Roadha Mihaaru
އެމްބީއޭ ރައީސްގެ މަގާމް އާދަމް ކާމިިޔާބު ކުރައްވައިފި

އެމްބީއޭ ރައީސްގެ މަގާމް އާދަމް ކާމިިޔާބު ކުރައްވައިފި

13 ޑިސެމްބަރ 2020

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސް ހޮވުމަށް އިއްޔެ ބޭއްވި އިންތިޚާބު ފުރިހަމަ ތާއީދަކާ އެކު އަހުމަދު އާދަމް (އެޑަމް) ކާމިޔާބު ކުރައްވައިފި އެވެ.

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސް ހޮވުމަށް އިއްޔެ ބޭއްވި އިންތިޚާބު ފުރިހަމަ ތާއީދަކާ އެކު އަހުމަދު އާދަމް (އެޑަމް) ކާމިޔާބު ކުރައްވައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ އެއްގޮތަށް ސޮލައިޓް ރެސްޓޯރަންޓުގައި އިއްޔެ ހަވީރު ބޭއްވި އިންތިހާބުގައި ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ. އާދަމް އާއި އޭނާގެ ހިންގާ ކޮމިޓީ އަށް ވަނީ އިންތިހާބުގައި ބައިވެރިވި ހުރިހާ ކްލަބެއްގެ ވޯޓު ލިބިފަ އެވެ. އެމްބީއޭ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 23 ކްލަބްގެ ތެރެއިން 21 ކްލަބް ވޯޓުގައި ބައިވެރިވި އެވެ.

ޓީރެކްސް ބާސްކެޓްބޯލް ކްލަބްގެ ފަރާތުން ނަން ހުށަހަޅައިގެން އިންތިހާބު ކާމިޔާބުކުރެއްވި އާދަމްގެ ލީޑަޝިޕްގެ ހިންގާ ކޮމިޓީގައި ހިމެނެނީ ނުވަ މެމްބަރުންނެވެ. އެއީ ނައިބު ރައީސް ހުސެއިން ސުހެއިލް އާއި ހަޒާންދާރު އިސްމާއިލް ނުޖައިމީ އިބްރާހިމް އާއި އަމިއްލަ މެމްބަރު އަހުމަދު ގާސިމާއި ފުރިހަމަ މެމްބަރުންގެ ގޮތުގައި އަހުމަދު ނަސީރު އިބްރާހިމާއި ހުސެއިން ފަޒީލާއި ހުސެއިން އަމީނާއި އަހުމަދު ޝާހިދު އަދި ދިޔާނާ އަފީފް އެވެ.

އާދަމްގެ ލީޑަޝިޕުން ރާއްޖޭގައި ބާސްކެޓް ކުރިއެރުވުމަށް ގިނަ ގޮތްގޮތުން މަސައްކަތްކުރަން ވަނީ ރާވައިފަ އެވެ. އެގޮތުން ބާސްކެޓްބޯޅައިގެ ޑިވެލޮޕްމަންޓް މަސައްކަތް މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުރިއަށް ވު ފުޅާކޮށް ކުރިއަަށްގެންދިއުން ހިމެނެ އެވެ.

އެމްބީއޭގެ ރައީސްގެ މަގާމު އެންމެ ފަހުން ފުރުއްވި އަހުމަދު މަމްދޫހު (މަންޑޭ) އިތުރު ދައުރަަކަށް ކުރިމަތިނުލައްވަން ނިންމެވީ ދެން އޮތް ޒުވާން ޖީލަށް ވެސް ލީޑަޝިޕްގެ މަގާމު އަދާކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. އަލަށް އިންތިހާބުވި ރައީސް އާދަމް ވަނީ މަންޑޭގެ ލީޑަޝިޕްގައި ހިންގާ ކޮމިޓީގައި މުހިއްމު މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

އެމްބީއޭ އިން އިއްޔެ ވަނީ އަހަރީ އާންމު ޖަލްސާ ވެސް ބާއްވައިފަ އެވެ. އަދި ކުރިއަށް އޮތް އަހަރުގެ ބަޖެޓް ވަނީ ފާސްކޮށްފަ އެވެ.