Roadha Mihaaru
ބަަރުލަމާނީއާ ދެކޮޅަށް ވާހަކަދެއްކުމުން މަލީހަށް ނުރުހުން

ބަަރުލަމާނީ ނިޒާމާ ދެކޮޅަށް ވާހަކަ ދެއްކެވުމުން މަލީހަށް ނުރުހުން

14 ނޮވެމްބަރ 2020

ރާއްޖޭގައި ބަރުލަމާނީ ނިޒާމަކަށް ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް ފާޑުވިދާޅުވުމުން މަޖިލީހުގެ ބައެއް މެމްބަރުންގެ ނުރުހުން ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އަށް އަމާޒު ވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ރާއްޖޭގައި ބަރުލަމާނީ ނިޒާމަކަށް ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް ފާޑުވިދާޅުވުމުން މަޖިލީހުގެ ބައެއް މެމްބަރުންގެ ނުރުހުން ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އަށް އަމާޒު ވެއްޖެ އެވެ.

ވީޓީވީގެ ޕްރޮގްރާމެއްގައި އިއްޔެ ވާހަކަދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ގާނޫނު ހަދާ ތަނެއް ކަމަށާއި ސަރުކާރު ހިންގުމުގެ ކަންކަމުގައި މެމްބަރުން އުޅުއްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. ނަމަވެސް ބައެއް މެމްބަރުންގެ އަމަލުތައް އެއާ ހިލާފުކަން މަލީހު ފާހަގަކުރެއްވި އެވެ.

"މިއަދު މަޖިލީހުގެ ބައެއް ބޭފުޅުންނަށް ހީފުޅުވެވަޑައިގެންނަވަނީކަން ނޭނގޭ އެ ބޭފުޅުންނޭ ސަރުކާރު ހިންގަވަނީ. ސަރުކާރު ހިންގަންވީ ސިޔާސަތެއް ރައްޔިތުންގެ މަޖިލީހަށް ކަނޑައެއް ނޭޅޭނެ. އެއީ އެ ބޭފުޅުންގެ ޒިންމާއެއް ނޫން،" މަލީހު ވިދާޅުވި އެވެ.

އެ ޕްރޮގްރާމްގައި އޭނާ ވަނީ ރިޔާސީ ނިޒާމަކީ އެންމެ ކާމިޔާބު ނިޒާމު ކަމަށާއި މި ނިޒާމުގައި އޮވެ އެހެން ނިޒާމަކަށް ބަދަލުވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

"ބަރުލަމާނީ ނިޒާމެއް ގެންނަން ފުރުސަތެއް ނުދޭނަން. ވަރަށް ސާފުކޮށް މިދަންނަވަނީ."

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަށާއި އެ ޕާޓީގެ ގިނަ ބަޔަކު ތާއީދުކުރާ ނިޒާމަށް ފާޑުވިދާޅުވުމާ ގުޅިގެން އެމްޑީޕީގެ މަޖިލިސްގެ ގިނަ މެމްބަރުން އަންނަނީ އޭނާއާ މެދު ނުރުހުން ފާޅުކުރައްވަމުންނެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހީވާގޮތުން އެއީ "މަލީހަކަށް ނޭނގޭނެ އޭ ވިދާޅުވާން އުޅުއްވަނިކޮށް މަޖިލީހަކަށް ނޭނގޭނެ އޭ" މަލީހަށް ވިދާޅުވެވުނީ ކަމަށެވެ.

އިނގުރައިދޫ ދާއިރާގެ އަހްމަދު ހަސަން ކުރެއްވި ޓުވީޓު

ހެންވޭރު ދެކުނު ދާއިރާގެ ހުސައިން ޝަމީމް (އަނދުން ހުސައިން) ވެސް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓުގައި ވިދާޅުވީ މަލީހަކީ ވަރަށް ކުޑަ ބޭފުޅެއް ކަމަށެވެ. އެގޮތުން މަލީހު މިނިސްޓަރު ކަމަށް އައްޔަން ކުރަން ރުހުންދީ މަގާމުން ދުރުކުރަން އިތުބާރު ނެތް ކަމަށް ނިންމަނީ ވެސް މަޖިލީހުން ކަން އޭނާ ހަނދާންކޮށްދެއްވި އެވެ.

އިނގުރައިދޫ ދާއިރާގެ އަހްމަދު ހަސަން (ހަސަންޓޭ) ވިދާޅުވީ މަޖިލިސް ހިންގަވަން ވީ ގޮތެއް މަލީހަށް އެނގިވަޑައި ނުގަންނަވާނެ ކަމަށެވެ. ފާއިތުވި ދެ އަހަރު ހޭދަކުރެއްވީ "އަމިއްލަ ގޭ ޓެރަހުގައި ދިހަބާރަ ވައްތަރުގެ މިރުސް ހައްދަވަން" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރަށް މަޑަވެލީ ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވެސް ވަނީ މިނިސްޓްރީގެ މެންޑޭޓުގައި އޮތް ކަންކަން ކުރައްވަން މަލީހުގެ ކިބައިން އެދިވަޑައިގެންފަ އެވެ.