Roadha Mihaaru
އދ.ގެ އާއްމު މަޖިލީހަށް ސައުދީގެ ތާއީދު ރާއްޖެއަށް

އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ރާއްޖެ ގެންނަން ސައުދީން ތާއިދުކޮށްފި

13 ނޮވެމްބަރ 2020

ރާއްޖެއަށް އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަން ދައިދިނުމަށް ސައުދީ އަރަބިޔާ އިން ތާއިދުކުރާކަމަށް އަންގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެއަށް އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަން ދައިދިނުމަށް ސައުދީ އަރަބިޔާ އިން ތާއިދުކުރާކަމަށް އަންގައިފި އެވެ.

އެނގިފައިވާ ގޮތުގައި، ސައުދީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދިލް ބިން އަހުމަދު އަލް ޖުބައިރު ވަނީ، އަންނަ އަހަރުގެ އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގެންނާނެކަން ހާމަކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ސިޓީއެއް ފޮނުއްވައިފަ އެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލްކޮށްފައިވަނީ ސެޕްޓެމްބަރު 14، 2021 ގަ އެވެ. ކޮންމެ ދައުރަކަށް ވަކި ރައީސަކު އިންތިހާބު ކުރަން ޖެހޭއިރު އާންމު މަޖިލީހުގެ ދައުރު ފެށުމުގެ ތިން މަސް ކުރިން މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރަން ޖެހެ އެވެ. އެހެންކަމުން، އަންނަ އަހަރުގެ މެދެެއްހާ ހިސާބުގައި އިންތިޚާބު ބާއްވަންޖެހޭނެ އެވެ.

އެ އިންތިޚާބު ކާމިޔާބުކޮށް އާއްމު މަޖިލީހުގެ ރައީސްކަން ހޯދުމުގެ ކެމްޕެއިނަށް އަންނަ އަހަރުގެ ރާއްޖޭގެ ބަޖެޓުން ވަނީ 4.3 މިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ.

މީގެ ކުރިން އިންޑިއާ އިން ވެސް ވަނީ އަންނަ އަހަރުގެ އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަން ރާއްޖެއަށް ހޯދައިދޭނެކަން އަންގައިފަ އެވެ. އެ ގައުމުން އެކަން ހާމަކުރީ، އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ މިދިޔަ ހަފުތާގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގަ އެވެ.

އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލާން ނިންމިއިރު، ރާއްޖެއިން ވަނީ އެ ޖަމާއަތުގެ އެންމެ ބާރުގަދަ ކައުންސިލް، އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑިއަށް ވާދަކުރަން ވެސް ނިންމައިފަ އެވެ.

ރާއްޖެ އިން ކުރިމަތިިލާން ނިންމީ 2023-2025 އަށް ދެމިގެންދާ ދައުރަށެވެ. އެ އިންތިޚާބު އޮންނާނީ 2022 ގަ އެވެ.