Roadha Mihaaru
މޫސަލްއާ ކައިރިވާ ވަރަކަށް އައިއެސްގެ އަނިޔާތައް ބޮޑު

މޫސަލްއާ ކައިރިވާ ވަރަކަށް އައިއެސްގެ އަނިޔާވެރިކަން ދަނީ ބޮޑުވަމުން: އދ

26 އޮކްޓޯބަރ 2016

ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 26) - އިރާގު ސިފައިން މޫސަލްއާ ކައިރިވާ ވަރަކަށް އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަނިޔާވެރިކަން ބޮޑުވަމުންދާ ކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށް އދ. އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 26) - އިރާގު ސިފައިން މޫސަލްއާ ކައިރިވާ ވަރަކަށް އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަނިޔާވެރިކަން ބޮޑުވަމުންދާ ކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށް އދ. އިން ބުނެފި އެވެ.

އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނާގެ ތަރުޖަމާން ރުޕާޓް ކޮލްވީލް ވިދާޅުވީ އެއް އަވަށުން އަނެއް އަވަށަށް ދިޔަ އާއިލާއެއްގެ ތިން އަންހެނުންނާއި ތިން ކުޑަ ކުދިން ގަޔަށް ބަޑި ޖަހާ މަރާލާފައިވާ ކަމަށެވެ. އަދި އެހެން ހިސާބަކުން އާއްމުންގެ 15 މީހުން މަރާލާ ކޯރަކަށް އެއްލާލާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އދ. އިން ބުނީ މިއީ އައިއެސްގެ އަނިޔާވެރިކަން ކަމަށާއި އެކަމުގެ ބިރު ބޮޑު ކަމަށެވެ. އަދި މޫސަލް ހިފަން އެ ސިޓީއާ ކައިރިވާ ވަރަކަށް އާއްމުން އިންސާނީ އައްޑަނައަކަށް ބޭނުން ކުރުން އިތުރުވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މޫސަލްއާ ކައިރީގައިވާ އަވަށްތައް އިރާގު ސިފައިން ދަނީ ހިފަމުން. --ފޮޓޯ:އޭއެފްޕީ

މޫސަލްއާ ކައިރީގައިވާ އަވަށްތައް އިރާގު ސިފައިން ދަނީ ހިފަމުން. --ފޮޓޯ:އޭއެފްޕީ

އިރާގު ސިފައިންނާއި ކުރުދީ ހަނގުރާމަވެރިން އަދި ޝިއައީ ހަނގުރާމަވެރިންގެ 30،000 މީހުންގެ ލަޝްކަރަކާ އެކު މޫސަލް ހިފުމުގެ ހަނގުރާމަ ފެށީ މީގެ އަށް ދުވަސް ކުރިންނެވެ. މި އޮޕަރޭޝަން ހަފުތާތަކަށް ނުވަތަ މަސްތަކަކަށް ދެމިގެންދާނެ ކަމަށް ބެލެވެ އެވެ. މޫސަލްގައި އައިއެސްގެ 3،000-5،000 ދެމެދުގެ ހަނގުރާމަވެރިން ތިބި ކަމަށްވެ އެވެ.

ޕެރިހުގައި ބޭއްވި ކޯލީޝަންގެ ބައިވެރިިވެރިންގެ ބައްދަލުުވުމަކަށް ފަހު އެމެރިކާގެ ދިފާއީ ވަޒީރު އޭޝް ކާޓާ ވިދާޅުވީ މޫސަލް ހިފުމުގެ ހަނގުރާމަ ދަނީ ޕްލޭނާ އެއްގޮތަށް ކަމަށެވެ. އަދި ސީރިއާގައި އައިއެސްގެ ވެރިރަށުގެ ގޮތުގައި ބަލާ ރައްގާ އިން ވެސް އައިއެސް އެކަހެރި ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ކާޓާ ވިދާޅުވި އެވެ.

މޫސަލް ހިފުމުގެ ހަނގުރާމައިގައި މިހާރު ހަމަލާތައް ކުރިއަށްދަނީ އެ ސިޓީގެ އުތުރާއި އިރުމައްޗާ އަދި ދެކުނުގެ ހިސާބުތަކުގަ އެވެ. އެމެރިކާ ކޯލީޝަނުން ބުނެފައި ވަނީ ހަފުތާއެއްގެ ތެރޭގައި ވައިގެ 32 ހަމަލާދީފައިވާ ކަމަށެވެ. އައިއެސް އިން އާދިއްތަ ދުވަހު ހަމަލާ ދިން އަންބާރު ޕްރޮވިންސްގެ ރުތުބާ ހިފާފައިވާ ކަމަށް އިރާގު ސިފައިން ވަނީ ބުނެފަ އެވެ.