Roadha Mihaaru
ވީއައިއޭއަކީ ހިލޭ އެޅެން އޮތް ތަނެއް: ނަޝީދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ހިލޭ އެޅެން އޮތް ތަނެއް: ނަޝީދު

30 ނޮވެމްބަރ 2020

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ބޮޑުކޮށް ތަރައްގީކުރަން ނަގާފައިވާ ލޯނުތަކަށް އަންނަ އަހަރު ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހޭ ކަަމަށާއި އެ ވަރަށް ލޯނު ނެގި އިރު އެއީ ހަަގީގަތުގައި ހިލޭ އެޅެން އޮތް ތަނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ބޮޑުކޮށް ތަރައްގީކުރަން ނަގާފައިވާ ލޯނުތަކަށް އަންނަ އަހަރު ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހޭ ކަަމަށާއި އެ ވަރަށް ލޯނު ނެގި އިރު އެއީ ހަަގީގަތުގައި ހިލޭ އެޅެން އޮތް ތަނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުން ނެގި ކޮމިޓީން އެކުލަވައިލި ރިޕޯޓަށް މިއަދުގެ ޖަލްސާގައި ބަހުސްކުރި އިރު، އާދައިގެ މަތިން އެ ބަހުސްގައި ނުދީސާކޮށް ބައިވެރިވެވަޑައިގެން ނަޝީދު ވިދާޅުވީ، ވެގެން އުޅޭ ގޮތް މެމްބަރުންނަށް ސާފުކޮށްދެއްވަން އެދިވަޑައިގަންނަވާ ކަަމަށެވެ. އެ އަށް ފަހު، ކަރުދާހަށް ބައްލަވައިގެން އިންނަވާ އެމަނިކުފާނު ވިދާޅުވެދެއްވީ ބޭރުގެ ބޭންކުތަކަށް ރާއްޖެ އިން އަންނަ އަހަރު ފައިސާ ދައްކަން ޖެހޭ ލޯނުތަކުގެ ލިސްޓެކެވެ. އެކަމަކު އެ ލިސްޓުގައި މުޅިން ކަހަލަ ގޮތަކަށް އޮތީ ޗައިނާގެ ބޭންކްތަކަށް ދައްކަން ޖެހޭ އަދަދުތަކެވެ.

ނަޝީދު ވިދާޅުވި ލިސްޓުގައިވާ އަދަދަށް ފައިސާ ދައްކާ ނަމަ ލޯނުތަކަށް އަންނަ އަހަރު ރާއްޖެ އިން 199.25 މިލިއަން ޑޮލަރު (3.6 ބިލިޔަން ރުފިޔާ) ދައްކަން ޖެހޭނެ އެވެ.

"އިއްޒަތްތެރި މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ އެއީ ހިލޭ އެޅެން އޮތް ތަނެއްކަން، ވެލާނާ އެ ކިޔާ އިންޓަނޭޝަނަލް އެއާޕޯޓު. ފަންސަވީސް އަހަރު ދުވަހުގެ މުއްދަތަށް ބަޔަކު މީހުން އަޅާފައި ހިންގާފައި، އަޅާފައި އަޅުގަނޑުމެންނަށް ދީފައި މިހާރު ދާހާ ދުވަސް މިވީ،" ނަޝީދު ވިދާޅުވި އެވެ.

ޖީއެމްއާރަށް އެއާޕޯޓް ކުއްޔަށް ދީގެން އުޅުނު އިރު އެއާޕޯޓުގެ އާ ޓާމިނަލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް ނަޝިދާއެކު ޖީއެމްއާރާއި މެލޭޝިއާ އެއާޕޯޓްސް ކޮމްޕެނީގެ އޮފިޝަލުން ބައިވެރިވެވަޑައިގަންނަވަނީ. ނަޝީދު މިއަދު ވިދާޅުވީ ވީއައިއޭ އަކީ ހިލޭ އެޅެން އޮތް ތަނެއް ކަމަށް.

އެގޮތަށް އެ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އެ އެއާޕޯޓް ޖީއެމްއާރަށް ހިންގަން ދިން ދިނުމަށެވެ. އެކަމަކު ވެރިކަމުން އިސްތިއުފާ ދެއްވުމުން ދެން ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ރައީސް މުހައްމަދު ވަހީދު ވަނީ ޖީއެމްއާރުގެ އެގްރިމެންޓް އުވާލައި، އެއާޕޯޓާ އަލުން ސަރުކާރުން ހަވާލުވެފަ އެވެ.

ޖީއެމްއާރަށް 35 އަހަރަށް އެއާޕޯޓު ކުއްޔަށް ދިން އެއްބަސްވުން ބާތިލްކުރުމުން ބަދަލުގެ ގޮތުގައި 270 މިލިއަން ޑޮލަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދެއްކި އެވެ. އެކަމަކު އެ ފައިސާ ދައްކާފައި ވެސް، މިދިއަ އަހަރު އެމްއޭސީއެލްގެ ފައިދާ 100 މިލިއަން ޑޮލަރަށް ވުރެ މަތި ކަމަށްވެ އެވެ.

ދައުލަތުގެ ދަރަނި ބޮޑުވެފައި ވާތީ ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ސަރުކާރުން ނަގާފައިވާ ލޯނުތަކަށް ފައިސާ ދެއްކުން ލަސްކުރެވޭނެ ގޮތެއް ހޯދަން ސަރުކާރަށް ތަކުރާރުކޮށް ގޮވާ ވެސް ލައްވަ އެވެ.