Roadha Mihaaru
ބައްސާމަކީ ކުށްވެރިއެކޭ ބުނުމަކީ ކޯޓުގެހުރުމަތް ކެނޑުން

ބައްސާމަކީ ކުށްވެރިއެއް ކަމަށް ދޭހަކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން: ކްރިމިނަލް ކޯޓު

20 މެއި 2024

ހިޔާނާތާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ، ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުށެއް ސާބިތުވުމުގެ ކުރިން އޭނާއަކީ ކުށްވެރިއެއް ކަމަށް ބެލެވޭ މޭރުމަކުން ހިޔާލު ފާޅު ނުކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހިޔާނާތާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ، ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުށެއް ސާބިތުވުމުގެ ކުރިން އޭނާއަކީ ކުށްވެރިއެއް ކަމަށް ބެލެވޭ މޭރުމަކުން ހިޔާލު ފާޅު ނުކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މި އަމުރު ނެރެނީ ބައްސާމްގެ ފަރާތުން ކޯޓުގައި އެގޮތަށް އެދިގެންނެވެ.

އެ އަމުރުގައި ބުނީ ޖިނާއީ ކުށެއް ކުރިކަމުގެ ދައުވާ އެމީހެއްގެ މައްޗަށް އުފުލިފައިވާ ކޮންމެ ފަރާތަކީ ކޯޓުން އެމީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ކުށެއް ނެތް މީހެއް ކަމުގައި ބެލުމުގެ ހައްގު ލިބިގެންވާ މީހެއް ކަމަށެވެ.

ބައްސާމްގެ މައްޗަށް އުފުލާފައިވާ ދައުވާ އާ ގުޅިގެން އެ ކޯޓުން ވަކިގޮތަކަށް ނިންމުމުގެ ކުރިން އެ ހައްގަށް އަސަރު ކުރާ ގޮތަށް އެންމެހައި ފަރުދުންގެ ހައްގުތަކާއި މިނަވަންކަން ނެގެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތްތަކުން ހިޔާލު ފާޅުކޮށް ނުހެދުމަށް އަމުރު ކުރާ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

"މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުންކަމުގައި ބެލިދާނެ އަމަލެއް ކަމުގައި އަންގަމެވެ،" އެ ކޯޓުން ނެރުނު އަމުރުގައި ބުނެފައިވެ އެވެ.

ބައްސާމްގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑު އެހުމުގައި ކޯޓުން ނިންމާފައި ވަނީ ޝަރީއަތް ނިމެންދެން އޭނާ ފުރުން މަނާ ކުރުމަށެވެ.

އެފްއޭއެމްގެ ފައިސާ އަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ދައުލަތުން ބައްސާމަށް ދައުވާކޮށްފައިވާ އިރު ފުލުހުން އަންނަނީ އިތުރު މައްސަލަތައް ވެސް ތަހުގީގު ކުރަމުންނެވެ.

ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް އަންގަވައިގެން ފުލުހުން ފެށި ތަހުގީގުގައި މިދިޔަ އޮކްޓޯބަރު މަހު އެފްއޭއެމްގެ އޮފީސް ވެސް ރެއިޑް ކުރި އެވެ.