Roadha Mihaaru
ރިޕޯޓް ފޮތް ދީ، ޗުއްޓީ ފަށައިފި

ރިޕޯޓް ފޮތް ދީ، ޗުއްޓީ ފަށައިފި

03 ޑިސެމްބަރ 2020

މި އަހަރުގެ ފުރަތަމަ ޓާމުގެ ރިޕޯޓު ފޮތް ދީ، ސްކޫލުތައް މިއަދު ބަންދުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި އަހަރުގެ ފުރަތަމަ ޓާމުގެ ރިޕޯޓު ފޮތް ދީ، ސްކޫލުތައް މިއަދު ބަންދުކޮށްފި އެވެ.

މީގެ ކުރިން ދަރިވަރުންނަށް ރިޕޯޓް ފޮތް ދެމުން އައީ ސްކޫލުގަ އެވެ. ނަމަވެސް މި އަހަރު އެ ކުދިން ކުރި މަސައްކަތުގެ ނަތީޖާ، ކޮވިޑް-19 ގެ ސަބަބުން ދީފައިވަނީ އޮންލައިންކޮށް މީމިސް މެދުވެރިކޮށެވެ.

ހަލުއިކަމާ އެކު ފެތުރެން ފެށި ބަލިން ރައްކާތެރިވުމަަށް ތިން މަހަށް ވުރެ ގިނަ ދުވަހު ރާއްޖޭގެ ސްކޫލުތައް ވެސް ބަންދުކުރި އެވެ. އޭގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކަށް ހައްލެއް ގެނައުމަށް އަންނަ އަހަރުގެ އެކަޑެމިކް ކަލަންޑަރަށް ވެސް ބަދަލުތަކެއް ގެނަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މުޅި މި އަހަރު ބަލާފައި ވަނީ އެއް ޓާމުގެ ގޮތުގަ އެވެ. މިދިޔަ ޖެނުއަރީ 12 ގައި މި އަހަރުގެ ދިރާސީ އާ އަހަރު ފެށިއިރު، މި އަހަރުގެ ފުރަތަމަ ޓާމު ވަނީ މިއަދު ނިންމާލައިފަ އެވެ. އާ ކަލަންޑަރުގައިވާ ގޮތުން، މި އަހަރުގެ ދެ ވަނަ ޓާމު ފަށާނީ ޖެނުއަރީ 10، 2021 ގަ އެވެ. ޖޫން 24، 2021 ވަންދެން ދެ ވަނަ ޓާމު ދެމިގެންދާނެ އެވެ. ފަހު ޓާމުގެ ޗުއްޓީ އަށް ފަހު، އަންނަ އަހަރުގެ ދިރާސީ އާ އަހަރު ފަށަން ހަމަޖައްސާފައިވަނީ އޮގަސްޓް 10 ގަ އެވެ. ކޮވިޑުން ރައްކާތެރިވުމަށް މާޗު 12 ގައި ސްކޫލުތައް ބަންދުކުރުމަށް ފަހު އަލުން ކިޔަވައިދޭން ފެށީ ޖުލައި 1 ގަ އެވެ. ނަމަވެސް އޭރު މާލެ ސަރަހައްދުގައި ކިޔަވައިދޭން ފެށީ ގްރޭޑު 9 އިން ފެށިގެން މައްޗަށެވެ. އޭގެ ފަހުން 7 އަށް ވެސް ކިޔަވައިދޭން ފެށި އެވެ. ރަށްރަށުގައި މިދިޔަ ޖުލައި މަހުން ފެށިގެން އަންނަނީ ހުރިހާ ގްރޭޑަކަށް ކިޔަވައިދެމުންނެވެ.