Roadha Mihaaru
ޕޮގްބާ އަށް މުހިއްމު މެޗުތަކެއް ގެއްލޭނެ

އަނިޔާގެ ސަބަބުން ޕޮގްބާ އަށް މުހިއްމު މެޗުތަކެއް ގެއްލޭނެ

08 ފެބުރުއަރީ 2021

މެންޗެސްޓާ (ފެބްރުއަރީ 8) - މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ އަށް މުހިއްމު މެޗުތަކެއް ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މެންޗެސްޓާ (ފެބްރުއަރީ 8) - މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ އަށް މުހިއްމު މެޗުތަކެއް ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ހޮނިހިރު ދުވަހުގެރޭ ޔުނައިޓެޑް ދަނޑުގައި އެވަޓަންއާ 3-3 އިން އެއްވަރުވި މެޗުގެ ފުރަތަމަ ހާފުގައި ޕޮގްބާ އަށް އަނިޔާވެގެން އޭނާ ބަދަލުކުރި އެވެ. އަނިޔާގެ ސަބަބުން ޕޮގްބާ އަށް ކުޅުމަށް އެނބުރި އާދެވޭނެ ސީދާ ތާރީހެއް ބުނަން ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބޭނުމެއްނުވި އެވެ. އެކަމަކު މެޗުތަކެއް ގެއްލޭނެ ކަމަށް އެއްބަަސްވި އެވެ.

ރިޕޯޓްތައް ބުނާގޮތުން އުމުރުން 27 އަހަރުގެ ޕޮގްބާ އަށް ކުޅުމަށް އެނބުރި އާދެވޭނީ އަންނަ މަހުގެ ކުރީކޮޅުގަ އެވެ. މިދިޔަ ސީޒަނުގައި ވެސް ޕޮގްބާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާ އަކުން ރަނގަޅުވާން މަހެއްހާ ދުވަސް ނެގި އެވެ.

މި މަހުގެ ނިޔަލަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެނަމަ ޕޮގްބާ އަށް ގެއްލޭ މެޗުތަކުގެ އަދަދު ހަޔަކަށް އަރާނެ އެވެ. އެ މެޗުތަކަކީ އެފްއޭ ކަޕްގައި މާދަމާރޭ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗާއި ޔޫރޮޕާ ލީގުގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅޭ ދެ މެޗުގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ބްރޮމް، ނިއުކާސަލް ޔުނައިޓެޑް އަދި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗެވެ.

ޕޮގްބާ އަށް އެނބުރި އާދެވޭނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ އަންނަ މަހު ހަ ވަނަ ދުވަހު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގަ އެވެ. އެކަމަކު އަނިޔާއިން އަވަހަށް ރިކަވާވެއްޖެނަމަ މި މަހު ފަހު ކޮޅު ޗެލްސީ ދަނޑުގައި ކުޅޭ މެޗުގައި ޕޮގްބާ އަށް ކުޅެވުމުގެ ފުރުސަތު އެބައޮތެވެ.

ޔުނައިޓެޑް މި ވަގުތު ޕްރިމިއާ ލީގުގެ ދެ ވަނައިގައި އޮތްއިރު، ލީގުގައި އެންމެ ފަހުން ކުޅުނު މެޗުތަކުގައި ޕޮގްބާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނެވެ. މުހިއްމު ވަގުތުތަކުގައި ޕޮގްބާ ވަނީ ލަނޑު ޖެހުމުގެ އިތުރުން ލަނޑު ޖަހަން ފުރުސަތު ވެސް ތަނަވަސްކޮށްދީފަ އެވެ. މުހިއްމު މެޗުތަކެއް ކުރިއަށް ހުއްޓައި ޕޮގްބާ އަށް އަނިޔާވުމަކީ ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ އަށް ކުރިމަތިވާނެ ބޮލުގެ ރިހުމެކެވެ.