Roadha Mihaaru
އާ މެކްބުކްތަކުން ވީޑިއޯ ކޯލް ވަރަށް ފުރިހަމަވާނެ

އާ މެކްބުކްތަކުން ވީޑިއޯ ކޯލް ވަރަށް ފުރިހަމަވާނެ

13 ނޮވެމްބަރ 2020

އެޕަލް އިން އަންގާރަ ދުވަހު ދައްކައިލި އާ މެކްބުކްތައް ވީޑިއޯ ކޯލްތަކަށް ވަރަށް ފުރިހަމަވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެޕަލް އިން އަންގާރަ ދުވަހު ދައްކައިލި އާ މެކްބުކްތައް ވީޑިއޯ ކޯލްތަކަށް ވަރަށް ފުރިހަމަވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެޕަލް އިން ވަނީ މެކްބުކްގެ އާ ތިން ވާޝަނެއް ދައްކާލައިފަ އެވެ. އެއީ މެކްބުކް އެއާގެ އާ ވާޝަނެއްގެ އިތުރުން 13 އިންޗީގެ މެކްބުކް ޕްރޯ އާއި މެކް މިނީ އެވެ. މި އުފެއްދުންތަކުގެ އެންމެ ހާއްސަ އެއް ކަމަކީ ކުރީގެ މެކްބުކްތަކާ ހިލާފަށް އެޕަލް އިން މުޅިން އަލަށް ސީދާ އެ ކުންފުނީގެ ޗިޕް ބޭނުންކޮށްފައި ހުރުމެވެ. އެއަށް ދީފައި ވަނީ ނަމަކީ "M1" އެވެ. ކުރިން މެކްބުކްތަކުގައި ބޭނުންކޮށްފައި ހުންނަނީ އިންޓެލް ޕްރޮސެސާ އެވެ.

އެޕަލް އިން ބުނި ގޮތުގައި ވަރުގަދަ ޒަމާނީ އާ ޗިޕާ އެކު އާ މެކްބުކްތަކުގެ ޕަފޯމަންސް ވެސް ހުރިހާ ގޮތަކުން ރަނގަޅުވާނެ އެވެ. އެގޮތުން ސްޕީޑާއި ބެޓަރީގެ ކޮލިޓީ ވެސް ބޮޑުތަމުން ރަނގަޅުވާނެ އެވެ. އަދި މި ފަހަރުގެ މެކްބުކްތަކަކީ ކުރިއަށް ވުރެ ކޮލިޓީކޮށް ވީޑިއޯ ކޯލް ކުރެވޭނެ އެއްޗެހި ކަމަށް ބުންޏެވެ. އެކަމުގެ ސަބަބުން އާ މެކްބުކްތަކުން މީހާގެ ސިފަ ވެސް ރީތިކޮށްދޭނެ ކަމަށް ބުންޏެވެ.

އެކަމަކު ބައެއް މީހުން ވަނީ އާ މެކްބުކްތަކަށް ބަލާ އިރު މެކްބުކް އެއާގައި ހަމަ ކުރީގެ ވާޝަނާ އެއްގޮތަށް 720ޕީގެ ކެމެރާ ހިމަނާފައިވާތީ އެކަމަށް ފާޑުކިޔައިފަ އެވެ.

އަލަށް ނެރުނު މެކްބުކްތަކުގެ އަގުތަކަށް ބަލާ އިރު މެކްބުކް އެއާގެ އަގު ފެށެނީ 999 ޑޮލަރު (15,394ރ.) އެވެ. މެކްބުކް ޕްރޯގެ އަގަކީ 1،299 ޑޮލަރު (20,017ރ.) އެވެ. އަދި މެކް މިނީގެ އަގު ފެށެނީ 699 ޑޮލަރު (10,771ރ.) އެވެ. މި އުފެއްދުންތަކުގެ ޕްރި-އޯޑަރަށް ވެސް ހުޅުވާލާފައިވާ އިރު، ފެށޭ ހަފުތާގެ ތެރޭގައި ޝިޕްކޮށް ދޭން ފަށާނެ އެވެ.