Roadha Mihaaru
ކުޅިވަރުގެ މާސްޓާސްއާއެކު މޯޑް އުންމީދީ ޕްރޮޖެކްޓެއްގައި

ކުޅިވަރުގެ މާސްޓާސް ޑިގްރީއާ އެކު މޯޑް ބާސްކެޓްގެ އުންމީދީ ޕްރޮޖެކްޓެއްގައި

17 ޖެނުއަރީ 2022

ބާސްކެޓްބޯޅައިގެ އިންޓަ ސްކޫލް ހަރަކާތުގެ އެންމެ ފޯރިގަދަ ދުވަސްވަރު، ބާސްކެޓަށް އެންމެ ވަރުގަދަ ޓީމު އަބަދުވެސް ނެރޭ މަޖީދިއްޔާ ސްކޫލްގެ ޓީމުންނެވެ. މަޖީދިއްޔާ އިން މުހައްމަދު ވަހީދު (މޯޑް) އަށް ދިން ފުރުސަތާ އެކު އޭނާގެ ކުޅުން ވަރަށް ބޮޑަށް ފާހަގަވި އެވެ. މާޖިދިއްޔާގެ އޭރުގެ ކޯޗު އަހްމަދު ރިޔާޒު (ރިޔާ ކޯޗު) ގެ ބެލުމުގެ ދަށުން މާޖީދިއްޔާގެ ޓީމަށް ނުކުމެ، މޯޑް އެ ކުޅިވަރުގައި ރަނގަޅަށް ފައި ހަރުކޮށްލި އެވެ. ދެން އައި ދެ އަހަރު މުހައްމަދު ޝިޔާމް (ޝިޔާންޓޭ ކޯޗު) ގެ ބެލުމުގެ ދަށުން މަޖީދިއްޔާގެ ޓީމުގައި އެންމެ މުހިންމު ކުޅުންތެރިޔަކަށް ހުރީ މޯޑެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބާސްކެޓްބޯޅައިގެ އިންޓަ ސްކޫލް ހަރަކާތުގެ އެންމެ ފޯރިގަދަ ދުވަސްވަރު، ބާސްކެޓަށް އެންމެ ވަރުގަދަ ޓީމު އަބަދުވެސް ނެރޭ މަޖީދިއްޔާ ސްކޫލްގެ ޓީމުންނެވެ. މަޖީދިއްޔާ އިން މުހައްމަދު ވަހީދު (މޯޑް) އަށް ދިން ފުރުސަތާ އެކު އޭނާގެ ކުޅުން ވަރަށް ބޮޑަށް ފާހަގަވި އެވެ. މާޖިދިއްޔާގެ އޭރުގެ ކޯޗު އަހްމަދު ރިޔާޒު (ރިޔާ ކޯޗު) ގެ ބެލުމުގެ ދަށުން މާޖީދިއްޔާގެ ޓީމަށް ނުކުމެ، މޯޑް އެ ކުޅިވަރުގައި ރަނގަޅަށް ފައި ހަރުކޮށްލި އެވެ. ދެން އައި ދެ އަހަރު މުހައްމަދު ޝިޔާމް (ޝިޔާންޓޭ ކޯޗު) ގެ ބެލުމުގެ ދަށުން މަޖީދިއްޔާގެ ޓީމުގައި އެންމެ މުހިންމު ކުޅުންތެރިޔަކަށް ހުރީ މޯޑެވެ.

އޭރު ބާސްކެޓްގައި ޑޮމިނޭޓް ކުރި ވިކްޓަރީ އާއި، ޔޫތު ސްޕޯޓްސް ކްލަބް އަދި ދަ ގުރޫޕަށް ވެސް މޯޑް ކުޅެން އުޅުނު ދުވަސްވަރު ދަށް ޑިވިޝަންތަކުގެ ޓީމުތަކަށް ކޯޗު ކޮށްދިނެވެ. ކުރީގެ ހަވީރު ނޫހުން ހޮވި 2006 ގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓްވި ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނު މޯޑް ބުނިގޮތުގައި ޒުވާން އުމުރުގައި ކޯޗެއްގެ ގޮތުގައި މަސައްކަތް ފެށުމުން، ޓެކްނިކަލް މަސައްކަތްތަކަށް އޭނާގެ ޝައުގުވެރިކަން ބޮޑުވި އެވެ.

"ހަގީގަތުގައި ކުޅުން ހުއްޓާލަން ބޭނުންވީ ވެސް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރި ވެގެން،" ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުމާއި ގައުމީ ތުރީ އޮން ތުރީ ބާސްކެޓް ޓީމުގެ ހެޑް ކޯޗްކަން ވެސް ކުރި މޯޑް ބުންޏެވެ.

ކުޅިވަރުގެ ދާއިރާއިން ކިޔަވަން ޝައުގުވެރިވުން

ގައުމީ ޓީމަށް 2000 ވަނަ އަހަރު ކުޅެން ފެށިއިރު ވެސް ކުޅިވަރުގެ ދާއިރާއިން ކިޔެވުމުގެ ޝައުގުވެރިކަން އޭނާގެ ހުރި ކަމަށް މޯޑް ބުންޏެވެ. އެކަމަކު މިހާރު އޮޮންނަ ވަރުގެ ތަނަވަސް ފުރުސަތުތަކެއް ނޯންނާތީ އެކަމަށް މަގެއް އޮތީ ނުފެނި އެވެ.

މޯޑް 10 ނަންބަރު ޖޯޒީގައި

މޯޑް 10 ނަންބަރު ޖޯޒީގައި

ކުޅެން އުޅުނު އިރު ރަސްމީ ވަޒީފާއެއްގެ ގޮތުގައި، އިމާދުއްދީން ސްކޫލްގައި ސްޕޯޓްސް ސުޕަވައިޒަރެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރި އެވެ. އެކަމަކު މޯޑަށް ފެނުނީ އެއީ ކުރިއެރުމެއް ނެތް ވަޒީފާއެއްގެ ގޮތުގަ އެވެ.

"އޭރުގެ އޮނިގަނޑު އޮންނަ ގޮތުން ސްޕޯޓްސް ސުޕަވައިޒަރަކީ ޑެޑް އެންޑް ޖޮބެއް،" މޯޑް ކިޔައި ދިނެވެ.

އެކަމަކު އޮލިމްޕިކް ކޮމިޓީން ހުޅުވާލި ސްކޮލާޝިޕް ފުރުސަތުގައި ހަންގޭރީގެ ސެމްލްވައިސް ޔުނިވަސިޓީން ކޯޗިން އެންޑް ސްޕޯޓްސް ސައިންސްގެ ދާއިރާއިން ޑިޕްލޮމާ ފުރިހަމަކުރި ހިސާބުން އޭނާގެ ޝައުގުވެރިކަން ސްޕޯޓްސް އެޑިއުކޭޝަންގެ ތެރެއަށް ވަދެގެންދިޔަ ކަމަށް މޯޑް ބުންޏެވެ.

"އެހާ ހިސާބުން ވަރަށް ބޮޑަށް އޭގެތެރެއަށް ހިތްޖެހިފައި ހުރީ. ބޮޑަށް ޝައުގުވެރިކަން އުފެދުނީ ވެސް ސްޕޯޓްސް ސައިންސްގެ ތެރެއަށް،" ބާސްކެޓްބޯޅައިގެ މައި ޖަމިއްޔާ، ފީބާގެ ކޯޗިން ލައިސެންސް ވެސް ހާސިލުކޮށްފައިވާ މޯޑް ބުންޏެވެ.

"ދެން އެހެން ހުއްޓާ ނެޝަނަލް ޔުނިވަސިޓީން އިއުލާން ކުރީ ހެލްތު އެންޑް ފިޒިކަލް އެޑިއުކޭޝަން ދާއިރާއިން ޑިގްރީ ޕްރޮގްރާމެއް. އޭގައި ބައިވެރިވެގެން ހަގީގަތުގައި މި ފެށުނީ."

މޯޑް: އޭނާ ވަނީ ކޯޗިން އެޑިއުކޭޝަންގެ ޕްރޮގްރާމްތަކެއް ފުރިހަމަކޮށްފަ

މޯޑް: އޭނާ ވަނީ ކޯޗިން އެޑިއުކޭޝަންގެ ޕްރޮގްރާމްތަކެއް ފުރިހަމަކޮށްފަ

ރާއްޖޭގައި ކުޅިވަރުގެ ހާލަތު އޮތް ގޮތުން ކުޅިވަރުން ލިބޭ އާމްދަނީން އެކަނި ދިރިއުޅޭ އެތުލީޓުން މަދެވެ. މޯޑް ބުނިގޮތުގައި އަލަށް ކުޅިވަރުގެ ތެރެއަށް ނުކުންނަ ޒުވާން ކުދިން ވެސް ކިޔެވުމުގެ ވިސްނުން ގެންގުޅުން އެއީ ރާއްޖޭގެ ހާލަތަށް ބަލާއިރު މުހިންމު ކަމެކެވެ.

ހާއްސަކޮށް އަމަލީ ގޮތުން އެކި ކުޅިވަރުތައް ކުޅޭ ކުޅުންތެރިން ސްޕޯޓްސް އެޑިއޭކޭޝަންގެ އެކިއެކި ރޮނގުތަކުން ކިޔެވުމުގެ މުހިންމުކަން އޭނާ ފާހަގަކުރި އެވެ.

"ރާއްޖޭގެ ސްޕޯޓްސްގެ ދާއިރާގައި ސްޕެޝަލައިޒް ވެފައިތިބި މީހުން ވަރަށް މަދު. މިހާރު އޮތް ހިސާބުން ސްޕޯޓްސް ކުރިއަށް ގެންދެވޭނީ ޓެކްނިކަލް ދާއިރާތަކުން ކިޔަވައިގެން،" މައި ކޮލެޖްގައި ހެލްތު އެންޑް ފިޒިކަލް އެޑިއުކޭޝަންގެ ކިޔަވައިދޭ މޯޑް ބުންޏެވެ.

"މިހާރު ރާއްޖޭގައި ކޯޗުންނަށް ބެލިޔަސް ޓީމެއްގައި ކުރަން ޖެހޭ ހުރިހާ ކަމެއް މިކުރަނީ ކޯޗުން. ކޯޗް ހުންނާނީ ޓްރޭނަރަކަށް ވެސް. ކޯޗް ހުންނާނީ މެނޭޖަރަކަށް ވެސް. އެކަމަކު މިއީ މުޅިން ތަފާތު ޑިޕާޓްމެންޓްތަކެއް. ވަކިވަކިން އެ ދާއިރާތަކުން ކިޔަވަންޖެހޭ ޑިޕާޓްމެންޓްތަކެއް. އެއިން ކޮންމެ ދާއިރާއެއްގައި ވެސް އެބައޮވޭ ޕީއެޗްޑީ ފެންވަރަށް ކިޔެވެން."

އެމްބީއޭއާ އެކު އުންމީދީ ޕްރޮޖެކްޓެއްގައި

ދެކުނު ކޮރެއާގެ ސޯލް ޔުނިވަސިޓީން މާސްޓާސް ޑިގްރީ ހަދައިގެން އައި ހިސާބުން އެހެން ފުރުސަތުތައް ވެސް މޯޑަށް ހުޅުވުނެވެ. އޭނާގެ ހިތް އަބަދުވެސް އޮތީ އެ ކުޅިވަރެއްގައި އޭނާގެ ކުޅުމުގެ ކެރިއާ ބިނާ ކުރި ކުޅިވަރު، ބާސްކެޓްބޯޅަ އަށެވެ. ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ޓެކްނިކަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްތައް އެކުލަވާލައި ރޭވުމުގެ މަސައްކަތްތަކެއް މޯޑް މިހާރު ވަނީ ފަށައިފަ އެވެ.

"އެ މަސައްކަތުގައި ބޮޑަށް މި އޮތީ ކޯޗުންނާއި ރެފްރީންނާއި މުބާރާތްތައް ހިންގާއިރު ބޭނުންވާނެ ޓެކްނިކަލް ދާއިރާތަކުގެ މީހުން ބިނާ ކުރުމުގެ ޕްރޮގްރާމްތައް އެކުލަވައިލުން،" މޯޑް ބުންޏެވެ.

މޯޑް (ވާތުން ދެވަނަ އަށް) ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި ގައުމީ ޓީމާއެކު ކުރި ދަތުރެއްގެ ތެރެއިން

މޯޑް (ވާތުން ދެވަނަ އަށް) ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި ގައުމީ ޓީމާއެކު ކުރި ދަތުރެއްގެ ތެރެއިން

މޯޑާ އެކު ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިޔަކު ބުނީ، ކުޅެން އުޅުނު އިރު ވެސް މޯޑަކީ އޭނާގެ އަމިއްލަ ހިޔާލު ކޯޗަށް ހުށަހަޅާ ކުޅުންތެރިޔެއް ކަމަށެވެ.

"އެކުގައި މަސައްކަތް ކުރާނެ. ހިޔާލު ތަފާތު ވާނެ. އެކަމަކު އޭގެ ސަބަބުން ކުޅުމަށް އަސަރު ކުރިޔަކަ ނުދޭނެ،" ކުރީގެ ކުޅުންތެރިޔާ ބުންޏެވެ.

މޯޑް ބުނި ގޮތުގައި ދެތިން އަހަރު ތެރޭ ޕީއެޗްޑީއާ ހަމައަށް ދިއުމަށް އޭނާ ވިސްނަ އެވެ. އޭނާގެ ޕީއެޗްޑީ ޕްރޮގްރާމް ކުރިއަށް ގެންދާނީ ވެސް ސްޕޯޓްސް ދާއިރާއިން ކަމަށް ބުންޏެވެ.