Roadha Mihaaru
ޒަރޫރީ ބޭނުމަކަށް ނޫނަސް ރަށްރަށަށް ދާން ހުއްދަ ދީފި

ޒަރޫރީ ބޭނުމަކަށް ނޫނަސް ރަށްރަށަށް ދާން ހުއްދަ ދީފި

08 ނޮވެމްބަރ 2020

ވަކި ޒަރޫރީ ބޭނުމެއް ނެތަސް މާލެ ސަރަހައްދުން ރަށްރަށަށް ދެވޭ ގޮތަށް އެޗްޕީއޭގެ އުސޫލު ބަދަލުކޮށްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ވަކި ޒަރޫރީ ބޭނުމެއް ނެތަސް މާލެ ސަރަހައްދުން ރަށްރަށަށް ދެވޭ ގޮތަށް އެޗްޕީއޭގެ އުސޫލު ބަދަލުކޮށްފި އެވެ.

ކޮވިޑް-19 މާލެ ސަރަހައްދުގައި ފެތުރުމާ ގުޅިގެން މާލެ ލޮކްޑައުން ކުރުމަށް ފަހު ލުއި ދިން ފަހުން މާލެއިން އެހެން ރަށްރަށަށް ދެވެނީ ކޮންމެހެން ދާން ޖެހޭ ޒަރޫރީ ބޭނުންތަކަށް އެޗްޕީއޭއިން ހުއްދަ ނަގައިގެންނެވެ. އަދި ގޮސް 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ހަމަކުރަން ޖެހެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދުން ފެށިގެން ހުރިހާ ބޭނުމަކަށް ވެސް ރަށްރަށަށް ދެވޭނެ ކަމަށެވެ. ނަމަވެސް ކުރީގެ އުސޫލާ އެއްގޮތަށް ކަރަންޓީން ވާން ޖެހޭނެ ކަމަށް ބުންޏެވެ.

ރަށްރަށަށް ދާ މީހުން ކަރަންޓީން ވާން ޖެހުނު ނަމަވެސް ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް އޮފީސްތަކާއި ކުންފުނިތަކުގެ ފަރާތުން ކުރު މުއްދަތަށް ރަަށްރަށަށް ދާ މީހުން ކަރަންޓީން ވާކަށް ނުޖެހެ އެވެ. ކަރަންޓީން ނުވެ ރަށެއްގައި އެންމެ ގިނަވެގެން ހުރެވޭނީ ފަސް ދުވަހަށެވެ.

ރަށްރަށަށް ދިއުމަށް ހުއްދަ ނަގަން ޖެހެނީ އެޗްޕީއޭގެ ހާލުބެލުން ޕޯޓަލް މެދުވެރިކޮށެވެ. ކަރަންޓީނުގައި ހުރެވޭނީ ރަށު ކައުންސިލް އާއި ރަށުގެ އާރްއާރްޓީ ޓީމުގެ ބެލުމުގެ ދަށުންނެވެ. ރަށަށް ދާން ހުއްދަ ވެސް ދޭނީ ކަރަންޓީންވާން އެކަށީގެންވާ ތަނެއް ހުރިތޯ ބަލައި ކައުންސިލުން އެތަނެއް ފާހަގަކޮށްފަ އެވެ. މީހުން ދިރިއުޅޭ އެއްވެސް ތަނެއްގައި ކަރަންޓީނެއް ނުވެވޭނެ އެވެ. އަދި އުމުރުން ދުވަސްވީ ހައިރިސްކު މީހުންނަށް އެކަނި ވެސް ކަރަންޓީނެއް ނުވެވޭނެ އެވެ.