Roadha Mihaaru
ޕޮގްބާ ޔުނައިޓެޑް ދޫކޮށްލަންޖެހޭ: އޭޖެންޓް

ޕޮގްބާ ޔުނައިޓެޑް ދޫކޮށްލަންޖެހޭ: އޭޖެންޓް

08 ޑިސެމްބަރ 2020

މެންޗެސްޓާ (ޑިސެމްބަރު 8) - ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ މެންޗެސްޓާ ޔުނައިޓެޑްގައި ހުރީ ހިތްހަމަޖެހިގެން ނޫން ކަމަށާއި އޭނާ އެ ޓީމު ދޫކޮށްލަންޖެހޭ ކަމަށް ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާ ބުނެފި އެވެ.

މެންޗެސްޓާ (ޑިސެމްބަރު 8) - ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ މެންޗެސްޓާ ޔުނައިޓެޑްގައި ހުރީ ހިތްހަމަޖެހިގެން ނޫން ކަމަށާއި އޭނާ އެ ޓީމު ދޫކޮށްލަންޖެހޭ ކަމަށް ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާ ބުނެފި އެވެ.

މަޝްހޫރު ގިނަ ކުޅުންތެރިންތަކެއްގެ އޭޖެންޓްކަމާ ހަވާލުވެފައިވާ ރައިއޯލާ މީގެ ކުރިން ވެސް ވަނީ ތަކުރާރުކޮށް ޕޮގްބާ ޔުނައިޓެޑް ދޫކޮށްލަން ބާރުއަޅައި މީޑިއާގައި ވާހަކަ ދައްކައިފަ އެވެ. މިދިޔަ ދެ ސީޒަނުގެ ޓްރާންސްފާ މާކެޓްގައި ވެސް ޕޮގްބާ ޔުނައިޓެޑް ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވާން އުޅޭ ކަމަށް އަޑުފެތުރުނު ނަމަވެސް އޭނާ ހުރީ ޔުނައިޓެޑްގަ އެވެ.

އުމުރުން 27 އަހަރުގެ ޕޮގްބާއާ އެކު ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫން އަށް ހަމަވާނެ އެވެ. އެކަމަކު ޔުނައިޓެޑުން ބޭނުން ނަމަ ޕޮގްބާއާ އެކު އެ އެއްބަސްވުން އިތުރު އެއް އަހަރަށް އާ ކުރުމުގެ އިހުތިޔާރު އޮވެ އެވެ. ޔުނައިޓެޑުން އެ އިހުތިޔާރުގެ ބޭނުން ހިފައި މިހާރު ވަނީ އިތުރު އެއް ސީޒަނަށް ޕޮގްބާ މަޑުކުރުވަން ނިންމައިފަ އެވެ. ފަހުން އާ ކުރި ކޮންޓްރެކްޓްގައިވާ ގޮތުން ޕޮގްބާ އަށް ދެން ހިލޭ ޓްރާންސްފާއެއްގައި އެ ޓީމު ދޫކޮށްލެވޭނީ 2022 ވަނަ އަހަރު ޖޫން މަހު އެވެ.

އިޓަލީގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ރައިއޯލާ ބުނީ މިހާރު ހާލަތު ހުރި ގޮތުން ޕޮގްބާ އަށް އެންމެ ރަނގަޅު ގޮތަކީ ޓީމު ބަދަލުކުރުން ކަމަށެވެ.

"(ޔުނައިޓެޑްގައި) ޕައުލް (ޕޮގްބާ) ހުރީ ހިތްހަަމަޖެހިގެނެއް ނޫން. މީހުން ބޭނުންވާ ވަރަށް އޭނަ އަށް މިހާރު ޔުނައިޓެޑްގައި ނުކުޅެވޭ. އެއީ އޭނާ ވެސް ކަންބޮޑުވާ ކަމެއް. އޭނާ ކޮންމެހެން ވިޔަސް ޓީމު ބަދަލުކުރަން އެބަޖެހޭ. އާ ތަޖުރިބާއެއް ކުރަންވީ ވަގުތު މިއީ،" ރައިއޯލާ ބުންޏެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވެސް ވަނީ ޕޮގްބާ އަށް ކްލަބް ލެވަލްގައި އެންމެ ރަނގަޅު ކުޅުން ދައްކަން ހުރި ދަތިތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރަނގަޅުވި ނަމަވެސް އޭގެ ފަހުން އެންމެ ރަނގަޅަށް ޓްރެއިނިންތަކުގައި މަސައްކަތްކުރަން އުނދަގޫވި ކަމަށް ދާދި ފަހުން ޕޮގްބާ ވަނީ ބުނެފަ އެވެ. މި ސީޒަނުގައި މިހާތަނަށް ޔުނައިޓެޑްގެ ފުރަތަމަ އެގާރައިގައި ޕޮގްބާ ފެނުނީ ޖުމްލަކޮށް ބަލާއިރު މަދު ފަހަރަކު އެވެ. ބައެއް މެޗުތަކުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ޕްރިމިއާ ލީގުގައި އެންމެ ފަހުން ޔުނައިޓެޑުން ފަހަތުން އަރައި ވެސްޓް ހޭމް ޔުނައިޓެޑް ބަލިކުރި މެޗުގައި ޕޮގްބާ ވަނީ މޮޅު ގޯލެއް ޖަހައިފަ އެވެ.