Roadha Mihaaru
"ޗައިނާގެ ލޯނުތައް ދެއްކުމަށް އެއްވެސް ލުޔެއް ނުދިން"

ޗައިނާގެ ލޯނުތައް ދެއްކުމަށް އެއްވެސް ލުޔެއް ނުދިން: ނަޝީދު

17 ނޮވެމްބަރ 2020

ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔެ ބަންދުވެފައިވާ މި ހާލަތުގައި ލޯނުތައް ދެއްކުމަށް ޗައިނާއިން އެއްވެސް ލުޔެއް ނުދިިން ކަމަށާއި ރާއްޖެއާ މެދު އެ ގޮތަށް ކަންތައް ނުކުރެއްވުމަށް ޗައިނާ ރައީސް ޝީ ޖިންޕިންގެ ކިބައިން، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔެ ބަންދުވެފައިވާ މި ހާލަތުގައި ލޯނުތައް ދެއްކުމަށް ޗައިނާއިން އެއްވެސް ލުޔެއް ނުދިިން ކަމަށާއި ރާއްޖެއާ މެދު އެ ގޮތަށް ކަންތައް ނުކުރެއްވުމަށް ޗައިނާ ރައީސް ޝީ ޖިންޕިންގެ ކިބައިން، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން، ނަޝީދު ދެއްވި ސްޕީޗުގައި ވިދާޅުވީ ޗައިނާ ފަދަ ބޮޑު އަދި ތަނަވަސް ގައުމަކުން، ރާއްޖޭގައި ތިބި ހަތަރު ލައްކަ މީހުން ކައިރީގައި "ފަށްޓަރުބައި ވިއްކާފައި" އެ ގައުމުގެ ބޭންކުތަކަށް އަނބުރާ ފައިސާ ދައްކާށޭ ބުނާތީ އަޖައިބުވެ އަންތަރީސްވެވަޑައިގަންނަވާ ކަމަށެވެ.

ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތަސް ޗައިނާއިން އެއްވެސް ލުޔެއް ނުދިން ކަމަށް، އެމްޑީޕީގެ ހަރުގޭގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.

"..މުޅި ދުނިޔެ އޮތީ ބަންދުވެފައި. ހުޅުވާފައި ހުރި އެކަކު ވެސް ހުރީކީ ނޫން. ލާރިއެއް ފޮނުވާލެވޭ މިންވަރަށް ވެސް ހުޅުވާފަކާއެއް ނެތް. އެހެން ނަމަވެސް އެއްވެސް ލުޔެއް ނެތޭ، އެއްވެސް ލުޔެއް ނެތޭ. ކޮބާތޯ އިންސާފަކީ. ޗައިނާގެ ރައީސަށާއި ޗައިނާ ސަރުކާރަށް އަޅުގަނޑު ފަށްފަށުން ދަންނަވަން ބޭނުން، ދިވެހިރާއްޖެ އަށް ތިހެން ނުހައްދަވާށޭ. އާދޭހޭ، އާދޭހޭ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޗައިނާގެ ބޭންކުން ލޯނު ނުނަގާ ކަމަށް ވިދާޅުވަނީ ނޫން ކަމަށާއި އެކަމަކު މި ދަތި ދުވަސްވަރު ލުޔެއް ނުދިނުމުން ނަޝީދު ވަނީ އިންސާފު ކޮބައިތޯ ސުވާލު އުފައްދަވައިފަ އެވެ.

މި އަހަރު ބާކީ އޮތް ދެ މަހަށް ޗައިނާއަށް އަނބުރާ 83 މިލިއަން ޑޮލަރު ދައްކަންޖެހޭތީ ވެސް ނަޝީދު ވަނީ ކަންބޮޑުވެވަޑައިގެންފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއިން ނެގި ލޯނުތަކުގެ ތެރެއިން އަންނަ އަހަރު އަނބުރާ ދައްކަން ޖެހޭ ލޯނުގެ އަދަދު ފަސް ބިލިއަން ރުފިޔާ އަށް އަރާ ކަމަށާއި އަންނަ އަހަރު އެ ފައިސާ ދެއްކެން ނެތުމުން، ހަދަންޖެހޭ ގޮތަކީ، ނަޝީދު ވިދާޅުވި ގޮތުގައި ދަރަންޏަށް ނަގާފައި ދަރަނި ދެއްކުމެވެ.

"އަޅުގަނޑުމެން މިއަދު ތާށިވެ މި ތިބީ ނުހަނު އުނދަގޫ ތަނެއްގައި،" ނަޝީދު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 82.8 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކޮށްފަ އެވެ.