Roadha Mihaaru
އައިއެސްއަށް އިރާގުގެ އިންޒާރު: އަމާންދީ، ނޫނީ މަރުވޭ

އައިއެސް އަށް އިރާގުގެ އިންޒާރު: އަމާންދީ، ނޫނީ މަރުވޭ

01 ނޮވެމްބަރ 2016

ބަޣުދާދު (ނޮވެމްބަރު 1) - މޫސަލްއާ އިރާގު ސިފައިން ކައިރިވަމުންދާ އިރު ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ވަރުގަދަ އިންޒާރެއް ދެއްވައިފަ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަޣުދާދު (ނޮވެމްބަރު 1) - މޫސަލްއާ އިރާގު ސިފައިން ކައިރިވަމުންދާ އިރު ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ވަރުގަދަ އިންޒާރެއް ދެއްވައިފަ އެވެ.

ކޮމްބެޓް ޔުނިފޯމް ލައްވައިގެން އިރާގުގެ ރަސްމީ ޓީވީ އަށް އަރުއްވާ އަބާދީ ވިދާޅުވީ އައިއެސް އަށް އިތުރު ގޮތެއް ނެތް ކަމަށެވެ. ހަމައެކަނި އޮތީ އެ މީހުން އަމާން ދިނުން ނޫނީ މަރުވެ ދިއުން ކަމަށެވެ. އަބާދީ އަކީ އިރާގު ސިފައިންގެ ކޮމާންޑަ-އިން-ޗީފް ވެސް މެ އެވެ.

އިރާގު ސިފައިން މިހާރު ތިބީ މޫސަލްގެ އިރުމަތިން އެއް ކިލޯ މީޓަރު (0.62 މޭލު) ދުރުގަ އެވެ. އިރާގުގެ ލަޝްކަރުން މިހާރު ތައްޔާރުވަމުން ދަނީ މޫސަލް އަށް ވަދެގަތުމަށެވެ. އަނެއްކޮޅުން ސިފައިންގެ ލަޝްކަރެއް ދަނީ މޫސަލްގެ ދެކުނުން ވެސް އެ ސިޓީއާ ކައިރިވަމުންނެވެ.

އަބާދީ ވިދާޅުވީ ހުރިހާ ދިމާއަކުން ވެސް އައިއެސް ބައްދާލާނެ ކަމަށާއި މާތްﷲ ގެ އިރާދަފުޅާ އެކު "ހަރުފައިގެ ބޯ" މިފަހަރު ބުރިކޮށްލާނެ ކަމަށެވެ.

މޫސަލް ހިފުމުގެ ހަނގުރާމައިގައި އިރާގު ސިފައިންގެ އިތުރުން ކުރުދީންނާއި ޝިއައީން ވެސް ދަނީ ބައިވެރިވަމުން.

މޫސަލް ހިފުމުގެ ހަނގުރާމައިގައި އިރާގު ސިފައިންގެ އިތުރުން ކުރުދީންނާއި ޝިއައީން ވެސް ދަނީ ބައިވެރިވަމުން.

އިރާގުގެ ކައުންޓާ-ޓެރަރިޒަމް ސާވިސް (ސީޓީއެސް) ލަޝްކަރާ އެކު ދަތުރުކުރާ ބީބީސީގެ ރިޕޯޓަރު އިއާން ޕަންވެލް ބުނީ މޫސަލް އަށް ހަމަލާތައް ދެމުންދާ އިރު އައިއެސްގެ ހަނގުރާމަވެރިންގެ ފަރާތުން ވެސް ބައެއް ކަހަލަ ރައްދު ކުރިމަތިކުރާ ކަމަށެވެ. އަދި އިރާގު ސިފައިންނަށް ކާރު ބޮމުގެ ހަމަލާތައް އަމާޒުކުރާ ކަމަށް ވެސް ބުންޏެވެ.

އިރާގު ސިފައިންގެ ޔުނިޓްތަކުން އިއްޔެ ވަނީ މޫސަލްގެ އިރުންނާއި އުތުރު އަދި ދެކުނުން ވަރަށް ގިނަ އަވަށްތައް ހިފާފައިވާ ކަމަށް ސިފައިން ވަނީ ބުނެފަ އެވެ. މޫސަލް އަށް ވަދެގަތުމުގެ ފަހު އޮޕަރޭޝަން ފަށާނެ އިރެއް އަދި ނޭނގެ އެވެ. މޫސަލް ހިފަން މީގެ ދެ ހަފުތާ ކުރިން ފެށި ހަނގުރާމައިގައި އިރާގު ސިފައިންނާއި ކުރުދީ އަދި ޝިއައީންގެ 50،000 މީހުން ދަނީ ބައިވެރިވަމުންނެވެ. މޫސަލް ހިފުމުގެ ހަނގުރާމަ މިދިޔަ މަހު 17 ވަނަ ދުވަހު ފެށުމުގެ ކުރިން އެ ސިޓީގައި 3،000-5،000 އާ ދެމެދުގެ އަދަދަކަށް އައިއެސްގެ ހަނގުރާމަވެރިން ތިބި ކަމަށްވެ އެވެ. އަދި އެ ސިޓީގައި އާއްމުންގެ 1.5 މިލިއަން މީހުން ތިބި ކަމަށް ވެސް ވެ އެވެ. ހަނގުރާމަ ފެށި ފަހުން 17،700 މީހުން މޫސަލް ދޫކޮށް ގޮސްފައިވާ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ.

އައިއެސްގެ ބާރުގެ ދަށަށް އިރާގުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ ގެންދިޔައީ ޖޫން، 2014 ގަ އެވެ. އައިއެސްގެ ޚިލާފަތު އެ ޖަމާއަތުގެ ލީޑަރު އަބޫބަކުރު އަލް ބަޣުދާދީ އިއުލާންކުރީ ވެސް މޫސަލްގަ އެވެ.