Roadha Mihaaru
މޫސަލް ކައިރިން އާއްމުންގެ އެތައް ބަޔަކު މަރައިފި

މޫސަލް ކައިރިން އައިއެސް އިން އާއްމުންގެ އެތައް ބަޔަކު މަރައިފި

22 އޮކްޓޯބަރ 2016

ބަޣުދާދު (އޮކްޓޯބަރު 22) - އިރާގު ސިފައިން މޫސަލްއާ ކައިރިވަމުންދާ އިރު އެ ސަރަހައްދުން ފިރިހެނުންނާއި ފިރިހެން ކުދިންގެ ތެރޭން 284 މީހުން އިސްލާމިކް ސްޓޭޓް (އައިއެސް) އިން މަރާފައިވާ ކަމަށް އިރާގުގެ ޖާސޫސީ ފަރާތްތަކުން މައުލޫމާތު ދީފައިވާ ކަމަށް ސީއެންއެން އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަޣުދާދު (އޮކްޓޯބަރު 22) - އިރާގު ސިފައިން މޫސަލްއާ ކައިރިވަމުންދާ އިރު އެ ސަރަހައްދުން ފިރިހެނުންނާއި ފިރިހެން ކުދިންގެ ތެރޭން 284 މީހުން އިސްލާމިކް ސްޓޭޓް (އައިއެސް) އިން މަރާފައިވާ ކަމަށް އިރާގުގެ ޖާސޫސީ ފަރާތްތަކުން މައުލޫމާތު ދީފައިވާ ކަމަށް ސީއެންއެން އިން ބުނެފި އެވެ.

ބުރާސްފަތި ދުވަހާއި ހުކުރު ދުވަހުގެ ހަމަލާތަކުގައި މަރުވި މީހުންނަކީ އައިއެސް އިން އައްޑަނައެއްގެ ގޮތުގައި ބޭނުންކުރި މީހުން ކަމަށް ވެސް ބުނެފައިވެ އެވެ. އަދި މޫސަލްގެ ދެކުނުގެ ހިސާބުތަކުން އައިއެސް ވަރަށް ބޮޑަށް ފަހަތަށް ޖެހިފައިވާ ކަމަށް ވެސް އިރާގުގެ ޖާސޫސީ އޮފިޝަލުން ވަނީ ބުނެފަ އެވެ.

އދ. އިން ވަނީ މޫސަލްއާ ކައިރީގައިވާ ހިސާބުތަކުން 550 އާއިލާ އައިއެސް އިން އިންސާނީ އައްޑަނައެއްގެ ގޮތުގައި ބޭނުންކުރަމުންދާތީ ކަންބޮޑުވާ ކަމަށް ބުނެފަ އެވެ. އދ.ގެ ހިއުމަން ރައިޓްސް އޮފީހުގެ ޑިޕިއުޓީ ތަރުޖަމާން ރަވީނާ ޝަމްދާސާނީ ވިދާޅުވީ އައިއެސް އިން ވަނީ ނަޖަފިއާ އިން 350 އަދި ސަމާލިއާ އިން 200 އާއިލާ އިންސާނީ އައްޑަނަ އަކަށް ބޭނުންކުރަން ރަހީނުކޮށްފައި ކަމަށެވެ.

އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނާ ޒއިދު ރާދު އަލް ހުސައިން ވިދާޅުވީ މޫސަލްއާ ކައިރީގައިވާ އަވަށްތަކުގެ މީހުން އެ އަވަށްތަކުން ނުކުމެ މޫސަލް އަށް މިސްރާބު ޖެހުމަށް އައިއެސް އިން އަންގަމުންދާ ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ. އިރާގު ސިފައިން މޫސަލްއާ ކައިރިވަމުންދާ ވަރަކަށް އިންސާނީ އައްޑަނައެއްގެ ގޮތުގައި އާއްމުން ބޭނުން ކުރަމުންދާ މައްސަލައިގައި ކަންބޮޑުވާ ކަމަށް ވެސް ހިއުމަން ރައިޓްސް އޮފީހުން ވަނީ ބުނެފަ އެވެ.

މޫސަލް ހިފުމަށް ހަމަލާ ދެމުންދާ އިރާގު ސިފައިންގެ ލަޝްކަރުން ވަނީ ތާލް ކައިފް ޓައުނަށް ވަދެފަ އެވެ. މިއީ މޫސަލްގެ އުތުރުން ހަ މޭލު ދުރުގައި އޮންނަ ސިޓީއެކެެވެ. އަދި ހަމްދާނިއްޔާ ނުވަތަ ގަރާގޮޝް ހިފުމަށް މިއަދު ހެނދުނު ވަނީ ވަރުގަދަ ހަމަލާތަކެއް ފަށައިފަ އެވެ. މިއީ މޫސަލްގެ އިރު ދެކުނުން ނުވަ މޭލު ދުރުގައި އޮންނަ ސިޓީއެކެވެ. މި ހަމަލާތަކުގައި އައިއެސްގެ 50 ހަނގުރާމަވެރިން މަރާލާ އެ މީހުންގެ ސާމާނުތައް ނައްތާލާފައިވާ ކަމަށް އިރާގުގެ ޖޮއިންޓް އޮޕަރޭޝަންސް ކޮމާންޑުން ވަނީ ބުނެފަ އެވެ.