Roadha Mihaaru
މާލޭ ސަރަހައްދުގެ ގެސްޓް ހައުސްތައް މި މަހު ހުޅުވަނީ

މާލޭ ސަރަހައްދުގެ ގެސްޓް ހައުސްތައް މި މަހު 14 ގައި ހުޅުވަނީ

08 ޑިސެމްބަރ 2020

ކޮވިޑް-19 ފެތުރެން ފެށުމުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި މާލޭ ސަރަހައްދުގެ ގެސްޓް ހައުސްތައް ޓޫރިސްޓުންނަށް ބަންދުކުރިތާ ނުވަ މަސް ފަހު މި މަހު 14 ގައި ހުޅުވަން ހުއްދަ ދީފި އެވެ.

ކޮވިޑް-19 ފެތުރެން ފެށުމުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި މާލޭ ސަރަހައްދުގެ ގެސްޓް ހައުސްތައް ޓޫރިސްޓުންނަށް ބަންދުކުރިތާ ނުވަ މަސް ފަހު މި މަހު 14 ގައި ހުޅުވަން ހުއްދަ ދީފި އެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވަނީ މިކަން ކަށަވަރުކޮށްދެއްވައިފަ އެވެ. އެ ޓްވީޓްގައި، ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުން ފުރުމުގެ 72 ގަޑިއިރު ކުރިން ކޮވިޑް-19 އަށް ޕީސީއާރް ޓެސްޓެއް ހަދަން ޖެހޭނެކަން ފާހަގަކުރައްވާފައިވެ އެވެ. ނަމަވެސް އިތުރު ތަފްސީލެއް އަދި ނުދެއްވަ އެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކޮވިޑް-19ގެ މަސައްކަތަށް ހާއްސަކޮށްފައިވާ ޓެގް ޓީމާއި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރާއި އެޗްޕީއޭ ޓެގް ކުރައްވައި އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވަމުން މިނިސްޓަރުގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ "މިހާރު 2021 އަށް ސްޓައިލްގައި މަރުހަބާ ކިޔޭނެ" ކަމަށެވެ.

މާލޭން ކޮވިޑް-19 ފެނުމާ އެކު މާލޭ ސަރަހައްދުގެ ގެސްޓް ހައުސްތަކަށް ޓޫރިސްޓުން ޗެކިންވުން މަނާކުރީ މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ. އޭގެ ފަހުން ރަށްރަށުގެ ގެސްޓް ހައުސްތައް ވެސް މާޗް 17 ގައު ބަންދުކުރި އެވެ. އަދި ބަލި ޖެހޭ މީހުން ގިނަވެ ބޯޑަރު ވެސް ބަންދުކުރުމާ އެކު ރިސޯޓްތައް ވެސް ބަންދުކުރަން ޖެހި ޜާއްޖޭގެ އިގްތިސާދުގެ އިންޖީނު ކަމަށްވާ ޓޫރިޒަމް ހުއްޓަމަކަށް އައެވެ.

ކޮވިޑް-19 ޖެހޭ މީހުން ގިނަވެ ނުރައްކާ ބޮޑުވުމާ މާޗް 12 ގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އިގްތިސާދީ މަސައްކަތްތައް ހުއްޓުމަކަށް އައުމުން އެތައް ބައެއްގެ ވަޒީފާ ގެއްލި ވިޔަފާރިތަކަށް ވަނީ ބޮޑެތި ގެއްލުންތައް ވެފަ އެވެ. ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދުވެ ހާލަތު ކޮންޓްރޯލް ވުމުން އިގްތިސާދީ ހާލަތަށް ބަލައި ޖުލައި 15 ގައި ބޯޑަރު ހުޅުވާލައި ރިސޯޓްތަކުގެ އޮޕަރޭޝަންތައް މަޑުމަޑުން ފެށި އެވެ. އަދި އޭގެ ފަހުން، މާލެ ސަރަހައްދު ފިޔަވައި އެހެން ހިސާބުތަކުގައި ގެސްޓް ހައުސްތަކާއި ސަފާރީތަކަށް ވެސް ޓޫރިސްޓުން ގެންނަން ހުއްދަ ދިނެވެ. ނަމަވެސް ރަށްރަށުގައި ގެސްޓް ހައުސް ހިންގަން ހުއްދަ ދެނީ އެ ރަށެއްގެ ކައުންސިލުން އެކަމަށް ހުއްދަ ދިނުމުން ކަމަށް ވާތީ އަދިވެސް އެތައް ރަށެއްގައި ގެސްޓް ހައުސްތައް ހިންގޭ ގޮތެއް ނުވެ އެވެ.

ޓޫރިޒަމް ހުއްޓުމަކަށް އައުމަށް ފަހު އަލުން ފެށުމާ އެކު، ޓޫރިސްޓުން އަންނަ އަދަދު މަޑުމަޑުން އިތުރުވަމުން އައިސް މިހާރު ފެންނަނީ ވަރަށް އުންމީދީ ގޮތަކަށެވެ. ރާއްޖެއަށް މި އަހަރު 462،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައި ވާއިރު މިދިޔަ މަހު އެކަނި ވެސް 35،000 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ ޖުލައި މަހު ބޯޑަރު ހުޅުވި ފަހުން އެންމެ ގިނަ ޓޫރިސްޓުން އައި މަހެވެ. މި މަހާއި މި ފެށޭ ޖެނުއަރީ މަހު ވެސް ޓޫރިސްޓުން ވަރަށް ބޮޑަށް އިތުރުވެ ބައެއް ރިސޯޓްތައް ފުލްވާނެ ކަމަށް ވެސް ވަނީ ބެލެވިފަ އެވެ.