Roadha Mihaaru
ބޮލީވުޑް ތަރިން ރާއްޖެ އަންނާތީ އިންޑިއާގައި ބަހުސެއް

ބޮލީވުޑް ތަރިން ރާއްޖެ އައުން ގިނަވުމުން އިންޑިއާގައި ބަހުސެއް

01 ޑިސެމްބަރ 2020

ބޮލީވުގެ ތަރިން ރާއްޖެ އަށް ޗުއްޓީ އަށް އައުމަކީ އާ ކަމެއް ނޫނެވެ. މިކަމެއް ހިނގާތާ މިހާރު އެތައް އަހަރެއްޖެ އެވެެ. އެކަމަކު މިހާރު ރާއްޖެ އަށް އަންނަ ތަރިން އާދަޔާހިލާފަށް ގިނަ އެވެ. އެއާ އެކު އިންޑިއާގައި މިކަމާ ބެހޭ ގޮތުން އެކި ގޮތްގޮތަށް ވާހަކަ އެބަ ދެކެވެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުގެ ތަރިން ރާއްޖެ އަށް ޗުއްޓީ އަށް އައުމަކީ އާ ކަމެއް ނޫނެވެ. މިކަމެއް ހިނގާތާ މިހާރު އެތައް އަހަރެއްޖެ އެވެެ. އެކަމަކު މިހާރު ރާއްޖެ އަށް އަންނަ ތަރިން އާދަޔާހިލާފަށް ގިނަ އެވެ. އެއާ އެކު އިންޑިއާގައި މިކަމާ ބެހޭ ގޮތުން އެކި ގޮތްގޮތަށް ވާހަކަ އެބަ ދެކެވެ އެވެ.

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖެ އަށް މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް މާކެޓަކީ އިންޑިއާ އެވެ. މީގެ ތެރޭގައި މަޝްހޫރު އެތަައް ތަރިންނެއް ހިމެނެ އެވެ. މި ފަހަކަށް އައިސް ރާއްޖެ އަންނަނީ ހަމައެކަނި އިންޑިއާގެ ބޮލީވުޑްގެ ތަރިން އެކަނި ނޫން ކަމެވެ. ހިންދީ ނޫން ބަސްތަކުން ފިލްމު ހަދާ ދެކުނު ފިލްމު އިންޑަސްޓްރީގެ ތަރިންގެ މެދުގައި ވެސް ރާއްޖެ މިހާރު ވަަރަށް މަގުބޫލުވެ.

މުޅި ދުނިޔެ ކޮވިޑް-19 ގެ މި ދަތި އުނދަގޫ ހާލަތުގެ ތެރޭގައި އޮއްވައި ވެސް ރާއްޖެ އަށް ލިބޭ އުފާވެރި ކަމަކީ މި ތަނުގެ ރީތިކަމުން ހިތް އުފާކުރަން އަންނަ މަޝްހޫރު މީސްމީހުން ގިނަ ކަމެވެ. ވަކިން ހާއްސަކޮށް މިހާރު އިންޑިއާގެ ތަރިންނެވެ.

އިންޑިއާގެ މީޑިއާގައި މިހާރު ދައްކާ އެންމެ ހައިރާން ކުރުވަނިވި އެއް ވާހަކައަކީ މިއެވެ؛ ބޮލީވުޑްގެ ތަރިން މާ ގިނައިން މިހާރު ރާއްޖެ އަންނަނީ ހިލޭ ޗުއްޓީ ދަތުރުތައް ދޭތީ އެވެ. ނުވަތަ އެ މީހުންގެ ދަތުރުގެ ހަރަދުން ބޮޑު ބައެއް އުނިކޮށް ދޭތީ އެވެ. ޝަރުތަކީ ރާއްޖޭގައި ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރާ އިރު ފޮޓޯތަކާއި ވީޑިއޯ ނަގައި އެ މީހުންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރުމެވެ. ރާއްޖެ އިޝްތިތާރުކޮށް ދިނުމެވެ.

އިންޑިއާގެ ފިލްމީ ތަރިންނަކީ އެތައް މިލިއަން ބަޔަކު އިންސްޓަގްރާމުންނާއި ޓްވިޓާ އާއި ފޭސްބުކް ފަދަ ޕްލެޓްފޯމްތަކުން ފޮލޯކުރާ ބައެކެވެ. އެހެންވެ އެ އެއްޗެހީގައި އެ މީހުން ޕޯސްޓްކުރާ ރާއްޖޭގެ މަންޒަރުތަކުން ރާއްޖެ ވަރަށް ބޮޑަށް ޕްރޮމޯޓްވާނެ އެވެ. ތަރިން އާންމުކުރާ ފޮޓޯތަކާއި ވީޑިިއޯތަކަށް ކޮށްފައި ހުންނަ ކޮމެންޓްތަކުން ވެސް އެކަން އެނގެ އެވެ.

ބޮލީވުޑްގެ ތަރިންނާ އެކު ރާއްޖެ "ބަރާވަމުން" އަންނާތީ އިންޑިއާގެ ބައެއް މީޑިއާތަކާއި މަޝްހޫރު ބައެއް ނޫސްވެރިންނާއި ސީދާ ފިލްމީ ދާއިރާގެ މީހުންގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. ބައެއް މީޑިއާތަކުން ބުނާ ގޮތުން ލޮކްޑައުން އަށް ފަހު ރާއްޖެ އަށް ބޮލީވުޑްގެ ތަރިން އައުމުގެ އަސްލު މައިގަނޑު ސިއްރަކީ ތަރިންނާ އެކު ރާއްޖޭގެ ރިސޯޓްތަކުން ހަދާ ޑީލްތަކެވެ. ނުވަތަ ޖުމްލަކޮށް މުޅި ޓޫރިޒަމް އިންޑަސްޓްރީ ހަދަމުން އަންނަ ޑީލްތަކެވެ.

މި ޑީލްތަކުތަކުގެ ތެރޭގައި ހިލޭ ދަތުރުތައް ދިނުމާއި އެ މީހުންގެ ދަތުރުގެ ހަރަދު ބޮޑުބައެއް އުނިކޮށް ދިނުމާއި ގިނަ ހިދުމަތްތައް ހިލޭ ރިސޯޓްތަކުން ލިބޭނެ ގޮތްގޮތް ހަދައި ދިނުން ހިމެނެ އެވެ. މީގެ މައިގަނޑު ޝަރުތަކީ ރާއްޖެ ޕްރޮމޯޓްކޮށް ދިނުމެވެ.

މިކަން މާ ބޮޑު ކަމަކަށް ހަދައިގެން އުޅުނަސް މިއީ ޑެސްޓިނޭޝަންތައް ޕްރޮމޯޓްކުރުމުގައި ކުރާ ކަމެކެވެ.

ފަހަރުގައި އިންޑިއާގެ މީޑިއާތަކާއި ބައެއް ނޫސްވެރިންގެ ކަންބޮޑުވުމުގެ އަސްލަކީ ކޮވިޑް-19 ގެ ހާލަތު އަދިވެސް އެ ގައުމުގައި ރަނގަޅު ނުވެ އޮއްވައި މަޝްހޫރު ތަރިން ރާއްޖެ އައިސް އުފާކުރުން ކަމަށް ވެދާނެ އެވެ. އެކަމާ ހިތްހަނުޖެހެނީ އެވެ. ބައެއް މީޑިއާތަކުން ސީދާ އެ މޭރުމުން ވެސް ވާހަކަ ދައްކާފައިވެ އެވެ. އެގޮތުން އާންމުންގެ ހާލަތަށް ބެލުމެއް ނެތި، މަޝްހޫރު މީސްމީހުން ތަންތަނަށް ދަތުރުކޮށް މަޖާ ނަގަނީ ކަމަށް ބުނެފައިވެ އެވެ.