Roadha Mihaaru
ޕައިލެޓުންގެ މުސާރަ ބޮޑު ކޮށްދޭން އެއްބަސްވެއްޖެ

މުސާރަ ބޮޑުކުރާނެ ކަމުގެ ޔަގީންކަމާ އެކު ޕައިލެޓުން އިހުތިޖާޖު ހުއްޓާލައިފި

12 ސެޕްޓެމްބަރ 2021

މޯލްޑިވިއަންގެ ޕައިލެޓުންގެ މުސާރަ އަންނަ ޖެނުއަރީން ފެށިގެން ކުރިން ހުރި ވަރަށް ބޮޑު ކޮށްދޭނެ ކަމުގެ ޔަގީންކަން އައިލެންޑް އޭވިއޭޝަނުން ދީފައިވާ ކަމަށާއި އެހެންވެ އިޖުތިޖާޖު ހުއްޓާލައިފައިވާ ކަމަށް އެ ކުންފުނީގެ ބައެއް ޕައިލެޓުން ބުނެފި އެވެ. ކޮވިޑާ ގުޅިގެން ކުޑަކުރި މުސާރަ އިއާދަކޮށްނުދީގެން ޕައިލެޓުން ކުރިން ވަނީ މިއަދު ދަތުރުނުކުރަން ނިންމައިފަ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މޯލްޑިވިއަންގެ ޕައިލެޓުންގެ މުސާރަ އަންނަ ޖެނުއަރީން ފެށިގެން ކުރިން ހުރި ވަރަށް ބޮޑު ކޮށްދޭނެ ކަމުގެ ޔަގީންކަން އައިލެންޑް އޭވިއޭޝަނުން ދީފައިވާ ކަމަށާއި އެހެންވެ އިޖުތިޖާޖު ހުއްޓާލައިފައިވާ ކަމަށް އެ ކުންފުނީގެ ބައެއް ޕައިލެޓުން ބުނެފި އެވެ. ކޮވިޑާ ގުޅިގެން ކުޑަކުރި މުސާރަ އިއާދަކޮށްނުދީގެން ޕައިލެޓުން ކުރިން ވަނީ މިއަދު ދަތުރުނުކުރަން ނިންމައިފަ އެވެ.

ޕައިލެޓަކު ބުނި ގޮތުގައި އައިލެންޑެ އޭވިއޭޝަންގެ މެނެޖިން ޑިރެކްޓަރު މުހަންމަދު މިހާދު ރޭ ވަނީ ޕައިލެޓުންނާ އަނެއްކާ ވެސް ބައްދަލު ކުރައްވައި އަންނަ މަހުން ފެށިގެން މުސާރަ 80 ޕަސެންޓަށް ބަދަލު ކުރުމަށާއި ޖެނުއަރީން ފެށިގެން ހަމަ މުސާރަ އަށް އިއާދަކޮށްދޭން އެއްބަސްވެ ވަޑައިގެންފަ އެވެ.

ޕައިލެޓުން ވަނީ އެމްޑީގެ ނިންމެވުން ލިޔުމުން ދެއްވަން ވެސް އެދިފަ އެވެ. އަދި މިއަދު 4:00 ޖެހުމާ ހަމައަށް އެކަން ބަލާނެ ކަމަށް "މިހާރު" އާ ވާހަކަދެއްކި ފައިލެޓަކު ބުންޏެވެ. އޭނާ ބުނީ ޕައިލެޓުންގެ ޝަކުވާތަކަށް އަނގަބަހުން ހައްލެއް ލިބުނު ނަމަވެސް، ކުރަން ނިންމާފައިވާ އިހްތިޖާޖު ދެން ކުރިއަށް ގެންދާނެ ގޮތެއް، ރައީސް އިބްރާހިމް މުހަންމަދު ސޯލިހާ އެކު މިއަދު ބާއްވާ ބައްދަލުވުމަށް ފަހު ނިންމާނެ ކަމަށެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން މޯލްޑިވިއަންގެ ޕައިލެޓުންގެ މުސާރަތައް 40 ޕަސެންޓަށް ކުޑަކުރި އެވެ. ޕައިލެޓުން ބުނަނީ މި ވަގުތު ދަތުރުތައް އިތުރުވުމުން ކުރީގެ މުސާރަ ދިނުމުގައި އެ ކުންފުންޏަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

ރައީސް ޕައިލެޓުންނާ ބައްދަލުކުރައްވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ޕައިލެޓުން މިއަދު ބައްދަލުކުރައްވާނެ ކަން ރައީސް އޮފީހުން ވަނީ ޔަގީންކޮށްދީފަ އެވެ.

"މިހާރު" އާ ވާހަކަދެއްކި ޕައިލެޓަކު ވެސް ބުނީ މިއަދު 12 ޖަހާއިރު ރައީސާ ޕައިލެޓުން ބައްދަލުކުރަން ނިންމާފައިވާ ކަމަށެވެ. މި ބައްދަލުވުމަކީ ރައީސްގެ އެދިވަޑައިގަތުމަކަށް ބާއްވާ ބައްދަލުވުމެކެވެ. އޭނާ ބުނީ، ޕައިލެޓުންގެ ހުރި ކަންބޮޑުވުންތަކަށް މި ބައްދަލުވުމުގެ ތެރެއިން ވެސް ހައްލު ހޯދަން އިތުރަށް ފަސޭހަވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ޑޭޝް ބޯޓުތަކުގެ ޕައިލެޓުންގެ އިތުރުން ސީ ޕްލޭން ޕައިލެޓުންގެ މެދުގައި ވެސް ވަރަށް ބޮޑެތި ހިތްހަމަނުޖެހުންތަކެއް އެބައޮތެވެ. މި މައްސަލަގަނޑުގެ ތެރެއިން ސީޕްލޭން ދުއްވި ހަތް ޕައިލެޓުން ވަނީ މިދިޔަ ހަފްތާގައި އިސްތިއުފާދީފަ އެވެ.

އައިލެންޑް އޭވިއޭޝަންގެ އެމްޑީ، މިހާދު ވަނީ ޕައިލެޓުންގެ ހުރި ކަންބޮޑުވުންތަކަށް އެޑްރެސްކޮށް، ކުރީގެ މުސާރަ ރުޖޫއަކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ، މުސާރަ ބޮޑުކޮށްދިނުން ލަސްވީ ކޮވިޑްގެ އުނދަގޫތަކާ ހެދި ކަމަށެވެ.

ކޮވިޑްގެ ހާލަތުގައި އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިވީ އެއާލައިން އިންޑަސްޓްރީއަށެވެ. ދުނިޔޭގެ އެއާލައިން އިންޑަސްޓްރީ އަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ގާތްގަނޑަކަށް 200 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން އިން ބުނެފައިވެ އެވެ. އެ އެސޯސިއޭޝަނުން 290 އެއާލައިން ރިޕްރެޒެންޓް ކުރާ އިރު އެއާލައިންތަކުގެ ގާތްގަނޑަކަށް 113 ބިލިއަން ޑޮލަރުގެ އާމްދަނީ މަދުވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.