Roadha Mihaaru
ފްލައިން ސްކޫލެއް ހިންގަން މޯލްޑިވިއަން ތަައްޔާރު

ފްލައިން ސްކޫލެއް ހިންގަން މޯލްޑިވިއަން ތަައްޔާރު

08 ޑިސެމްބަރ 2020

ރާއްޖޭގައި ފްލައިން ސްކޫލެއް ހިންގުމުގެ ގާބިލްކަން، ގައުމީ އެއާލައިން، މޯލްޑިވިއަަންގައި އެބަހުރި ކަމަށް އެތަނުގެ ފަންނީ ޓީމުން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި ފްލައިން ސްކޫލެއް ހިންގުމުގެ ގާބިލްކަން، ގައުމީ އެއާލައިން، މޯލްޑިވިއަަންގައި އެބަހުރި ކަމަށް އެތަނުގެ ފަންނީ ޓީމުން މިއަދު ބުނެފި އެވެ.

މޯލްޑިވިއަންގެ ހެޑް އޮފް ޓްރެއިނިން އެންޑް ސްޓޭންޑާޑް އަދި ހެޑް އޮފް އައިޓީއޯގެ ކެޕްޓަން އަހުމަދު ހުނައިނު ވިދާޅުވީ މޯލްޑިވިއަންގައި މިހާރު ވެސް ބައިނަލްއަގުވާމީ ފެންވަރެއްގައި ހުއްދަ ލިބިފައިވާ ތަމްރީންތައް މިހާރު ވެސް ހިންގަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ޕައިލެޓުންނާއި ކެބިން ކްރޫންނާއި ޑިސްޕެޗާސް އާއި އޭވިއޭޝަން ލެންގުއޭޖްގެ ތަމްރީންތައް ވެސް ހިމެނޭ ކަމަށް، އޭނާ ވިދާޅުވި އެވެ.

ހުނައިނު ވިދާޅުވި ގޮތުގައި މި ހުރިހާ ގާބިލްކަމާ އެކު، ރާއްޖޭގައި ފްލައިން ސްކޫލެއް ހިންގޭ ވަރަށް މޯލްޑިވިއަންގެ ތަޖުރިބާ އެބަ ހުއްޓެވެ.

"އަޅުގަނޑުމެންނަށް އުނދަގުލެއް ނުވާނެ އަލަށް ޕައިލެޓްކަން ކިޔަވަން ބޭނުންވާ ކުދިންނަށް ކޯސް ހިންގާކަށް،" އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް އެއްބަސްވުމެއްގެ ދަށުން އެމްއެންޑީއެފް އާއި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޕައިލެޓުންނާއި އިންޖިނިއަރުންނަށް ވެސް ތަމްރީނު އަންނަނީ ދެމުން."

ޕައިލެޓް ޓްރެއިނިންގެ އިތުރުން އިންޖިނިއަރިންގެ ދާއިރާއިން ތަމްރީން ޕްރޮގްރާމްތައް ހިންގުމުގެ ގާބިލުކަން ވެސް މޯލްޑިވިއަންގައި އެބަ ހުރި ކަމަށް، އެ އެއާލައިންގެ ފަންނީ ބޭފުޅުން ވިދާޅުވެ އެވެ.

މޯލްޑިވިއަންގެ އިންޖިނިއަރިން ޑިޕާޓްމެންޓްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހަސަން ވިދާޅުވީ އެއާބަސް މަރުކާގެ ބޯޓުފަހަރާއި ބޯއިން އަދި ޑޭޝްގެ ބޯޓުތަކަށް ބޭނުންވާ އިންޖިނިއަރިން ސާވިސް ދެވޭ ވަރަށް، ކުންފުނި އޮތީ ތަރައްގީވެފަ އެވެ.

މިހާރު ވެސް އަލަށް ވަންނަ އިންޖިނިއަރުންނާއި މަސައްކަތްކުރަމުން އަަންނ އިންޖިނިއަރުންނަށް ހާއްސަކޮށްގެން ތަފާތު ކޯސްތައް ހިންގާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ބައިނަލްއަގުވާމީ އިދާރާތަކުން ގަބޫލުކުރާ ކޯސްތައް ވެސް ހިމެނެ އެވެ.

"މިހާރު ވެސް މިދަނީ މިފަދަ ޓްރެއިނިން ޕްރޮގްރާމުތައް ދެމުން. އެގޮތުން އަލަށް ސެޓިފައިޑްވާ އިންޖިނިއަރުންނަށް ވެސް ބޭނުންވާ ޓްރެއިނިންތައް އެބަ ދެން،" މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މޯލްޑިވިއަންއަށް ފްލައިން ސްކޫލެއް ހިންގުމުގެ ފުރުސަތު ލިބިއްޖެ ނަމަ ދެން އޮންނާނީ ސިލަބަހެއް އެކުލަވައިލަން އެކަންޏެވެ. އެ ސިލަބަސް ކިޔަވައިދީ، ތަމްރީންކުރާނެ ދިވެހި އިންސްޓްރަކްޓަރުންނާއި ކްލާސްރޫމާއި އެހެނިހެން ވަސީލަތްތައް ވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ އެއާބަސް މަރުކާގެ 350 އާއި 330 އާއި 320ގެ އިތުރުން ބޯއިންގެ 777 އާއި 787އާއި 767 އާއި 737 މަރުކާގެ ބޯޓަށް މޯލްޑިވިއަންގެ އިންޖިނިއަރިންއިން އަންނަނީ ޚިދުމަތް ދެމުންނެވެ. އެ ކުންފުނީގައި 45 އިންޖިނިއަރުން މަސައްކަތް ކުރެ އެވެ.

ފްލައިން ސްކޫލެއް ހިންގުމުގެ ގާބިލްކަން ހުރި ކަމަށް، މޯލްޑިވިއަންގެ ފަންނީ ބޭފުޅުން މި ވިދާޅުވީ ރާއްޖެއަށް އިތުރު ފްލައިން ސްކޫލެއް ބޭނުންވާ ކަމަށް، ސަރުކާރުން ބުނެފައި އޮތް ދަނޑިވަޅެއްގަ އެވެ.