Roadha Mihaaru
ޖޭއެސްސީ ކޮމްޕޮޒިޝަން ބަދަލުކުރުން ލަހެއް ނުވޭ: ނަޝީދު

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުން އަދި ލަހެއް ނުވޭ: ނަޝީދު

19 ނޮވެމްބަރ 2020

ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން ޖުޑީޝަލް ސާވިސް ކޮމިޝަންގައި ނުތިބޭ ގޮތަށް އެތަނުގެ ކޮމްޕޮޒިޝަން ބަދަލުކުރުން އަދި ލަސް ނުވާ ކަމަށާއި މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އެކަން ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން ޖުޑީޝަލް ސާވިސް ކޮމިޝަންގައި ނުތިބޭ ގޮތަށް އެތަނުގެ ކޮމްޕޮޒިޝަން ބަދަލުކުރުން އަދި ލަސް ނުވާ ކަމަށާއި މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އެކަން ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީގައި ތިއްބަވަނީ ސުޕްރީމް ކޯޓާއި ހައި ކޯޓާއި ދަށު ކޯޓުތަކުގެ ތިން ފަނޑިޔާރުންނާއި މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެމްބަރަކާއި ރައީސްގެ މެމްބަރަކާއި ބަންޑާރަ ނައިބުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސާއި އާންމުންގެ ތެރެއިން މެމްބަރަކާއި ވަކީލުންގެ ތެރެއިން މެމްބަރެކެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެއީ އެމްޑީޕީގެ ވައުދެއް ކަމަށާއި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ތެރޭގައި ވެސް އެކަން ހިމެނޭ ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންގެ ފަސް އަހަރުގެ ތެރޭގައި އެކަން ކުރާނެ. އެއީ އެއްވެސް ހާލެއްގައި ޝައްކު ހިނގާ ކަމެއް ނޫން،" މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީ އަށް ދިހަ އަހަރު ވެފައިވާއިރު، ޖޭއެސްސީގައި މަޖިލީހުގެ ރައީސް އިނުން ރަނގަޅުތޯ އާއި ސިވިލް ސާވިސްގެ ރައީސް އިނުން ރަނގަޅުތޯ ފަދަ ސުވާލުތަކަކީ އުފައްދަން ޖެހޭ ސުވާލުތަކެއް ކަމަށެވެ. ސަރުކާރުގެ އެޖެންޑާގައި އެކަން ހިމެނީ ވެސް އެ ސަބަބަށްޓަކައި ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވިގޮތުގައި ޖޭއެސްސީ މިހާރު އޮތް ގޮތުން ވެސް އެ ކޮމިޝަނުން އަންނަނީ ބޭނުންތެރި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ޖޭއެސްސީއާ ގުޅިގެން އަންނަ ޝަކުވާތަކަކީ ބައެއް ބޭފުޅުން ފަނޑިޔާރުންނާ ބާއްވަން ބޭނުންވާ ޒާތީ ގުޅުންތައް ނުބޭއްވޭތީ އަންނަ ޝަކުވާތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު މިއަދު ވަރަށް އުފާވޭ. ފަނޑިޔާރުގެއާ ގުޅޭގޮތުން ދެކެވޭ ވާހަކަ މިއަދު ވަރަށް މަދު. ވަރަށް ގިނަ ފަނޑިޔާރުންނަކީ ވަރަށް ތެދުވެރި ވަރަށް އިހުލާސްތެރި ވަރަށް ރަނގަޅަށް ޝަރީއަތުގެ ކަންކަން ބަލަހައްޓަވާ ފަނޑިޔާރުުން،" ނަޝީދު ވިދާޅުވި އެވެ.

ޖޭއެސްސީގައި ސިޔާސީ ކުލަ ޖެހިފައިވާ ކަމަށް ބުނެ އިދިކޮޅުގެ ގޮތުގައި އެމްޑީޕީން އޮތް އިރު ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައި ވެއެވެ. ނަމަވެސް ސަރުކާރާ ހަވާލުވުމާ އެކު އެ މަސައްކަތް މަޑުޖެހިފައި އޮތް އިރު މިހާރު އިދިކޮޅުގައި ތިބި ޕީއެމް/ޕީއެންސީ ކޯލިޝަނުން އަންނަނީ ހަމަ އެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.