Roadha Mihaaru
ކޮވިޑްގެ އިތުރު 44 ކޭސް؛ މާލޭ ސަރަހައްދުން 37

ކޮވިޑްގެ އިތުރު 44 ކޭސް؛ މާލޭ ސަރަހައްދުން 37

27 ނޮވެމްބަރ 2020

ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ކޮވިޑް-19 ގެ އިތުރު 44 ކޭސް ފެނިއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ކޮވިޑް-19 ގެ އިތުރު 44 ކޭސް ފެނިއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ ހާމަކުރި ހިސާބުތަކުގައިވާ ގޮތުން މިއީ 1،538 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި މީހުންނެވެ. މި އަދަދާ އެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުން އަދަދު ވަނީ 12،933 އަށް އަރައިފަ އެވެ. އޭގެ ތެރެއިން 11،749 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި 46 މީހަކު ވަނީ މަރުވެފަ އެވެ.

މިއަދުގެ ޕޮޒިޓިވް ކޭސްތަކުގެ ތެރެއިން 37 ކޭހަކީ މާލެ ސަރަހައްދުން ފެނުނު ކޭސްތަކެވެ. ދެން ހިމެނެނީ ރިސޯޓްތަކުން ތިން ކޭސް، މީހުން ދިރިއުޅޭ ރަށްރަށުން ތިން ކޭސް އަދި ހަދަމުން އަންނަ ރިސޯޓަކުން އެއް ކޭހެވެ.

މިހާރު ހާމަކުރާ ދުވަހު ހިސާބުގައި، ޕޮޒިޓިވްވާ މީހުންގެ ގައުމު ވަކިން އެނގޭ ގޮތަކަށް ނުހުރެ އެވެ.

ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން 93 މީހަކަށް ފަރުވާ ދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.

މި ހަފުތާގެ ކުރީކޮޅު ކޮވިޑްގެ ކޭސްތައް ކުއްލިއަކަށް ވަރަށް ބޮޑަށް މައްޗަށް ދިޔަ އެވެ. އެއީ ހަދަމުން އަންނަ ރިސޯޓަކުންނާއި އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓުން ގިނަ ބަޔަކު ޕޮޒިޓިވް ވުމުން އެ ކްލަސްޓާތަކާ ހެދި އެވެ.