުވާއާ ހެދި އެވެ. ޗައިނާ ގަބޫލުކުރާ ގޮތުގައި އެއީ ޗައިނާގެ ސަރަހައްދެކެވެ. އެކަމަކު އެ ސަރަހައްދުގެ މިލްކުވެރިކަމާ މެދު ސަރަހައްދުގެ އެހެން ބައެއް ގައުމުތަކުން ވެސް ދައުވާ ކުރެ އެވެ.

އިއްޔެގެ ޕްރެސް ބްރީފިން ގައި ޕޮމްޕިއޯ ވިދާޅުވީ ޗައިނާ އިން ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދު އަސްކަރީ ގޮތުން ބޭނުންކުރާ ކަމަށެވެ. ޗައިނާގެ ބަޔާނުގައި ބުނީ އެ ސަރަހައްދު "މިލިޓަަރައިޒް ކުރަން" ޖެހުނު ސަބަބަކީ އެމެރިކާ ކަމަށާއި އެއީ އެމެރިކާ އިން ޗައިނާގެ ސަރަހައްދުގެ ކައިރީގައި އަސްކަރީ ހަރަކާތްތައް ހިންގުން ކަމަށެވެ.

"އެމެރިކާއިން ގައުމުތަކުގެ ސިޔާދަތަށް އިހުތިރާމްކުރާ ވާހަކަ ޕޮމްޕިއޯ ވިދާޅުވުމުން އެކަން ވައްތަރީ ޖޯކަކާ" ކަމަށް ބަޔާނުގައިވެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ އާއި ތިމާވެށީގެ މައްސަލައިގައި ޕޮމްޕިއޯ ޗައިނާ އަަށް ފާޑުވިދާޅުވެފައި ވާތީ ރައްދު ދެމުން ޗައިނާ އެމްބަސީން ބުނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ޗައިނާ އިން އަންނަނީ ނެޝަަނަލް ކްލައިމެޓް ޗޭންޖް ސްޓްރެޓެޖީއަކަށް އަމަލުކުރަމުން ކަމަށާއި 2060 ވަަނަ އަަހަރާ ހަަމައަށް ދާއިރު ކާބަން ނިއުޓްރަލް ގައުމަކަށް އެ ގައުމު ހަދަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އޭގެ ބަދަލުގައި އެމެރިކާ ވަނީ ތިމާވެށީގެ ހިމާޔަތަށް ހަދާފައިވާ ޕެރިސް އެގްރިމެންޓުން ވެސް ވަކިވެފައި ކަމަށް ވެސް ޗައިނާއިން ބުންޏެވެ.

ރާއްޖެ އާއި ސްރީލަންކާ އަދި އިންޑޮނީޝިއާ ހިމެނޭ ގޮތުން ދެކުނު އިރުމަތީ އޭޝިއާ ސަރަަހައްދަށް ޕޮމްޕިއޯ ކުރެެއްވިި ދަތުރުގައި ޗައިނާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި އެވެ. އެގޮތުން ސްރީ ލަންކާގައި ދެއްކެވި ވާހަކަ އަށް ވެސް ޗައިނާ އިން ރައްދު ދިނެވެ.

އެމެރިކާ އާއި އިންޑިއާ އަދި މި ސަރަހައްދުގެ ބައެއް އެހެން ގައުމުތައް ގުޅިގެން އުފައްދައިގެން އުޅޭ އިންޑޯ-ޕެސިފިކް އެލަޔަންސް ނުވަތަ "ކްއޮޑް" އަކީ އެކި ގައުމުތަކާއި ބްލޮކްތަކުގެ މެދުގައި ހަމަނުޖެހުން އުފައްދައި، ޖިއޯޕޮލިޓިކްސްގެ ވާދަވެރިކަން އިތުރުކުރަން ކުރާ މަސައްކަތެއް ކަމަށް ޗައިނާ އިން ސިފަކުރި އެވެ. ރާއްޖޭގައި ހުންނަވައި ޕޮމްޕިއޯ ވިދާޅުވީ އިންޑޯ-ޕެސިިކް އަށް ރާއްޖެ މުހިއްމު ކަމަށެވެ.

އެމެރިކާ އާއި ރާއްޖޭން ދާދި ފަހުން ސޮއިކުރި ދިފާއީ އެއްބަސްވުމަކީ އިންޑޯ-ޕެސިފިކް އެލަޔަންސަށް ރާއްޖޭން އެއްބާރުލުން ކަމަށާއި މި އެއްބަސްވުމާ އެކު، އިންޑޯ-ޕެސިފިކުން ޗައިނާގެ ނުފޫޒު ކުޑަކޮށް ހުޅުވާލެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ބޭއްވުމަށް އެމެރިކާ އިން ކުރާ މަސައްކަތަށް އެހީއަކަށް ވާނެ ކަމަށް ދޭހަވާ ގޮތަށް ލަންކާގައި ހުންނަވާ އެމެރިކާ ސަފީރު ވެސް ވަނީ ވާހަކަ ދައްކަވައިފަ އެވެ. އެމެރިކާގެ މި މަސައްކަތަށް އިންޑިއާގެ ތާއީދާއި ރުހުން ވަނީ ދީފަ އެވެ.

ޕޮމްޕިއޯ ރާއްޖެއަށް ވަޑައިގެން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެން ދިއުމާ އެކު ސަރުކާރުން ވަނީ އެކަން ފާހަގަކޮށްފަ އެވެ. އަދި އިދިކޮޅުން ވެސް ވަނީ ޕޮމްޕެއޯގެ ދަތުރަށް މަރުހަބާ ކިޔައިފަ އެވެ.