Roadha Mihaaru
އިރާގުގެ ބޯޑަރަށް ތުރުކީން ބަރު ހަތިޔާރު ޖަމާކޮށްފި

އިރާގުގެ ސަރަހައްދީ ރޮނގު ކައިރިއަށް ތުރުކީން ބަރު ހަތިޔާރު ޖަމާކޮށްފި

02 ނޮވެމްބަރ 2016

އަންކާރާ (ނޮވެމްބަރު 2) - އިރާގުގެ ސަރަހައްދީ ރޮނގާ ކައިރިއަށް ތުރުކީން ޓޭންކާއި އެނޫން ވެސް ބަރު ހަތިޔާރު ޖަމާކޮށްފައިވާ ކަމަށް އަސްކަރީ ފަރާތްތަކުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަންކާރާ (ނޮވެމްބަރު 2) - އިރާގުގެ ސަރަހައްދީ ރޮނގާ ކައިރިއަށް ތުރުކީން ޓޭންކާއި އެނޫން ވެސް ބަރު ހަތިޔާރު ޖަމާކޮށްފައިވާ ކަމަށް އަސްކަރީ ފަރާތްތަކުން ބުނެފި އެވެ.

އިރާގުގެ ސަރަހައްދީ ރޮނގު ކައިރި އަށް ތުރުކީން 30 އަށް ވުރެ ގިނަ އަސްކަރީ ވެހިކަލް ފޮނުވާފައިވާ ކަމަށް އަސްކަރީ ފަރާތްތަކުން ވަނީ އޭއެފްޕީ އަށް މައުލޫމާތު ދީފަ އެވެ. އިރާގުގެ ސަރަހައްދީ ރޮނގު ކައިރިއަށް ތުރުކީން ބަރު ހަތިޔާރު ޖަމާކޮށްފައި މިވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުން މޫސަލް ހިފުމުގެ އެންމެ ފަހު މަރުހަލާ އިރާގު ސިފައިން ފަށާފައި ވަނިކޮށެވެ. ތުރުކީން ތަކުރާރުކޮށް ދަނީ މޫސަލް ހިފުމުގެ ހަނގުރާމައިގައި ބައިވެރިވާން ބޭނުންވާ ކަމަށް ބުނަމުންނެވެ. މޫސަލް ހިފުމުގެ ހަނގުރާމައިގައި ކުރުދީން ބައިވެރި ކުރުމާ ތުރުކީން ދަނީ ދެކޮޅު ހަދަމުންނެވެ. ކުރްދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) އިން ދަނީ 1984 ވަނަ އަހަރުން ފެށިގެން ތުރުކީގައި ވަކިވެގަތުމުގެ ހަރާކާތްތައް ހިންގަމުންނެވެ.

ތުރުކީގެ ދިފާއީ ވަޒީރު ފިކްރީ އިސިކް އިއްޔެ ވިދާޅުވީ އިރާގުގެ ސަރަހައްދީ ރޮނގު ކައިރި އަށް ހަތިޔާރު ޖަމާކުރީ އެ ސަރަހައްދުގައި މިހާރު ކުރިއަށްދާ ކަންކަމާ ގުޅިގެން ތުުރުކީން ވެސް ތައްޔާރީ ހާލަތުގައި އޮތުމަށް ކަމަށެވެ. އިސިކް ވަނީ ތުރުކީގައި ވެސް އައިއެސް އާއި ޕީކޭކޭއާ ދެކޮޅަށް އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މޫސަލް ހިފުމަށް އިރާގު ސިފައިން އިއްޔެ ވަނީ އެ ސިޓީ އަށް ވަދެފަ އެވެ. ތުރުކީ އާއި ރަޝިޔާ އިން އިއްޔެ ބޭއްވި ބައްދަލުވުމުގައި މޫސަލް އަށް އިރާގު ސިފައިން ދޭ ހަމަލާތަކާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާ ކޮށްފަ އެވެ.