Roadha Mihaaru
ބޮޑުއަގުގައި ކުޅުންތެރިން ގެންގޮސް ބައުސް ވަރުގަދަކޮށްފި

ބޮޑު އަގުގައި ކުޅުންތެރިން ގެންގޮސް ދަ ބައުސް ވަރުގަދަކޮށްފި

10 ޖެނުއަރީ 2022

ބޮޑު އަގުގައި ކުޅުންތެރިންގެ ސޮއި ހޯދައި، މި އަހަރުގެ ބާސްކެޓްބޯޅަ ސީޒަނަށް، ދަ ބައުސް ސްޕޯޓްސް ކްލަބު ވަރުގަދަކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބޮޑު އަގުގައި ކުޅުންތެރިންގެ ސޮއި ހޯދައި، މި އަހަރުގެ ބާސްކެޓްބޯޅަ ސީޒަނަށް، ދަ ބައުސް ސްޕޯޓްސް ކްލަބު ވަރުގަދަކޮށްފި އެވެ.

ސްކޮޑް އެކުލަވާލުމަށް ދަ ބައުސް އިން މި އަހަރު ގާތްގަނޑަކަށް 500،000ރ. ހޭދަކުރާނެ ކަމަށް އެ ކްލަބުގެ އޮފިޝަލަކު ބުންޏެވެ.

"އެއްފަހަރާ ގަނޑުކޮށް އެއްވެސް ކުޅުންތެރިޔަކަށް ފައިސާ ދޭކަށް ނޫން، މުޅި އަހަރަށް ބަހާލައިގެން އެކި ޕީރިއަޑްތަކުގައި ފައިސާ ދޭނީ. އާމްދަނީއެއް ލިބޭނެ އުސޫލެއްގެ ތެރެއިން،" އޮފިޝަލް ބުންޏެވެ.

އޭނާ ބުނީ، ރާއްޖޭގެ ބާސްކެޓްގައި ބެންޗްމާކް ކަނޑައަޅާ ކްލަބަކަށް، ދަ ބައުސް ވާން ބޭނުންވާ ކަމަށެވެ. ބައުސް ކަނޑައެޅި އުސޫލާ އެކު ކުރިއަށް އޮތް ތަނުގައި އެހެން ކްލަބްތަކުން ވެސް އެ އުސޫލަށް އަމަލުކުރާނެ ކަމަށް، އެކްލަބުން އުންމީދު ކުރެ އެވެ.

ދަ ބަ އުސްއިން ސޮއިކުރުވި ފާހަގަ ކުރެވޭ ކުޅުންތެރިންގެ ތެރޭގައި މުހައްމަދު ސަމޫހް (ސަމުއްޓޭ) އާއި އަހްމަދު އަދުހަމް ހިމެނެ އެވެ.

ދަ ބައުސްގެ ކޯޗު، ހުސައިން ޒަމީލް (ޒަމްބެ) ބުނީ، އަލަށް ޓީމެއް ބިނާކޮށްގެން ކުރިއަށްދާއިރު ކެތްތެރި ކަމާ އެކު ކުރިއަށް ދާން ޖެހޭނެ ކަމަށެވެ.

"އެކި ލެވަލްގެ ކުޅުންތެރިން ގެނެސް މި ފަށައިގަތީ. މި ޓީމުން ކުރިއެރުން ހޯދުމުގައި ވަގުތުކޮޅެއް ނަގައިފާނެ. ކެތްތެރިކަމާ އެކު މަސައްކަތް ކުރެއްވިއްޖެ ނަމަ ކުރިއެރުން ފެންނާނެކަން ޔަގީން،" ސްޓާސް ބާސްކެޓްބޯޅަ އެކަޑަމީގެ ވެސް ހެޑް ކޯޗް، ޒަމީލް ބުންޏެވެ.

ދަ ބައުސްގެ ފިޓްނަސް ޕާޓްނަރަކަށް ފިޓްކޯން ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ދަ ބައުސްގެ ފިޓްނަސް ޕާޓްނަރަކަށް ފިޓްކޯން ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ކްލަބަށް އާންމުދަނީ ލިބޭނެ ގޮތްތަކެއް ރާވަނީ

އޮފިޝަލް ބުނީ، ކްލަބަށް އާމްދަނީ ހޯދޭނެ ގޮތްތަކަށް ކުރިން ވެސް މަސައްކަތްތަކެއް ފަށާފައި ހުރި ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ގެންދިއުމަށް އާމްދަނީ ލިބޭނެ އިތުރު ކަންތައްތަކެއް ފެށުމަށް ތައްޔާރު ވަމުންދާ ކަމަށް ބުންޏެވެ.

"ކުޅުންތެރިންނަނަކީ ކޮންމެވެސް ވެލިއުއެއް ހުންނަ ބަޔަކަށް ވާން ޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ،" އޮފިޝަލް ބުންޏެވެ. "ކުޅުންތެރިންނަށް ޕޭ ކުރުން އެކަންޏެއް ނޫން، ކުޅުމުގައި ވެސް އަދި ކުޅުމުން ބޭރުގައި ވެސް ވަކި ލެވަލްއެއްގައި ކުޅުންތެރިން ތިބެން އަޅުގަނޑުމެން ބޭނުންވޭ."

އެގޮތުން، ކުޅުންތެރިންގެ ފިޓްނަސް ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އަމިއްލަ ޖިމްއަކާ އެކު އެއްބަސްވުން ހަދާފައި ވާނެ ކަމަށް އޮފިޝަލް ބުންޏެވެ.

ދަ ބައުސްގެ މެނޭޖުމެންޓްގައި ހަރަކާތްތެރިވާ އެހެން އޮފިޝަލަކު ބުނީ، އެޓީމު އެކުލަވާލީ އެއް އަހަރަށް އަމާޒުކޮށްގެން ނޫން ކަމަށެވެ.

"އެއް ޓީމެއް އަހަރުތަކެއް ވަންދެން ބާއްވައިގެން ކުރިއަށް ދިއުމުގެ ވިސްނުން ހުރީ،" އޮފިޝަލް ބުންޏެވެ. "އަދި ކޮންމެ އަހަރަކު ވެސް އާ ކުޅުންތެރިން ޕޫލްކޮށްގެން ކްލަބްގެ ސިސްޓަމްމގެ ތެރެއަށް ވައްދާނަން."

ބާސްކެޓްބޯޅައިގައި އެންމެ އަވަހަށް އޮތް މުބާރާތްތަކަކީ، ގައުމީ ބާސްކެޓްބޯޅަ ލީގާއި އެމްބީއޭ ކަޕެވެ. އެ ދެ މުބާރާތުގައި ބައިވެރިވުމަށް އެމްބީއޭއިން ވަނީ ހުޅުވާލައިފަ އެވެ.