Roadha Mihaaru
ހީނާ މި ފަހަރު ފުރަވެރީގައި

ހީނާ ޚާން މި ފަހަރު ފުރަވެރީގައި

30 ނޮވެމްބަރ 2020

މީގެ ކުރިން ވެސް ރާއްޖޭގައި އެތައް ފަހަރަކު ޗުއްޓީ ހޭދަކޮށްފައިވާ އިންޑިއާގެ ބަތަލާ ހީނާ ޚާން އަނެއްކާ ވެސް ރާއްޖެ އަތުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ކުރިން ވެސް ރާއްޖޭގައި އެތައް ފަހަރަކު ޗުއްޓީ ހޭދަކޮށްފައިވާ އިންޑިއާގެ ބަތަލާ ހީނާ ޚާން އަނެއްކާ ވެސް ރާއްޖެ އަތުވެއްޖެ އެވެ.

މި ފަހަރު އޭނާ ޗުއްޓީ ހޭދަކުރަނީ ފުރަވެރި ރިސޯޓް އެންޑް ސްޕާގަ އެވެ. އެތަނުގައި ނަގާފައިވާ ފޮޓޯތަކެއް ހީނާ އިންސްޓަގްރާމްގައި ޕޯސްޓްކޮށް ބުނީ ރާއްޖޭގައި ގިނަ ހަނދާންތަކެއް އެބަހުރި ކަމަށެވެ.

ހީނާ އެންމެ ފަހުން ރާއްޖެ އައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭރު ޗުއްޓީ ހޭދަކުރީ ކުރުނބާ މޯލްޑިވްސްގަ އެވެ. މި ފަހަރު ވެސް އޭނާ ރާއްޖެ އައީ ލޯބިވެރިޔާ ރޮކީ ޖައިސްވާލާ އެކީގަ އެވެ.

ހީނާ އަކީ އިންޑިއާގެ ޓީވީ ބަތަލާއިންގެ ތެރެއިން އެންމެ މަޝްހޫރު އެކަކެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ ކަލާޒް ޗެނެލުން މިހާރު ދައްކަމުން އަންނަ "ބިގް ބޮސް 14" އިންނެވެ.

އެ ޝޯގެ 11 ވަނަ ސީޒަނުފައި ވާދަކުރި ބަތަލާ މި މި ފަހަރުގެ ސީޒަނުގައި ދެ ހަފުތާ އަށް ހިއްސާވީ ސީނިއާއެއްގެ ގޮތުގަ އެވެ.

ޓީވީ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން ވިދައިލި ހީނާ އަކީ މިހާރު ބޮލީވުޑްގެ ބަތަލާއެއް ވެސް މެ އެވެ. އޭނާގެ އަލަތު ފިލްމަކީ މި އަހަރުގެ ފެބްރުއަރީގައި ރިލީޒްކުރި ވިކްރަމް ބަޓްގެ "ހެކްޑް" އެވެ.