Roadha Mihaaru
ފައިވް ނޭޝަންސް ކަޕް މާދަމާ، ރާއްޖޭގެ އަމާޒު ރަނަށް

ބާސްކެޓްގެ ފައިވް ނޭޝަންސް ކަޕް މާދަމާ، ރާއްޖޭގެ އަމާޒު ރަނަށް

13 ޖޫން 2023

މާދާމަ ރާއްޖޭގައި ފަށާ ފައިވް ނޭޝަން ބާސްކެޓްބޯޅަ މުބާރާތް ކާމިޔާބު ކުރަން ދިވެހި ޓީމުން ބުރަކޮށް މަސައްކަތް ކުރާނެ ކަމަށް ރާއްޖޭގެ ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް (އެޑަމް) ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މާދާމަ ރާއްޖޭގައި ފަށާ ފައިވް ނޭޝަން ބާސްކެޓްބޯޅަ މުބާރާތް ކާމިޔާބު ކުރަން ދިވެހި ޓީމުން ބުރަކޮށް މަސައްކަތް ކުރާނެ ކަމަށް ރާއްޖޭގެ ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް (އެޑަމް) ވިދާޅުވެއްޖެ އެވެ.

މި މަހުގެ 14-22 އަށް ފަސް ޓީމާ އެކު ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ މުބާރާތް އިއްޔެ ވަނީ ލޯންޗުކޮށްފަ އެވެ.

ރާއްޖޭގެ ފިރިހެން ގައުމީ ޓީމަށް އަމާޒު ކޮށްގެން ފައިވް ނޭޝަންސް ކަޕް މުބާރާތެއް ބޭއްވުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް މިދިޔަ މެއި މަހުގެ ފަހުކޮޅު ކުޅިވަރު މިނިސްޓަރު އަހުމަދު މަހުލޫފް ކުޅުންތެރިންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ހަފްލާއެއްގައި ހާމަ ކުރެއްވި އެވެ.

މާލޭގެ ޔޫތު ސެންޓަރުގެ އިންޑޯ ކޯޓުގައި ބާއްވާ މި މުބާރާތުގައި ރާއްޖެއާ އެކު ވާދަކުރާނީ، ނޭޕާލާއި ބޫޓާން އަދި ބަންގްލަދޭޝްގެ އިތުރުން ޕާކިސްތާނެވެ. ޕާކިސްތާނުން ސަރަހައްދީ ބާސްކެޓްބޯޅަ މުބާރާތެއްގައި މި ވާދަކުރަނީ އަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.

ރާއްޖޭން މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ރޭ ނުކުންނާނީ ބަންގްލަދޭޝާ ދެކޮޅަށެވެ.

ފައިވް ނޭޝަންސް ކަޕް ލޯންޗް ކުރުމަށް އިއްޔެ ބޭއްވި ހަފްލާގެ ތެރެއިން ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އެޑަމް.-- ފޮޓޯ: ޔޫތު މިނިސްޓްރީ

ފައިވް ނޭޝަންސް ކަޕް ލޯންޗް ކުރުމަށް އިއްޔެ ބޭއްވި ހަފްލާގެ ތެރެއިން ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އެޑަމް.-- ފޮޓޯ: ޔޫތު މިނިސްޓްރީ

މި މުބާރާތަކީ 2017 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސައުތު އޭޝިއަން ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕަށް ފަހު ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމް އަމިއްލަ ގައުމުގައި ކުޅޭ ފުރަތަމަ ބާސްކެޓްބޯޅަ މުބާރާތެވެ. ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އެޑަމް ވިދާޅުވީ ފެބްރުއަރީ މަހުން ފެށިގެން މުބާރާތަށް ވާން ޖެހޭ ތައްޔާރީތައް ފަށައިފައި ވާނެ ކަމަށާއި، ދެ މަސް ކުރިން ޓީމުތައް ފައިނަލް ކުރެވިފައި ވާކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާތަނަށް ޓީމެއް ތައްޔާރު ކުރަން ކުރެވުނު އެންމެ ބުރަ މަސައްކްތް ކުރެވިފައި މިއޮތީ އެކި ގޮތްގޮތުން،" އޭޕްރީލް މަހު ސައުތު އޭޝިއާގެ ބާސްކެޓްބޯޅަ ފެޑެރޭޝަން (ސާބާ) ރައީސްކަން ވެސް ކުރައްވަމުން އަންނަ އެޑަމް ވިދާޅުވި އެވެ.

"ކޮންމެ ބަޔަކު ވެސް ބޭނުން ވަނީ އެބައެއްގެ އެންމެ ޔަންގު ޓީމް ނޫނީ އެންމެ ވަރުގަދައަށް ދެން އޮންނަ އެސްއޭ (ސައުތު އޭޝިއަން) ގޭމްސް އަށް ތައްޔާރު ކުރާ ޓީމު މުބާރާތުގައި ކުޅެން. އަޅުގަނޑުމެންގެ ޓީމުވެސް ފުދޭވަރަކަށް ރަނގަޅުވާނެ. އަޅުގަނޑުމެންގެ އުންމީދަކީ ވެސް ކާމިޔާބު."

މި މުބާރާތުގައި މި ސަރަހައްދުގެ ހަތަރު ރެފްރީންނާއި ސަރަހައްދުން ބޭރުގެ ތިން ރެފްރީންނާއެކު ޖުމްލަ ހަތް ރެފްރީއެއް ހަރަކާތްތެރި ވާނެ ކަމަށް ވެސް އެޑަމް ވިދާޅުވި އެވެ.

ފައިވް ނޭޝަންސް ކަޕް ލޯންޗް ކުރުމަށް އިއްޔެ ބޭއްވި ހަފްލާގެ ތެރެއިން ބާސްކެޓްބޯޅަ ޓީމުގެ ކޯޗު ޒިލާ.-- ފޮޓޯ: ޔޫތު މިނިސްޓްރީ

ފައިވް ނޭޝަންސް ކަޕް ލޯންޗް ކުރުމަށް އިއްޔެ ބޭއްވި ހަފްލާގެ ތެރެއިން ބާސްކެޓްބޯޅަ ޓީމުގެ ކޯޗު ޒިލާ.-- ފޮޓޯ: ޔޫތު މިނިސްޓްރީ

ގައުމީ ޓީމުގެ ފަރިތަކުރުންތައް އޭޕްރީލް މަހު ފެށިގެން މުހައްމަދު ޒިލާލް (ޒިލާ)ގެ ކޯޗުކަމުގައި ކުރިއަށް ގެންދިޔައީ ސައިޕްރަސްގެ ތަޖުރިބާކާރު ކޯޗު ނެމަންޔާ ޖެޑޯވްގެ ބެލުމުގެ ދަށުންނެވެ. އަދި ގައުމީ ޓީމުން ވަނީ އިންޑިއާގެ ބެންގަލޫރުގައި ހުންނަ ޕަޑުކޯން ޑްރާވިޑް ސެންޓާ ފޯ ސްޕޯޓްސް އެކްސަލަންސް ހައި ޕާފޯމަންސް ސެންޓަރުގައި 14 ދުވަހު ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ތަމްރީނު ދަތުރުގައި ގައުމީ ޓީމުން ފަސް ޓްރެއިނިން މެޗު ވެސް ކުޅެފައި ވެއެވެ.

ޒިލާ ބުނީ ޓްރޭނިން ކޭމްޕުން ޓީމަށް ގިނަ ފައިދާތަކެއް ކުރި ކަމަށާއި ގިނަ ދުވަސްތަކެއް ވަންދެން ގައުމީ ޓީމަށް މޮޅެއް ނުހޯދި އޮތް އޮތުން މި ޓްރޭނިން ކޭމްޕުގައި ނިމުމަކަށް ގެނެވުމުން ކުޅުންތެރިންނަށް ވެސް އިތުބާރު ލިބިފައި ވާކަމަށެވެ.

"ކުޅުންތެރިންނެ ވެސް އަދި އަޅުގަނޑުމެންގެ ވެސް އަޒުމަކީ މިއީ ކާމިޔާބީގެ ފެށުމެއް ކަމަށް ހެދުން." ކުރީގެ ގައުމީ ޓީމުގެ ކެޕްޓަން ޒިލާ ބުންޏެވެ.

"ފެބްރުއަރީ އިން ފައްޓައިގެން ކޮން ކަންތައްތަކެއްގައި ތޯ ބޭނުންވަނީ ބަލައިގެން، ހެޑް ކޯޗުގެ ފަރާތުން ވެސް އެ މައުލޫމާތު ހޯދައި ވަރަށް ދުރާލާ ސްޓްރެޓީޖިކް ކޮށް މުބާރާތަށް މި ތައްޔާރުވީ. މިހާރު މުބާރާތަށް ތައްޔާރުވެފައި މި އޮތީ، ދެން ބުނެލަން ބޭނުންވަނީ އަޅުގަނޑުމެން ދެން ފެންނާނީ ވަރުގަދަ ބާސްކެޓް ކުޅޭ ޓީމެއްގެ ގޮތުގައޭ."

ފައިވް ނޭޝަންސް ކަޕް ލޯންޗް ކުރުމަށް އިއްޔެ ބޭއްވި ހަފްލާގެ ތެރެއިން ޖެޑޯވް.-- ފޮޓޯ: ޔޫތު މިނިސްޓްރީ

ފައިވް ނޭޝަންސް ކަޕް ލޯންޗް ކުރުމަށް އިއްޔެ ބޭއްވި ހަފްލާގެ ތެރެއިން ޖެޑޯވް.-- ފޮޓޯ: ޔޫތު މިނިސްޓްރީ

ޖެޑޯވް ބުނީ މިއީ ރާއްޖޭގެ ބާސްކެޓްބޯޅައިގެ އާ ފެށުމަކަށް ހަދަން ބޭނުންވާ ކަމަށާއި ރާއްޖޭގެ ފަސްގަނޑުގައި އޮންނަ މުބާރާތުގައި ކުޅުންތެރިންނަށް އެންމެ ފުރިހަމައަށް ސަޕޯޓް ދޭން އެދޭ ކަމަށެވެ.

"މިއީ ރާއްޖޭގެ ގައުމީ ޓީމުގެ އާ ފެށުމަކަށް ހަދަން ބޭނުން. އެކަން ފެށިގެން ކުރިއަށް ދަނީ ފެބްރުއަރީ މަހުން ފެށިގެން، އެކަމު ފަރިތަކުރުންތައް ރަސްމީކޮށް ފެށީ އޭޕްރީލް މަހު. މިއީ ޕްރޮސެސް އެއް، އަދި ފަށައިގަނެގެން މި އުޅެނީ،" ޖެޑޯވް ބުންޏެވެ.

"އިތުރު އެއްޗެއް ބުނާކަށް ނެތިން، ކޯޓު މަތިން އެކަން ދައްކަން ބޭނުމީ."

ހަފްލާގައި ބައިވެރިވި މިނިސްޓަރު މަހުލޫފް ވިދާޅުވީ ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރަތްތައް ބޭއްވުމަކީ ސަރުކާރުގެ ބޮޑު ވައުދެއް ކަމަށާއި އެކަން އެންމެ ފުރިހަމައަށް އަދާ ކުރެވޭތޯ މަސައްކަތް ކުރައްވާ ކަމަށެވެ.

ފައިވް ނޭޝަންސް ކަޕް ލޯންޗް ކުރުމަށް އިއްޔެ ބޭއްވި ހަފްލާގެ ތެރެއިން މިނިސްޓަރު މަހުލޫފް.-- ފޮޓޯ: ޔޫތު މިނިސްޓްރީ

ފައިވް ނޭޝަންސް ކަޕް ލޯންޗް ކުރުމަށް އިއްޔެ ބޭއްވި ހަފްލާގެ ތެރެއިން މިނިސްޓަރު މަހުލޫފް.-- ފޮޓޯ: ޔޫތު މިނިސްޓްރީ

ވަސީލަތްތަކުގެ ދަތިތަކާ އެކު ގިނަ މުބާރާތްތަކެއް ބާއްވަން ދަތިތަކާ ކުރިމަތި ވިއަސް ކައިރި މުސްތަގުބަލެއްގައި ރާއްޖޭގެ ބާސްކެޓްބޯޅަ އަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"ފެސިލިޓީގެ ދަތިތަކަކީ މުބާރާތްތަކަށް ތައްޔާރުވާން އަދި މުބާރާތްތައް ހޯސްޓު ކުރަން ވެސް ދަތި ކަމެއް. އަޅުގަނޑުމެން މީގެ ދެ އަހަރު ކުރިން ފެށިގެން އިންޑިއާ އެލްއޯސީ ޕްރޮޖެކްޓުގެ ދަށުން ގާއިމް ކުރާ ފެސިލިޓީގެ ވާހަކަ އެބަ ދައްކަން. އެކަން ވަނީ ޓެންޑާ ކުރެވިފައި، އިރާދަ ކުރެއްވިއްޔާ މި މަހުގެ 28 ގައި ބިޑްތައް ނެގޭނެ. އުންމީދަކީ ޖުލައި އޮގަސްޓް ހިސާބުގައި ސޮއި ކޮށްފައި އަމަލީ މަސައްކަތް ފެށުން،" މިނިސްޓަރު ވިދާޅުވި އެވެ.

"އޭގެ ތެރޭގައި އެބަ އާދޭ ބާސްކެޓް އެރީނާ ތިން ކޯޓު، ވަރަށް ރަނގަޅު ބޮޑު ފެސިލިޓީ އެއް. އެއަށް ފަހު އިރާދަކުރެއްވިއްޔާ ބާސްކެޓުގައި މި ސަރަހައްދުގައި ހައްލެއް ލިބޭނެ."

މީގެ އިތުރުން ވެސް އަތްވާއި ވާރެއިން ސަލާމަތް ވެގެން ކުޅެވޭ ފެންވަރުގެ ސެމީ އިންޑޯ ދެ ކޯޓެއްގެ މަސައްކަތް ހުޅުމާލޭގައި ކުރިއަށް ދާ ކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.