Roadha Mihaaru
"ބިގް ބޮސް 14" ގެ ރުބީނާ ރާއްޖޭގައި

"ބިގް ބޮސް 14" ގެ ރުބީނާގެ ދެމަފިރިން ރާއްޖޭގައި

30 ސެޕްޓެމްބަރ 2021

މި އަހަރުގެ ކުރީކޮޅު ކަލާޒް ޗެނެލުން ނިންމައިލި "ބިގް ބޮސް 14" ކާމިޔާބުކުރި ބަތަލާ ރުބީނާ ދިލައިކާ ފިރިމީހާ އަބިނާވް ޝުކްލާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ކުރީކޮޅު ކަލާޒް ޗެނެލުން ނިންމައިލި "ބިގް ބޮސް 14" ކާމިޔާބުކުރި ބަތަލާ ރުބީނާ ދިލައިކާ ފިރިމީހާ އަބިނާވް ޝުކްލާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

އެ މީހުން ތިބި ވައްކަރު ރިސޯޓްގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ވެސް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ. "ބިގް ބޮސް 14" ކާމިޔާބުކޮށްގެން ލިބުނު ބޮޑު މަޝްހޫރުކަމާ އެކު ރުބީނާ މިހާރު އަންނަނީ ހިންދީ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އެއީ އަންނަ އަހަރު ރިލީޒްކުރަން ނިންމާފައިވާ "އަރުދު" އެވެ. ރުބީނާ އަކީ ކަލާޒްގެ ސިލްސިލާ "ޝަކްތީ: އަސްތިތުވާ ކޭ އެހުސާސް ކީ" ގެ ބަތަލާ އެވެ.

އޭނާ ކުޅުނު މަޝްހޫރު ސިލްސިލާތަކުގެ ތެރޭގައި ޒީޓީވީގެ "ޗޯޓީ ބަހޫ" ވެސް ހިމެނެ އެވެ.

ޓީވީ އެކްޓަރެއްގެ ގޮތުގައި މަޝްހޫރުވި އަބިނާވް އަކީ ވެސް ބޮލީވުޑްގެ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ފަންނާނެކެވެ. އޭގެ ތެރޭގައި "ލުކާ ޗުއްޕީ" އާއި "އަކްސަރު 2" ފާހަގަކޮށްލެވެ އެވެ. މިދިޔަ އާދީއްތަ ދުވަހު ކަލާޒް އިން ނިންމައިލި "ހަތުރޯން ކޭ ކިލާޅީ 11" ގައި ވެސް އޭނާ ވާދަކުރި އެވެ.

އަބިނާވާއި ރުބީނާ ކައިވެނިކުރީ 2018 ގަ އެވެ. ދެ ތަރިން ބުނެފައިވާ ގޮތުގައި "ބިގް ބޮސް 14" ގައި މިދިޔަ އަހަރު ވާދަކުރީ ކައިވެނި ރޫޅުމުގެ ތުންފަތްމަތީގައި އޮއްވަ އެވެ. އަދި ޝޯގައި ދެ މީހުން ވާދަނުކުރި ނަމަ މިދިޔަ އަހަރުގެ ނޮވެމްބަރުގައި ކައިވެނި ރޫޅުނީސް ކަމަށް ބުނެފައިވެ އެވެ.

އަންނަ މަހުގެ 2 ގައި ފަށާ "ބިގް ބޮސް 15" ގައި ސީނިއާއެއްގެ ގޮތުގައި ރުބީނާ ދެ ހަފުތާ އަށް ޝޯގައި ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.