Roadha Mihaaru
ސައިނޮފާމް ވެކްސިންގެ 100،000 ޑޯޒް ގެނެސްފި

ސައިނޮފާމް ވެކްސިންގެ 100،000 ޑޯޒް ގެނެސްފި، އިތުރު 100،000 އަންނަ ހަފްތާގައި

25 މާޗް 2021

ޗައިނާ އިން ރާއްޖެއަށް ދޭނެ ކަމަށް އިއުލާނުކޮށްފައިވާ، ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރާ ސައިނޮފާމް ވެކްސިންގެ 200،000 ޑޯޒްގެ ތެރެއިން 100،000 ޑޯޒް ރޭ ރާއްޖެ ގެނެސް މިއަދު ސަރުކާރާ ހަވާލުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ޗައިނާ އިން ރާއްޖެއަށް ދޭނެ ކަމަށް އިއުލާނުކޮށްފައިވާ، ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރާ ސައިނޮފާމް ވެކްސިންގެ 200،000 ޑޯޒްގެ ތެރެއިން 100،000 ޑޯޒް ރޭ ރާއްޖެ ގެނެސް މިއަދު ސަރުކާރާ ހަވާލުކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ ވެކްސިންތަކާ ރަމްޒީކޮށް ހަވާލުވެޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ. ވެކްސިން ހަވާލުކުރެއްވީ ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖަންގް ލިޖޮންގް އެވެ.

ފޮރިން މިނިސްޓަރު ޝާހިދު އެ ރަސްމިއްޔާތުގައި ވިދާޅުވީ ޗައިނާ އިން ދޭ ވެކްސިންގެ ބާކީ ހުރި 100،000 ޑޯޒް މި މަހުގެ 30 ވަނަ ދުވަހު ރާއްޖެއަށް ގެންނާނެ ކަމަށެވެ.

"މިއަދު ޗައިނާ ސަރުކާރުން މި ދެއްވާ ދެ ލައްކަ ޑޯޒް އަޅުގަނޑުމެން ބޭނުންކޮށް އަޅުގަނޑުމެން އާބާދީގެ އިތުރު 100،000 މީހުންނަށް ފުރަތަމަ ޑޯޒް ދެވޭނެ. އަދި އަނެއް 100،000 ޑޯޒް އެއީ ޗައިނާގެ ވެކްސިންގެ ލިބޭ 100،000 މީހުންނަށް ރައްކާކުރާނެ ވެކްސިން ކަމުގައި ހެލްތު މިނިސްޓަރު ވަނީ އިއުލާންކޮށްފައި،" ޝާހިދު ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބޭއްވި ރަސްމިއްޔާތާ ގުޅޭ ގޮތުން ކުރި ޓްވީޓެއް

ޝާހިދު ވިދާޅުވީ ވެކްސިން ގެނައީ މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮށްގެން އޭގައި ކަމަށާއި ރާއްޖޭގައި ވިޔަފާރިކުރާ ޗައިނާ ކުންފުނިތަކުން އެ ދަތުރުގެ އަގުގެ އެއް ބައި ދެއްކި ކަމަށެވެ.

"ޗައިނާ އިން ރާއްޖޭގައި ވިޔަފާރިކުރަމުން އަންނަ ކުންފުނިތަކަށް އަޅުގަނޑު ވަކިން ހާއްސަކޮށް ޝުކުރު އަދާކުރަން،" ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

ސައިނޮފާމް ވެކްސިން ޖަހަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދިންތާ 10 ދުވަހުގެ ތެރޭގައި ވެކްސިންތައް ރާއްޖެއަށް ގެނެވުމުން އުފާކުރައްވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި މިކަމުގައި ހެލްތު މިނިސްޓްރީ އާއި މިކަމާ ގުޅޭ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތަށް ޝުކުރުއަދާކުރެއްވި އެވެ.

"އަޅުގަނޑުމެންގެ މަގްސަދަކީ ވީހާ ވެސް ކުރު މުއްދަތެއްގައި ވެކްސިން ރާއްޖެއަށް ގެނައުން،" މިނިސްޓަރު ވިދާޅުވި އެވެ.

ޝާހިދު ވަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުން ފާހަގަކުރައްވައި ޗައިނާ ސަފީރު މި މަސައްކަތުގައި ކުރެއްވި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ޗައިނާގެ ސަފީރު ވިދާޅުވީ، ރާއްޖޭގައި ހިންގަމުން އަންނަ އެ ގައުމުގެ ކުންފުނިތަކުން މި ކަމުގައި އެ ކުންފުނިތަކުގެ އިޖްތިމާއީ ޒިންމާ އަދާކޮށް، ރާއްޖެއަށް އެހީތެރިވީތީ އުފާކުރައްވާ ކަމަށެވެ. އަދި ދިވެހިންނަށް ވެކްސިން ދިނުމުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ތައުރީފްކުރެއްވި އެވެ.

މިދިޔަ ހޯމަ ދުވަހު ސައިނޮފާމް ވެކްސިިން ރާއްޖޭގައި ޖަހަން ފެށި ފަހުން، މިހާތަނަށް އޭގެ 4،200 ޑޯޒް ޖަހާފައި ވެ އެވެ. ރާއްޖޭގައިި މިހާތަނަށް 224،979 މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވެ އެވެ. އޭގެ ތެރެއިން 200،000 އަކީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ.