Roadha Mihaaru
އަމީތާބާއި "ކޭބީސީ" ގެ ޓީމްގެ މައްސަލައެއް ފުލުހުންނަށް

އަމީތާބާއި "ކޭބީސީ" ގެ ޓީމްުގެ މައްސަލައެއް ފުލުހުންނަށް

04 ނޮވެމްބަރ 2020

ސޮނީ ޓީވީން މިހާރު ދައްކަމުން އަންނަ އަމީތާބް ބައްޗަން ހޯސްޓްކުރާ ޝޯ، ކޯން ބަނޭގާ ކަރޯޑްޕަތީ (ކޭބީސީ) 12 ގެ އެޕިސޯޑެއްގައި ކުރި ސުވާލަކުން ހިންދޫންނަށް ކުޑައިމީސްކުރެވޭ ކަމަށް ބުނެ އެ މައްސަލަ ބަލައިދޭން އެދި އަމީތާބާއި ޝޯގެ ޓީމްގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސޮނީ ޓީވީން މިހާރު ދައްކަމުން އަންނަ އަމީތާބް ބައްޗަން ހޯސްޓްކުރާ ޝޯ، ކޯން ބަނޭގާ ކަރޯޑްޕަތީ (ކޭބީސީ) 12 ގެ އެޕިސޯޑެއްގައި ކުރި ސުވާލަކުން ހިންދޫންނަށް ކުޑައިމީސްކުރެވޭ ކަމަށް ބުނެ އެ މައްސަލަ ބަލައިދޭން އެދި އަމީތާބާއި ޝޯގެ ޓީމްގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ ހިންދޫންގެ ޖަމާއަތަކުން ހުށަހަޅާފައި ވަނީ ލަކްނޫގެ ފުލުހުންނަށެވެ.

ސޮނީގެ "ކްރައިމް ޕެޓްރޯލް" ހޯސްޓްކުރި އެކްޓަރު އަނޫޕް ސޯނީ އާއި ސޯޝަލް އެކްޓިވިސްޓް ބެޒްވާދާ ވިލްސަނާ އެކު ހުކުރު ދުވަހުގެ ރޭ ގެނެސްދިން އެޕިސޯޑްގައި އަމީތާބް ކުރި އެއް ސުވާލަކީ ޑިސެމްބަރު 25، 1927 ގައި ކުރީގެ ޖޫރިސްޓް ޑރ. ބީއާރް އަމްބޭދުކަރާއި އޭނާގެ ބައިވެރިންތަކެއް އަންދައިލީ ދީނާ ބެހޭ ކޮން ފޮތެއްތޯ؟" އެވެ. އެ ސުވާލުގެ ހަތަރު އިހުތިޔާރަކީ ވިޝްނޫ ޕްރާނާ، ބަގްވަތު ގީތާ، ރިގްދޭވް އަދި މަނޫސުމިރްތީ އެވެ.

އިނާމަކަށް 640،000 ރުޕީސް ހުށަހެޅި ސުވާލުގެ ރަނގަޅު ޖަވާބަކީ "މަނޫސުމިރްތީ" އެވެ. ސުވާލުގެ ޖަވާބު އިތުރަށް ސާފުކޮށްދެމުން އަމީތާބް ވަނީ އެ ފޮތް އަންދައިލި ހާދިސާގެ ވާހަކަ ތަފުސީލު ވެސް ކޮށް ދީފަ އެވެ.

މި ވާހަކަ ހަޖަމުކުރަން ދަތިވެގެން މައްސަލަ ފުލުހުންނަށް ހުށަހެޅި ޖަމާއަތުން ބުނީ އަމީތާބްގެ ޝޯގައި އެފަދަ ސުވާލެއް ގެނެސްދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ސުވާލުތަކަކީ ހިންދޫންނާ ދޭތެރޭ ރުޅިވެރިކަމާއި ނަފުރަތު އުފެދި ބައިބައިވުން އުފެދުމަށް މަގުފަހިވާނެ ފަދަ ވާހަކަތަކެއް ކަމަށެވެ. އަދި "ކޭބީސީ 12" އަކީ ހިންދޫންނާ ދެކޮޅު ޕްރޮޕެގެންޑާއެއް ކަމަށް ވެސް ބުނެފައިވެ އެވެ.

"ކޭބީސީ 12" ގައި ގެނެސްދިން ސުވާލަށް ޑައިރެކްޓަރު ވިވެކް އަގްނިހޯތުރީ ވެސް ފާޑުކިޔައި، ސުވާލު ގެނެސްދިން ވީޑިއޯ ވެސް ޓްވިޓާގައި ހިއްސާކޮށްފައިވެ އެވެ.

މި މައްސަލާގައި އަމީތާބާއި "ކޭބީސީ" ގެ ޓީމުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. މީގެ ކުރިން ވެސް މި ޝޯގެ އެކި ސީޒަންތަކުގައި ގެނެސްދިން ބައެއް ސުވާލުތަކާ ހިތްހަމަނުޖެހިގެން ޝޯއާ ދެކޮޅަށް ބައެއް މީހުން އުޑު އުފުލާފައިވެ އެވެ.