Roadha Mihaaru
އަކްޝޭގެ "ރާމް ސެތޫ" ގައި ތެލެގޫ އެކްޓަރެއް

އަކްޝޭގެ "ރާމް ސެތޫ" ގައި ތެލެގޫ އެކްޓަރެއް

22 ޖުލައި 2021

ޝޫޓިން ފަށާފައި އޮތް، އަކްޝޭ ކުމާރުގެ ފިލްމު "ރާމް ސެތޫ" އިން ތެލެގޫ އެކްޓަރަކު ބޮލީވުޑަށް ތައާރަފުކުރާ ގޮތަށް ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝޫޓިން ފަށާފައި އޮތް، އަކްޝޭ ކުމާރުގެ ފިލްމު "ރާމް ސެތޫ" އިން ތެލެގޫ އެކްޓަރަކު ބޮލީވުޑަށް ތައާރަފުކުރާ ގޮތަށް ނިންމައިފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އަކްޝޭ އާކިއޮލޮޖިސްޓެއްގެ ރޯލު ކުޅޭ ފިލްމުން ބޮލީވުޑަށް ނުކުންނަ ތަރި އަކީ މިހާތަނަށް ކާމިޔާބު ތެލެގޫ ފިލްމުތަކެއް ކުޅެފައިވާ ސަތިއަދޭވް ކަންޗަރްނާ، 32، އެވެ.

ކޮމްޕިއުޓަ އިންޖިނިއަރިން ކިޔެވި ނަމަވެސް ފިލްމު ކުޅެން އޮތް ޝައުގުވެރިކަމާ ހެދި ކިޔެވި ދާއިރާ ދޫކޮށްލައި، އެކްޓިން އަށް ނުކުތް ސަތިއާދޭވް ކުޅުނު ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ޖިއޯތީ ލަކްޝްމީ (2015)، ކްޝަނަމް (2016)، މާނާ އޫރީ ރާމަޔަނަމް (2016) އަދި ބްލަފް މާސްޓާ (2018) ހިމެނެ އެވެ.

ސަތިއަދޭވްގެ އެންމެ ފަހުގެ ފިލްމަކީ ނެޓްފްލިކްސް އިން ފެބްރުއަރީގައި ގެނެސްދިން އެންތޮލޮޖީ ފިލްމު "ޕިއްޓާ ކަތަލޫ" އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ތިއްމަރޫސޫ: އެސައިންމަންޓް ވާލީ"، "ގުރުތަންޑާ ސީތަކަލަމް"، "ގޮޑްސޭ" އަދި "ސްކައިލެބް" ހިމެނެ އެވެ.

"ރާމް ސެތޫ" އަށް ސަތިއަދޭވް ސޮއިކުރި އިރު، އެޕްރީލް މަހުގެ ތެރޭގައި އަކްޝޭ އަށް ކޮވިޑް ޖެހިގެން ޝޫޓިން މެދިކަނޑާލި ފިލްމުގެ މަސައްކަތް މިހާރު އަންނަނީ އަލުން ކުރަމުންނެވެ.

"ތެރޭ ބިން ލާދިން" އާއި "ޕަރްމަނޫ: ދަ ސްޓޯރީ އޮފް ޕޮކްރާން" އަދި "ސޫރަޖް ޕޭ މަންގަލް ބާރީ" ގެނެސްދިން ޑައިރެކްޓަރު އަބީޝެކް ޝަރުމާ ހަދާ "ރާމް ސެތޫ" ގެ ބަތަލާއިންނަކީ ޖެކްލީން ފެނަންޑޭޒާއި ނުޝްރަތު ބަރޫޗާ އެވެ.

މި ފިލްމުގައި ސަތިއަދޭވް ކުޅޭނީ ކޮން ކަހަލަ ކެރެކްޓާއެއް ކަމަށް އަދި ނޭނގެ އެވެ.