Roadha Mihaaru
އަކްޝޭ އާކިއަލޮޖިސްޓެއްގެ ގޮތުގައި

"ރާމް ސެތޫ" ގައި އަކްޝޭ ކުމާރު އާކިއަލޮޖިސްޓެއްގެ ގޮތުގައި

16 މާޗް 2021

އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ފިލްމު "ރާމް ސެތޫ" ގައި އަކްޝޭ ކުޅޭނީ އާކިއަލޮޖިސްޓެއްގެ ރޯލު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ފިލްމު "ރާމް ސެތޫ" ގައި އަކްޝޭ ކުޅޭނީ އާކިއަލޮޖިސްޓެއްގެ ރޯލު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމުގެ ޕޯސްޓަރު ވެސް ފެންނަ ގޮތުގައި މިއީ އަކްޝޭ ތަފާތު ލުކަކާ އެކު ވަރަށް ތަފާތު ރޯލަކުން ފެންނާނެ ފިލްމެކެވެ. މިދިޔަ އަހަރުގެ ފަހުކޮޅު އިއުލާންކުރި ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފެށުމުގެ ކުރިން ފިލްމު ރަސްމީކޮށް ލޯންޗްކުރަން އަންނަ ބުރާސްފަތި ދުވަހު އަޔޯދިޔާގައި ހާއްސަ ހަފުލާއެއް ބާއްވަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

އެ ހަފުލާ އަށް ފިލްމުގެ ކާސްޓާއި ކްރޫ އެތަނަށް ދާނެ އެވެ. ރިޕޯޓްތައް ބުނާގޮތުން "ރާމް ސެތޫ" ރަސްމީކޮށް ލޯންޗްކޮށް ދެއްވާނީ އަޔޯދިއާގެ ޗީފް މިނިސްޓަރު ޔޯގީ އަދިޔަނާތެވެ. މި ފިލްމަކީ އެ ސިޓީގައި އެއްކޮށްހެން ޝޫޓްކުރާނެ ފިލްމެކެވެ.

"ރާމް ސެތޫ" ގެ ޑައިރެކްޓަރަކީ 2019 ގައި ސޯނަމް ކަޕޫރްގެ "ދަ ޒޯޔާ ފެކްޓާ" ގެނެސްދިން އަބީޝެކް ޝަރުމާ އެވެ. އޭނާ ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ތެރެ ބިން ލާދިން" އާއި "ޕަރުމަނޫ: ދަ ސްޓޯރީ އޮފް ޕޮކްރާން" ހިމެނެ އެވެ.

"ރާމް ސެތޫ" ގެ އެކްޒެކެޓިވް ޕްރޮޑިއުސަރުންގެ ތެރޭގައި މި އަހަރުގެ ނޮވެމްބަރު 5 ގައި ރިލީޒްކުރާ އަކްޝޭގެ ފިލްމު "ޕްރިތުވީރާޖް" ގެ ޑައިރެކްޓަރު ޗަންދުރަޕްރަކާޝް ދިވެދީ ވެސް ހިމެނެ އެވެ.

ލޯންޗްކުރާ ދުވަހު ރިލީޒްކުރާނެ ތާރީހު ވެސް އިއުލާންކުރާނެ ކަމަށް ބެލެވޭ "ރާމް ސެތޫ" ގެ ބަތަލާއިންނަކީ ޖެކްލިން ފެނަންޑޭޒާއި ނުޝްރަތު ބަރޫޗާ އެވެ.

މި އަހަރު ރިލީޒްވާން ހުރި އަކްޝޭގެ ފިލްމުތަކުގެ ތެރޭގައި "ޕްރިތުވީރާޖް" ގެ އިތުރުން އަންނަ މަހުގެ 30 ގައި ގެނެސްދޭ "ސޫރިޔަވަންޝީ" އާއި މެއި 28 ގައި ގެނެސްދޭ "ބެލް ބޮޓަމް" އަދި ޖޫން 6 ގައި ގެނެސްދޭ "އަތުރަންގީ ރޭ" ހިމެނެ އެވެ.