Roadha Mihaaru
ނަތީޖާ ރަސްމީވެއްޖެ، މިއީ 
އާ ސަފުހާއެއްގެ ވަގުތު

އިންތިޚާބުގެ ނަތީޖާ ރަސްމީވެއްޖެ، މިއީ އާ ސަފުހާއެއް އެއްލަންވީ ވަގުތު

15 ޑިސެމްބަރ 2020

ވޮޝިންޓަން (ޑިސެމްބަރު 15) - އެމެރިކާގައި މިދިޔަ މަހު 3 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އިލެކްޓޯރަލް ކޮލެޖުން ރަސްމީކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޑިސެމްބަރު 15) - އެމެރިކާގައި މިދިޔަ މަހު 3 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އިލެކްޓޯރަލް ކޮލެޖުން ރަސްމީކޮށްފި އެވެ.

ނަތީޖާ ރަސްމީވުމާ އެކު އިންތިޚާބު ކާމިޔާބު ކުރެއްވި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ދެއްވި ތަގްރީރުގައި ވިދާޅުވީ މިއީ އެމެރިކާގެ ތާރީޚުގައި އާ ސަފުހާއެއް އެއްލަން ޖެހޭ ވަގުތު ކަމަށެވެ.

ނޮވެމްބަރު 3 ވަނަ ދުވަހު ބޭއްވި އިންތިޚާބުގެ ނަތީޖާ ގަބޫލް ކުރައްވަން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެކޮޅު ހައްދަވައިފަ އެވެ. ބައިޑަން ވަނީ ޓްރަމްޕުގެ އެ އަމަލު ކުށްވެރި ކުރައްވައިފަ އެވެ.

ޑެލަވެއާގައި ދެއްވި ތަގްރީރުގައި ބައިޑަން ވަނީ އެމެރިކާގެ އާއްމު ރައްޔިތު މީހާ އަށް ތައުރީފް ކުރައްވައިފަ އެވެ. ބައިޑަން ވިދާޅުވީ ރައްޔިތުންގެ ހިތްވަރު ދެމިގެންދާނެ ކަމަށެވެ.

"ޑިމޮކްރެސީގެ ހުޅުކޮޅު މާކުރިން ވަނީ ގައުމުގައި ދިއްލިފައި. އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ ބޮޑު ރޯގާއަކުން ނުވަތަ ވެރިކަމުގެ ބާރު ނަހަމަގޮތުގައި ބޭނުން ކުރިއަސް އެ ހުޅުކޮޅު ނިއްވާނުލެވޭނެކަން،" ބައިޑަން ވިދާޅުވި އެވެ.

އިލެކްޓޯރަލް ކޮލެޖުން ނަތީޖާ ޔަގީންކުރުމަކީ ބައިޑަން މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. މީގެ ކުރީގެ އިންތިޚާބުތަކުގައި އިލެކްޓޯރަލް ކޮލެޖަށް މާބޮޑު ސަމާލު ކަމެއް ނުލިބެ އެވެ. ނަމަވެސް މިފަހަރު ސަމާލުކަން ބޮޑުވީ ނަތީޖާ ގަބޫލް ކުރައްވަން ޓްރަމްޕް ދެކޮޅު ހެއްދެވުމުންނެވެ.

އެމެރިކާގެ އިންތިޚާބީ ނިޒާމް އޮންނަ ގޮތުން ރައްޔިތުން ނުކުމެ ހަގީގަތުގައި ވޯޓުލަނީ "އިލެކްޓާސް" އަށެވެ. ބައިޑަން އިންތިޚާބު ކާމިޔާބު ކުރެއްވީ 306 އިލެކްޓޯރަލް ވޯޓާ އެކު އެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 232 އިލެކްޓޯރަލް ވޯޓެވެ. އިންތިޚާބު ކާމިޔާބު ކުރާ ކެންޑިޑޭޓަކު މަދުވެގެން 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯއްދަވަން ޖެހެ އެވެ.

އިލެކްޓޯރަލް ކޮލެޖުން ނަތީޖާ ރަސްމީކުރި ނަމަވެސް ބަލި ގަބޫލް ކުރެއްވުމުގެ ވިސްނުމެއް ޓްރަމްޕުގެ ނެތެވެ. ނަތީޖާ ޔަގީންކުރުމާ އެކު ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވަނީ އެޓާނީ ޖެނެރަލް ވިލިއަމް ބާ މަގާމުން ވަކިވާ ކަމަށް ވިދާޅުވެފަ އެވެ. ބާ ވަނީ އިންތިޚާބު އޮޅުވާލި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

އިލެކްޓޯރަލް ކޮލެޖުގެ ނަތީޖާ ކޮންގްރެސް އިން ޖެނުއަރީ 6 ވަނަ ޔަގީންކުރާނެ އެވެ. އޭގެ ފަހުން ބައިޑަން ވެރިކަމާ ހަވާލުވެވަޑައިގަންނަވާނީ ޖެނުއަރީ 20 ވަނަ ދުވަހު އެވެ.