Roadha Mihaaru
އާމިރުގެ ދަރި ޖުނައިދުގެ ފިލްމަށް ބަތަލާއެއް

އާމިރު ޚާންގެ ފިރިހެން ދަރިފުޅު ޖުނައިދުގެ ފިލްމަށް ބަތަލާއެއް

10 ޑިސެމްބަރ 2020

ބޮލީވުޑްގެ އެކްޓަރު އާމިރު ޚާންގެ ފިރިހެން ދަރިފުޅު ޖުނައިދު ޚާން ބޮލީވުޑަށް ނެރެން ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ތައްޔާރުވަމުން އަންނަ އިރު އެ ފިލްމަށް މިހާރު ބަތަލާ އަކު ވެސް ހަމަޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޓަރު އާމިރު ޚާންގެ ފިރިހެން ދަރިފުޅު ޖުނައިދު ޚާން ބޮލީވުޑަށް ނެރެން ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ތައްޔާރުވަމުން އަންނަ އިރު އެ ފިލްމަށް މިހާރު ބަތަލާ އަކު ވެސް ހަމަޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި ޖުނައިދުގެ ފިލްމުގައި ދެ ބަތަލާއިން ހިމެނޭ އިރު އޭގެ ތެރެއިން އެކަކަށް މިހާރު ވަނީ ދެކުނު ފިލްމު އިންޑަސްޓްރީގެ ބަތަލާ ޝާލިނީ ޕާންޑޭ ހަމަޖައްސައިފަ އެވެ. އޭނާ އަކީ 2017 ގެ ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ބަތަލާ އެވެ.

ޝާލިނީ ބޮލީވުޑަށް ނެރޭނީ ވައިއާރްއެފުން ރަންވީރު ސިންގްއާ އެކު ގެނެސްދޭ "ޖަޔޭޝްބާއީ ޖޯރުދާރު" އިންނެވެ. އެ ފިލްމަކީ ޝޫޓިން ނިންމާލައި ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމެކެވެ.

މީޑިއާތަކުން ބުނީ ޖުނައިދުގެ ފިލްމަށް ޝާލިނީ ސޮއިކުރީ އަދިތިޔާ ޗޯޕްރާގެ ވައިއާރްއެފާ އެކު ހަދާފައިވާ ތިން ފިލްމުގެ އެއްބަސްވުމުގެ ދަށުން ކަމަށެވެ.

ޖުނައިދުގެ ފިލްމާ ބެހޭ އެއްވެސް ވާހަކައެއް އެ ސްޓޫޑިއޯ އިން އަދި ރަސްމީކޮށް ހިއްސާކޮށްފައި ނުވާ އިރު، ފިލްމުގެ ދެވަނަ ބަތަލާ އަކީ ވައިއާރްއެފުން ގެނެސްދޭން އުޅޭ "ބަންޓީ އޯރް ބަބްލީ 2" ގެ ކާސްޓްގައި ހިމެނޭ ޝަރުވާރީ ވާގް ކަމަށްވެ އެވެ. އޭނާއާ އެކު ވެސް ވައިއާރްއެފުން ތިން ފިލްމުގެ ޑީލެއް ހަދާފައިވެ އެވެ.

މީޑިއާތަކުން ބުނާގޮތުގައި ޖުނައިދުގެ އަލަތު ފިލްމަކީ ރާނީ މުކަރްޖީގެ "ހިޗްކީ" ގެނެސްދިން ސިދާތު މަލްއުތުރާ ޑައިރެކްޓްކުރާ ފިލްމެކެވެ. އަދި އޭގެ މަސައްކަތް ފަށާނީ އަންނަ އަހަރު އެވެ.

ޖުނައިދު އެކްޓިން އަށް ނުކުންނާނެ ވާހަކަ އާމިރު ވެސް ކުރިން ބުނެފައިވާ އިރު، އޭނާ ވަނީ ބައްޕަ ކުޅުނު ފިލްމުތަކެއްގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި 2014 ގެ "ޕީކޭ" އާއި 2009 ގެ "3 އިޑިއަޓްސް" ހިމެނެ އެވެ.