Roadha Mihaaru
ތަފާތުކޮށްލަން އަސޭމިރުސް ސައެއް ބޯލާ!

ތަފާތުކޮށްލަން އަސޭމިރުސް ސައެއް ބޯލާ!

28 ނޮވެމްބަރ 2020

ކާނާތަކުގެ ރަހަ ހެޔޮވަރުކުރަން އާންމުކޮށް ހަވާދެއްގެ ގޮތުގައި ބޭނުންކުރާ އަސޭމިރުހަކީ ސިއްހީ އެތައް ފައިދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. މީގައި ހުންނަ ކުޅި ރަހައިން މީހާގެ ސިކުނޑި އަށް ހަމަޖެހުން ގެނެސްދެ އެވެ. އަދި އަސޭމިރުހުން ތައްޔާރުކުރާ ސަޔަކީ ލޭގެ ޕްރެޝަރު ދަށްކުރަން ވެސް ބޭނުން ކުރެވިދާނެ ވަރަށް މުހިއްމު ބުއިމެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކާނާތަކުގެ ރަހަ ހެޔޮވަރުކުރަން އާންމުކޮށް ހަވާދެއްގެ ގޮތުގައި ބޭނުންކުރާ އަސޭމިރުހަކީ ސިއްހީ އެތައް ފައިދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. މީގައި ހުންނަ ކުޅި ރަހައިން މީހާގެ ސިކުނޑި އަށް ހަމަޖެހުން ގެނެސްދެ އެވެ. އަދި އަސޭމިރުހުން ތައްޔާރުކުރާ ސަޔަކީ ލޭގެ ޕްރެޝަރު ދަށްކުރަން ވެސް ބޭނުން ކުރެވިދާނެ ވަރަށް މުހިއްމު ބުއިމެކެވެ.

* ބޭނުންވާ ތަކެތި:

1 މޭޒުމަތީ ސަމުސާ އަސޭމިރުސް

1/2 އިންގީ އިނގުރުކޮޅެއް (ގާނާފައި)

1 މޭޒުމަތީ ސަމުސާ ސައިފަތް (ކޮންމެ ވައްތަރެއް ވެސް ރަނގަޅުވާނެ)

ބޭނުން ނަމަ ކިރާއި ހަކުރު ނުވަތަ މާމުއި ބޭނުންކޮށްލެވިދާނެ

2 ޖޯޑު ފެން

* ތައްޔާރު ކުރާނެ ގޮތް:

އިނގުރު އަޅާފައި ފެން ރަނގަޅަށް ހޫނުކުރާށެވެ. އެއަށް ފަހު އޭގެ ތެރެއަށް ސައިފަތް (ބޭނުން ނަމަ ކިރު ވެސް އަޅާފައި) ދެ މިނިޓް ވަންދެން ކައްކާށެވެ. ދެން އޭގެ ތެރެއަށް އަސޭމިރުސް އަޅާފައި އަނެއްކާ ވެސް ދެ މިނިޓެއްހާ އިރު ވަންދެން ކެއްކުމަށް ފަހު ފުރާނާލައިގެން ބޯނީ އެވެ.

އިތުރަށް ރަހަ ރަނގަޅުކުރަން ބޭނުން ނަމަ ކުރިން ވެސް ފާހަގަކުރި ގޮތަށް ކިރާއި ހަކުރު ނުވަތަ ހަކުރުގެ ބަދަލުގައި މާމުއި އަދި ލުނބޯހުތް ފޮދެއް ވެސް އަޅާލައިގެން ބޭނުން ކުރެވިދާނެ އެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި މި ސައި އާންމުކޮށް ބޭނުން ކުރާ ނަމަ ލޭގެ ޕްރެޝަރު ހަމައަކަށް އަޅުވައިދޭނެ އެވެ. އަދި މިއީ ދިފާއީ ނިޒާމު ވެސް ވަރުގަދަކޮށްދީ، އިންފްލެމޭޝަންތަކުން ވެސް ރައްކާތެރިކޮށް ދޭން އެހީވާނެ ބުއިމެކެވެ. އެކަމަކު ހަކުރު މާ ގިނަވެއްޖެ ނަމަ ކަމަކު ނުދާނެ އެވެ.