26 ނޮވެމްބަރ 2020
ރާއްޖޭގައި އަންހެނުންނަށް ވުރެ ފިރިހެނުންގެ އުމުރު ގާތްގަނޑަކަށް ހަތް އަހަރު ކުރު ކަމަށް އެންމެ ފަހުގެ ލަފާކުރުންތަކުން ދައްކައިފި އެވެ.
ރާއްޖޭގައި އަންހެނުންނަށް ވުރެ ފިރިހެނުންގެ އުމުރު ގާތްގަނޑަކަށް ހަތް އަހަރު ކުރު ކަމަށް އެންމެ ފަހުގެ ލަފާކުރުންތަކުން ދައްކައިފި އެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އިން އިއްޔެ އާއްމުކުރި، އުފަންވާ އިރު ދިރިހުންނާނެ ކަމަށް ބެލެވޭ އުމުރުގެ މައުލޫމާތުން އެނގޭގޮތުގައި، އަންހެނުންގެ އުމުރު 85.7 އަހަރަށް ދިގުވެފައިވާ އިރު ފިރިހެނުންގެ އުމުރު ދިގުވެފައި ވަނީ 79 އަހަރަށެވެ. އެއީ 6.7 އަހަރުގެ ފަރަގެކެވެ. އެ ފަރަގު ވަނީ 2005-2007އާ އަޅާބަލާ އިރު ދެ ގުނަ ބޮޑުވެފަ އެވެ.
"ލައިފްސްޓައިލް ދުޅަހެޔޮ ނޫން ވީމަ ޒުވާން އިރުން ފެށިގެން ފިރިހެނުން ބޮޑުވަމުން އަންނަނީ ބަލިކޮށް. އެހެންވީމާ ގައިން ގަޔަށް ނާރާ ބަލިތައް ފިރިހެނުންނަށް ޖެހުމުގެ ފުރުސަތު ބޮޑުވޭ މާ ކުރިން."
ރާއްޖޭގައި މީހުންގެ ލަފާކުރެވޭ އުމުރު މިހާރު (2013-2015ގައި) ވަނީ 82 އަށް މަތިވެފަ އެވެ. މިއީ ދެހާހުގެ އަހަރުތަކުގެ މެދު ތެރޭ ހުރި އުމުރު ކަމަށްވާ 76.5 އަހަރާ އަޅާބަލާ އިރު ބޮޑު ކުރިއެރުމެކެވެ.
އެންބީއެސް އިން ކުރި ޓްވީޓެއްގައި ފާހަގަކުރި ގޮތުގައި ލަފާކުރެވޭ އުމުރު ދިގުވުން ގުޅިފައިވަނީ ރާއްޖޭގެ ސިއްހީ ޕްރޮގްރާމްތަކުގެ ކާމިޔާބީއާ އެވެ.
އޭގެ އަނެއްކޮޅަށް ބަލާ އިރު، އުމުރު ދިގަސް ގިނަ ބަޔަކު އުޅެނީ ބަލިކޮށެވެ.
ލަފާކުރެވޭ އުމުރުގެ ދިރާސާގައި އެންބީއެސްއާ ބައިވެރިވި ޔޫއެންއެފްޕީއޭގެ އެސިސްޓެންޓް ރެޕްރެޒެންޓެޓިވް ޝާދިޔާ އިބްރާހީމް ވިދާޅުވީ މުހިއްމީ "ވީހާ ވެސް ގިނަ ބަޔަކު ވީހާ ވެސް ލަހުން ބަލިވާނެ ގޮތް ހެދުން" ކަމަށެވެ. ބޮޑެތި ބަލިތަކުން ރައްކާތެރިވެގެން ގިނަ ދުވަހު ދިރިއުޅެވޭނެ މަގު ފަހިކޮށްދޭ ސިޔާސަތުތަކެއް ބޭނުންވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"މިހާރު ސިއްހީ ކަންކަން ފުޅާކުރަމުން މި ދަނީ ބަލިކޮށް އުމުރު ދިގުކޮށް މީހުން ބަހައްޓާ ކަހަލަ ގޮތަކަށް. މީހުންގެ އުމުރު ދިގުވާ އިރު ބަލިކޮށް ހުންނަ އުމުރު ދިގުވަންޏާ މީހާ އަށް އެ އުފުލަން ޖެހޭ ބޮޑު ތަކުލީފުގެ އިތުރުން ސަރުކާރަށް ވެސް އެ އަންނަނީ މާލީ ވަރަށް ބޮޑު ބުރައެއް،" ޝާދިޔާ ވިދާޅުވި އެވެ.
"ބަލިވާން ފަށާ އުމުރަކީ 60 އަހަރު ކަމަށް ވަންޏާ މިސާލަކަށް އެ އުމުރުގައި ހަކުރުބަލި ޖެހުނީމާ އެ ހިސާބުން ފެށިގެން 80 އަހަރަށް ދަންދެން އޭނާ އެ އުޅެނީ ބަލިކޮށް. އުމުރު ދިގުވުމަކީ ކާމިޔާބީއެއް. އެހެން ނަމަވެސް މަގްސަދަކަށް ވާންވީ ރަނގަޅު ސިއްހަތެއްގައި އުމުރު ދިގުކުރުން."
ޝާދިޔާ ވިދާޅުވީ ބޮޑެތި ބަލިތައް ޖެހެން މެދުވެރިވަނީ ނުރަނގަޅު ކާބޯތަކެތި ބޭނުންކުރުމާއި ހެލިފެލިވުން ކުޑަވުމާއި ހާސްކަން ބޮޑުވުން ފަދަ ސަބަބުތަކުން ކަމަށްވާ އިރު ކުޑައިރުންސުރެ އެފަދަ ކަންކަމާ ދުރުގައި އުޅެވޭނެ ގޮތް ހޯދައިދޭން ޖެހިފައިވާ ކަމަށެވެ.
"އަތްފޯރާ އަގުގައި ރަނގަޅު ކާނާ ކާން ލިބިފައި މާހައުލުގައި މީހުންނަށް ހެލިފެލިވެ އުޅޭނެ ގޮތް ފަހިވެފައި ސްޓްރެސްއާ ދުރު ދިރިއުޅުމެއްގައި އުޅެވުނީމާ މީހާ ބަލިވާ އުމުރު ފަސްކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
NBS launched the improved life expectancy for Maldives today. A success story of health programmes in the country.
— Statistics Maldives (@statsmaldives) November 25, 2020
Read more on https://t.co/1tr5Fif6X2 pic.twitter.com/I9XCoW3yNY
ލަފާކުރެވޭ އުމުރުގެ މައުލޫމާތު ނެރުމާ ބެހޭގޮތުން އެންބީއެސް އިން ކުރި ޓްވީޓެއް
ނުވަދިހައިގެ އަހަރުތަކަށް އަޅައިގަތް އިރު، ރާއްޖޭގައި، ދިރިހުންނާނެ ކަމަށް ލަފާކުރެވުނު އުމުރަކީ 64 އަހަރެވެ. އޭރު އަންހެނުންނަށް ވުރެ ފިރިހެނުންގެ އުމުރު ދިގެވެ. އެކަމަކު ނުވަދިހައިގެ އަހަރުތަކުގެ މެދު ތެރޭ އަންހެނުންނާއި ފިރިހެނުންގެ އުމުރު ދާދި އެއްވަރުވުމަށް ފަހު އަންހެނުންގެ އުމުރު އަންނަނީ ފިރިހެނުންގެ އުމުރަށް ވުރެ ދިގުވަމުންނެވެ. އަދި އެ ފަރަގު ހައްތަހާ ބޮޑުވަމުން ދާކަން އިއްޔެ އާއްމުކުރި މައުލޫމާތުން އެނގެ އެވެ.
ރާއްޖޭގައި މީހުން މަރުވާން މެދުވެރިވާ ބޮޑެތި ބަލިތަކުގެ ތެރެއިން ގިނަ ބަލިތަކުގައި އުޅޭ ފިރިހެނުން އަންހެނުންނަށް ވުރެ ގިނަ އެވެ.
ޝާދިޔާ ވިދާޅުވިގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ، ބޮޑެތި ބަލިތަކަށް ހުށަހެޅޭ ބައެއް އާދަތައް އަންހެނުންނަށް ވުރެ ފިރިހެނުންގެ ތެރޭގައި އާއްމުވުން މީގެ ސަބަބުތަކުގެ ތެރޭގައި ހިމެނެ އެވެ.
"ލައިފްސްޓައިލް ދުޅަހެޔޮ ނޫން ވީމަ ޒުވާން އިރުން ފެށިގެން ފިރިހެނުން ބޮޑުވަމުން އަންނަނީ ބަލިކޮށް. އެހެންވީމާ ގައިން ގަޔަށް ނާރާ ބަލިތައް ފިރިހެނުންނަށް ޖެހުމުގެ ފުރުސަތު ބޮޑުވޭ މާ ކުރިން،" އޭނާ ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވިގޮތުގައި ފިރިހެނުންގެ ސިއްހަތަށް ސަމާލުކަން ނުދީފި ނަމަ އަންހެނުންނަށް ވެސް އޭގެ އަސަރު ފޯރާނެ އެވެ. އެއީ އަންހެނުންނަށް ވުރެ ފިރިހެނުންގެ އުމުރު ކުރުވަމުންދާ ވަރަކަށް އަންހެނުން އެކަނިވެރިވާނެތީ އެވެ.
"ފިރިމީހާ މަރުވީމާ އެކަނިވީ. މަރުވުމުގެ ކުރިން ވެސް އެތައް އަހަރަކު ފިރިމީހާ އުޅޭނީ ބަލިވެ،" ޝާދިޔާ ވިދާޅުވި އެވެ.
ކޮވިޑުން ސަލާމަތްވެ ސަރުދާރު ދޮންމަނިކު ގެއަށް
ދުވަސްވީ މީހުންނާއެކީ އެހެން މީހުން ބޭރަށްނުދާން އެދެފި
92 އަހަރުގެ މީހަކު ޕޮޒިޓިވްވެއްޖެ
ދުވަސްވީ މީހުންނަށް ކޮންމެ ދުވަހަކު ބޭރަށް ދެވޭނެ
ދުވަސްވީ މީހުންނަށް ވެސް ހުއްދައާ އެކު ބޭރަށް ދެވޭނެ
ހަކުރުބަލި، ލޭމައްޗަށް ދިއުމުގެ ބައްޔަށް ބޮޑު ހޭދައެއް
ލޭ ހަދިޔާކުރުމަކީ އުފަލަކަށް ވާން ޖެހޭ: ނައިބު ރައީސް
ތެލެސީމިއާ ހޮސްޕިޓަލު އަޅަން އެއްބަސްވުމުގައި ސޮއިކޮށްފި
ކެރެލާގައި ފެތުރޭ ބައްޔަށް ދިވެހިން ސަމާލުވާން އެދިއްޖެ
މެނިންގޯކޮކަލްގެ ކޮންޓެކްޓް ޓްރޭސިން ހަދައި، ބޭސް ދެނީ