Roadha Mihaaru
ވޯޓު "ހޯދުމަށް" އޮފިޝަލަކަށް ޓްރަމްޕް އެންގެވި

ކާމިޔާބު ކުރެވޭވަރަށް ވޯޓު "ހޯދުމަށް" އޮފިޝަލަކަށް ޓްރަމްޕް އެންގެވި

04 ޖެނުއަރީ 2021

ވޮޝިންޓަން (ޖެނުއަރީ 4) - އިންތިޚާބުގެ ނަތީޖާ ބަދަލު ކުރެވޭ ވަރަށް ވޯޓު "ހޯއްދެވުމަށް" ޖޯޖިއާ ސްޓޭޓުގެ އިންތިޚާބާ ގުޅޭ އޮފިޝަލަކަށް ޓްރަމްޕް އެންގެވި ކަމަށް ބުނާ އޯޑިއޯއެއް ވޮޝިންޓަން ޕޯސްޓުން ލީކުކޮށްލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖެނުއަރީ 4) - އިންތިޚާބުގެ ނަތީޖާ ބަދަލު ކުރެވޭ ވަރަށް ވޯޓު "ހޯއްދެވުމަށް" ޖޯޖިއާ ސްޓޭޓުގެ އިންތިޚާބާ ގުޅޭ އޮފިޝަލަކަށް ޓްރަމްޕް އެންގެވި ކަމަށް ބުނާ އޯޑިއޯއެއް ވޮޝިންޓަން ޕޯސްޓުން ލީކުކޮށްލައިފި އެވެ.

"އަޅުގަނޑު ބޭނުން ވަނީ ހަމައެންމެ 11،780 ވޯޓު،" ޖޯޖިއާގެ ރިޕަބްލިކަން ޕާޓީގެ ސެކްރެޓަރީ އޮފް ސްޓޭޓް ބްރެޑް ރަފެންސްޕާގަށް ޓްރަމްޕް އެންގެވި ކަމަށް ބުނާ އޯޑިއޯގައި ވިދާޅުވެފައިވެ އެވެ.

ޖަވާބުގައި ރަފެންސްޕާގު ވިދާޅުވާ ކަމަށް އަޑު އިވެނީ ޖޯޖިއާގެ އިންތިޚާބުގެ ނަތީޖާ ރަނގަޅު ކަމަށެވެ.

ޓްރަމްޕް ވިދާޅުވާ ކަމަށް އޯޑިއޯގައި ވަނީ ޖޯޖިއާގެ ވޯޓުގައި މަކަރު ހަދާފައިވާ ކަމަށާއި އެކަން ރިޕޯޓް ނުކުރުމަކީ އިލެކްޝަން އޮފިޝަލުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭނެ ކަމެއް ކަމަށެވެ. ޓްރަމްޕަށް ރަފެންސްޕާގު ދަންނަވާފައި ވަނީ ރައީސަށް ލިބިވަޑައިގެންފައިވާ މައުލޫމާތު ގޯސް ކަމަށެވެ.

ޓްރަމްޕް ބޭނުންވާ އަދަދު ކަމަށްވާ 11،780 ވޯޓު އިތުރު ކުރުމުން ޖޯޖިއާގައި ބައިޑަން އަށް ވުރެ ޓްރަމްޕަށް އެއް ވޯޓު އިތުރަށް ލިބިވަޑައިގަންނަވާނެ އެވެ. ޖޯޖިއާ އިން ބައިޑަން އަށް ލިބިވަޑައިގެންނެވީ 2,473,633 ވޯޓެވެ. ޓްރަމްޕް ބޭނުންވީ 11،780 ވޯޓު އިތުރުކޮށް 2,473,634 ވޯޓުން އެމަނިކުފާން ކޮޅަށް ނަތީޖާ ބަދަލުކޮށްލާށެވެ.

ނޮވެމްބަރު 3 ވަނަ ދުވަހު ބޭއްވި އިންތިޚާބު ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑަން ކާމިޔާބު ކުރައްވާފައި ވަނީ އެކި ސްޓޭޓުތަކުގެ ވޯޓުގެ މައްޗަށް ބިނާކޮށްފައިވާ 306 އިލެކްޓޯރަލް ކޮލެޖް ވޯޓުންނެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 232 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ.

އިންތިޚާބަށް ފަހު ޓްރަމްޕް ގެންދަވަނީ ނަތީޖާ ގަބޫލް ކުރައްވަން ދެކޮޅު ހައްދަވަމުންނެވެ. ޓްރަމްޕް ވިދާޅުވަނީ ނަތީޖާތައް އޮޅުވާލާފައިވާ ކަމަށެވެ.

ރައީސްކަމަށް އިންތިޚާބުވި ޖޯ ބައިޑަން އާއި ރައީސް ޑޮނަލްޑް ޓްރަމްޕް. --ފޮޓޯ:އޭއެފްޕީ

ރައީސްކަމަށް އިންތިޚާބުވި ޖޯ ބައިޑަން އާއި ރައީސް ޑޮނަލްޑް ޓްރަމްޕް. --ފޮޓޯ:އޭއެފްޕީ

އެމެރިކާގެ 50 ސްޓޭޓުން މިހާރު ވަނީ އިންތިޚާބުގެ ނަތީޖާ ސައްހަ ކަމަށް ކަނޑައަޅައިފަ އެވެ. ބައެއް ސްޓޭޓްތަކުގެ ނަތީޖާގެ ފަރަގު ކުޑަވުމުން ދެ ވަނަ ފަހަރަށް ވެސް ވަނީ ވޯޓު ގުނައިފަ އެވެ. ބައިޑަންގެ ކާމިޔާބިއާ ދެކޮޅަށް ހުށަހެޅި 60 މައްސަލައެއް ވަނީ ކޯޓުތަކުން ބޭރުކޮށްލައިފަ އެވެ.

އިންތިޚާބުގެ ނަތީޖާ ކޮންގްރެސް އިން ރަސްމީކޮށް ފާސްކުރާނީ ޖެނުއަރީ 6 ވަނަ ދުވަހު އެވެ. ރައީސްކަމުގެ ހުވާ ބައިޑަން ކުރައްވާނީ ޖެނުއަރީ 20 ވަނަ ދުވަހު އެވެ.

އެމެރިކާގެ ސެނެޓަށް ދެ މެންބަރުން އިންތިޚާބު ކުރުމަށް ޖޯޖިއާގައި އަންގާރަ ދުވަހު ވޯޓު ނަގާނެ އެވެ. ސެނެޓުގެ ބާރު ބެލެންސް ކުރުމަށް އެ ވޯޓުގެ ނަތީޖާ މުހިންމުވާނެ އެވެ. ޑިމޮކްރެޓިކް ދެ މެންބަރުން ޖޯޖިއާގެ ވޯޓު ކާމިޔާބުކޮށްފި ނަމަ ސެނެޓުގައި ރިޕަބްލިކަން އާއި ޑިމޮކްރެޓިކް މެންބަރުންގެ އަދަދު ހަމަހަމަވާނެ އެވެ. އެމެރިކާގެ ކޮންގްރެސްގެ ދަށުގެ ނުވަތަ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް ކޮންޓްރޯލް ކުރަނީ ބައިޑަންގެ ޑިމޮކްރެޓިކް ޕާޓީންނެވެ.

ޖެނުއަރީ 6 ވަނަ ދުވަހު ކޮންގްރެސްގެ ބައްދަލުވުމުން ވާނީ ކިހިނެއް؟

އިންތިޚާބުގެ ނަތީޖާ ކޮންގްރެސް އިން ރަސްމީކޮށް ފާސްކުރާނީ ޖެނުއަރީ 6 ވަނަ ދުވަހު އެވެ. އެކަމަކު ރިޕަބްލިކަން ޕާޓީގެ 12 ސެނެޓަރަކު ވަނީ ސެނެޓުގެ ބައްދަލުވުމުގައި ބައިޑަންގެ ކާމިޔާބީ ގަބޫލް ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމުގައި އިސްކޮށް އުޅުއްވާ ސެނެޓަރު ޓެޑް ކްރޫޒް ގެންދަވަނީ އިންތިޚާބާ ގުޅިގެން ކުރާ ތުހުމަތުތައް ބެލުމަށް 10 ދުވަހަށް ލަސްކުރުމަށް ބާރު އަޅަމުންނެވެ.

ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޖޯ ބައިޑަން ޑިސެމްބަރު 28 ވަނަ ދުވަހު ފޮރިން ޕޮލިސީ ޓީމާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޖޯ ބައިޑަން ޑިސެމްބަރު 28 ވަނަ ދުވަހު ފޮރިން ޕޮލިސީ ޓީމާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ބައިޑަންގެ ކާމިޔާބީ ރަސްމީކޮށް ކަނޑައަޅަން ސެނެޓުން ބާއްވާ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާނީ ނައިބް ރައީސް މައިކް ޕެންސެވެ. އެކަމަކު ޓެޑް ކްރޫޒުގެ އިސް ނެންގުމަށް ނައިބް ރައީސް ޕެންސް މިހާރު ވަނީ ތާއީދު ކުރައްވައިފަ އެވެ. އަނެއްކޮޅުން ހަތަރު ސެނެޓަރަކު ވަނީ ބައިޑަންގެ ކާމިޔާބީ ގަބޫލް ކުރާނެ ކަމަށް ވިދާޅުވެ ބަޔާނެެއްގައި ސޮއި ކުރައްވައިފަ އެވެ. ސެނެޓުގެ މެޖޯރިޓީ ލީޑަރު މިޗް މެކްކޯނެލް ވެސް ވަނީ ބައިޑަންގެ ކާމިޔާބީ ގަބޫލް ކުރައްވައިފަ އެވެ. އަދި ނަތީޖާއާ ދެކޮޅު ނުހެއްދެވުމަށް އޭނާ ވަނީ ރިޕަބްލިކަން އެހެން ސެނެޓަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އާ ކޮންގްރެސްގެ މެންބަރުން ފުރަތަމަ ފަހަރަށް އާދިއްތަ ދުވަހު ވަނީ ބައްދަލުކޮށްފަ އެވެ. ހައުސްގެ ސްޕީކަރުގެ މަގާމު މި ފަހަރު ވެސް ވަނީ ހަނި އަޣުލަބިއްޔަތުން ނެންސީ ޕެލޯސީ ކާމިޔާބު ކުރައްވައިފަ އެވެ. ހައުސްގައި ޑިމޮކްރެޓިކުން ވަނީ 222-212 އިން އަޣުލަބިއްޔަތު ހޯދައިފަ އެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ޑިމޮކްރެޓިކުންގެ އަޣުލަބިއްޔަތު އޮވެ އަދި ސެނެޓުގެ ރިޕަބްލިކަން ގިނަ މެންބަރުން ބައިޑަންގެ ކާމިޔާބީ ގަބޫލްކޮށްފައިވާތީ ޖެނުއަރީ 6 ވަނަ ދުވަހު ބާއްވާ ކޮންގްރެސްގެ ބައްދަލުވުމުން ބައިޑަންގެ ކާމިޔާބީ ރަސްމީކޮށް ފާސްކުރުމަށް ހުރަހެއް ކުރިމަތިނުވާނެ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.