Roadha Mihaaru
ޝާހު އާއި އައްސަދަށް އެމްބެސަޑަރުކަން

އެފްއޭއެމް ފައުންޑޭޝަނުގެ އެމްބެސަޑަރުކަން ޝާހު އާއި އައްސަދަށް

27 ނޮވެމްބަރ 2020

މިއަދު ލޯންޗްކުރަން ނިންމާފައިވާ އެފްއޭއެމް ފައުންޑޭޝަންގެ މައްސަކަތްތައް ކުރިއަށް ގެންދިއުމުގައި އެމްބެސަޑަރުންގެ ގޮތުގައި ގައުމީ ޓީމުގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ އާއި ކުރީގެ އެއް ވަނަ ފޯވާޑް ޝާހު އިސްމާއިލް (ސާޔާ) ހަމަޖައްސައިފި އެވެ.

މިއަދު ލޯންޗްކުރަން ނިންމާފައިވާ އެފްއޭއެމް ފައުންޑޭޝަންގެ މައްސަކަތްތައް ކުރިއަށް ގެންދިއުމުގައި އެމްބެސަޑަރުންގެ ގޮތުގައި ގައުމީ ޓީމުގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ އާއި ކުރީގެ އެއް ވަނަ ފޯވާޑް ޝާހު އިސްމާއިލް (ސާޔާ) ހަމަޖައްސައިފި އެވެ.

ގުޑްވިލް އެމްބެސަޑަރުންގެ ގޮތުގައި ޝާހާއި އައްސަދު ހަމަޖައްސައި އިއްޔެ ކޮންޓްރެކްޓް ހަވާލުކުރިއިރު، ފައުންޑޭޝަން މެދުވެރިކޮށް މި ދެ ކުޅުންތެރިން ފުޓްބޯޅައިގެ އެކި މަސައްކަތްތަކުގައި ބައިވެރިވާނެ އެވެ.

ގައުމީ ޓީމަށް 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދައިދިން ކެޕްޓަން އައްސަދު ކުޅުން ހުއްޓާލުމަށް ފަހު އެފްއޭއެމްގެ އިތުރުން ކްލަބްތަކުގައި ވެސް ވަނީ ކޯޗިންގެ މަސައްކަތްތަކެއް ކޮށްފަ އެވެ. ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ވެސް ފެނިގެންދިޔަ އައްސަދު ވަނީ 23 އަހަރުން ދަށުގެ ޓީމަށް އޭއެފްސީ ކޮލިފައިން އެއްގައި އިރުޝާދުދީފަ އެވެ. އައްސަދު މިިދިޔަ ސީޒަނުގައި ވަނީ ދެ ވަނަ ޑިވިޝަނުގެ ޖޭޖޭ ސްޕޯޓްސް ކްލަބަށް ކޯޗުކޮށްދީފަ އެވެ.

އެފްއޭއެމް ފައުންޑޭޝަން އެމްބެސަޑަރު އެގްރީމެންޓުގައި ސޮއިކުރުމަށް ފަހު އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އާއި އައްސަދު.-- ފޮޓޯ: އެފްއޭއެމް/ އިބްރާހިމް ފާއިދު

އެފްއޭއެމް ފައުންޑޭޝަން އެމްބެސަޑަރު އެގްރީމެންޓުގައި ސޮއިކުރުމަށް ފަހު އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އާއި އައްސަދު.-- ފޮޓޯ: އެފްއޭއެމް/ އިބްރާހިމް ފާއިދު

އޭއެފްސީގެ އެހީއާ އެކު ކުރިއަށްގެންދަން ރާވާފައިވާ އެފްއޭއެމް ފައުންޑޭޝަންގެ މަގުސަދަކީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓުގެ މަސައްކަތްތައް ކުރަން ވަކި ޕްރޮގްރާމެއް ބާއްވާ ބައިނަލްއަގުވާމީ ގުޅުންތަކާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ޕްރޮމޯޓްކުރުމާއި ޑިވެލޮޕްކުރުމުގެ މަސައްކަތްތައް ކުރުމެވެ.

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ވެސް ހޯއްދަވާފައިވާ ޝާހު ވަނީ ފަހުން ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޓިވް ދާއިރާގައި ވެސް މުހިއްމު މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އެ ގޮތުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާކުރެއްވުމުގެ އިތުރުން މެޗު ކޮމިޝަނަރެއްގެ ގޮތުގައި ވެސް ފެނިގެންދިޔަ އެވެ. ފަހުން މިދިޔަ ސަރުކާރުގައި ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް އަދާކުރެއްވި އެވެ.

ޝާހު ވިދާޅުވީ އެފްއޭއެމްގެ ފައުންޑޭޝަންގެ އެމްބެސަޑަރެއްގެ ގޮތުގައި މަސައްކަތްކުރަން ލިބިގެންދިޔަ މި ފުރުސަތުގެ ބޭނުން ވީ އެންމެ ރަނގަޅަށް ހިފަން ބޭނުންވާ ކަމަށެވެ. އޭނާ އަށް ފުޓްބޯޅައިން ވަރަށް ގިނަ ކަންތައްތަކެއް ހާސިލްކުރެވިފައިވާއިރު، އޭގެ ބަދަލުގައި ފުޓްބޯޅަ އަށް ހިދުމަތް ކޮށްދޭން ލިބޭ މި ފަދަ ކޮންމެ ފުރުސަތެއްގައި ފުޓްބޯޅައިގެ ކުރިމަގަށް މުހިއްމު ކަންތައްތަކެއް ކޮށްދޭން މަސައްކަތްކުރާނެ ކަމަށް ޝާހު ވިދާޅުވި އެވެ.

އެފްއޭއެމްގެ ފައުންޑޭޝަން ލޯންޗް ކުރުމުގެ އިވެންޓް ބާއްވަން ނިންމާފައިވަނީ މިއަދު ހަވީރު ގަލޮޅު ދަނޑުގަ އެވެ.