Roadha Mihaaru
އެޕަލްގެ އަގު 3 ޓްރިލިއަނާ ދިމާއަށް

އެޕަލްގެ އަގު 3 ޓްރިލިއަން ޑޮލަރާ ދިމާއަށް

18 ޑިސެމްބަރ 2021

ދުނިޔޭގެ އެންމެ މަޝްހޫރު ޓެކް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ އެޕަލްގެ އަގު ވަރަށް އަވަހަށް ތިން ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ އެންމެ މަޝްހޫރު ޓެކް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ އެޕަލްގެ އަގު ވަރަށް އަވަހަށް ތިން ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

ވިޔަފާރި ދިރާސާކުރާ ފަރފާތްތަކުން ބުނެފައިވާ ގޮތުގައި ކުންފުނީގެ ހިއްސާގެ އަގު ވެސް މިހާރު ވަރަށް ބޮޑުތަނުން އުފުލިފައިވާތީ މި މަސް ނިމުމުގެ ކުރިން ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު އެޕަލްގެ އަގު ތިން ޓްރިލިއަނަށް އަރާނެ އެވެ. މިއާ އެކު އެ ކުންފުނި ވާނީ އެ ވަރުގެ އަގެއް ހުރި އެމެރިކާގެ ފުރަތަމަ އަދި ދުނިޔޭގެ ވެސް ފުރަތަމަ ކުންފުންޏަށެވެ. މިހާރު އެޕަލް އަކީ 2.94 ޓްރިލިއަންގެ ރައުސުލްމާލެއް އޮތް ކުންފުންޏެކެވެ.

އައިފޯނާއި އައިޕެޑް ފަދަ އާންމުންގެ ތެރޭގައި މަގުބޫލު ޑިވައިސްތައް ނެރޭ އެޕަލް އަކީ އެމެރިކާގެ ކުންފުނިތަކުގެ ތެރެއިން އެންމެ ފުރަތަމަ ޓްރިލިއަން ޑޮލަަރަށް އެރި ކުންފުނި ވެސް މެ އެވެ. އެއީ 2018 ގަ އެވެ.

އެޕަލްގެ ސީއީއޯ ޓިމް ކުކް.

އެޕަލްގެ ސީއީއޯ ޓިމް ކުކް.

އޭގެ ފަހުން އެޕަލްގެ އަގު ދެ ޓްރިލިއަން ޑޮލަރު ހުރަސްކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އެވެ. ޓެކް ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި ގޮތުގައި މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު ވިޔަފާރި އަށް އަސަރުކޮށް، އުފެއްދުންތަކަށް ބޭނުންވާ ޗިޕްގެ ތާށިކަމާ އެކު ވެސް އެޕަލް އިން މި އަހަރު އައިފޯން 13 ނެރެގެން އެއަށް ވެސް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ އިރު، ހިއްސާގެ ބާޒާރުގައި މިހާރު ހިއްސާގެ އަގުތައް އުފުލުމަކީ އެޕަލްގެ ވިޔަފާރީގެ ދުވެލި ވަރަށް ރަނގަޅު މިސްރާބަކަށް ހުރިކަމުގެ ހެއްކެކެވެ.

ހިއްސާގެ ބާޒާރުގައި އެޕަލްގެ ހިއްސާއެއްގެ މިހާރު އުޅެނީ އެވްރެޖްކޮށް 175.25 ޑޮލަރުގަ އެވެ. މި އަހަރަށް ބަލާ އިރު އެޕަލްގެ ހިއްސާ އަގަށް 30 ޕަސެންޓްގެ ކުރިއެރުމެއް ވެސް އައިސްފައިވެ އެވެ. މީޑިއާތަކުން ބުނި ގޮތުގައި ކުންފުނީގެ ފައިދާ ބޮޑުވަމުން ދިއުމުން ދައްކުވައިދޭ އެއް ކަމަކީ އެޕަލް އިން "ސެލްފް ޑްރައިވިން" ކާރު ނެރުމަށް ކުރާ މަސައްކަތަށް ވެސް އިތުބާރު ބޮޑުކޮށްދޭ ކަމެކެވެ. އެ ކުންފުނިން ކާރު ނެރޭނެ ކަމަށް ބެލެވެނީ 2024 ނުވަތަ 2025 ގަ އެވެ.