Roadha Mihaaru
ހުވާކުރާ ހަފުލާގައި ޓްރަމްޕް ބައިވެރިނުވުމަކީ ރަނގަޅެއް

ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ޓްރަމްޕް ބައިވެރިނުވުމަކީ ރަނގަޅެއް: ބައިޑަން

10 ޖެނުއަރީ 2021

ވޮޝިންޓަން (ޖެނުއަރީ 10) - އެމެރިކާގެ އާ ރައީސް ހުވާ ކުރަން މި މަހު 20 ވަނަ ދުވަހު ބާއްވާ ރަސްމިއްޔާތުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިނުގަންނަވަން ނިންމުމަކީ ރަނގަޅަށް ދިމާވި ކަމެއް ކަމަށް ވެރިކަމަށް ވަޑައިގަންނަވާ ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖެނުއަރީ 10) - އެމެރިކާގެ އާ ރައީސް ހުވާ ކުރަން މި މަހު 20 ވަނަ ދުވަހު ބާއްވާ ރަސްމިއްޔާތުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިނުގަންނަވަން ނިންމުމަކީ ރަނގަޅަށް ދިމާވި ކަމެއް ކަމަށް ވެރިކަމަށް ވަޑައިގަންނަވާ ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

"ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ޓްރަމްޕް ބައިވެރިނުވާނެ ކަމުގެ އިޝާރާތެއް ދީފައިވާކަން އަޅުގަނޑަށް ވަނީ އަންގާފައި،" ޑެލަވެއާގެ ވިލްމިންޓަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވި އެވެ. "މިއީ އަޅުގަނޑާއި ޓްރަމްޕާށާއި އެއްބަސްވެވޭ މަދު ކަންތައްތަކުގެ ތެރޭގައި ހިމެނޭ ރަނގަޅު ކަމެއް. ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ޓްރަމްޕް ބައިވެރި ނުވުމަކީ ރަނގަޅަކަށް މެދުވެރިވި ކަމެއް."

ބައިޑަން ވިދާޅުވީ ޓްރަމްޕަކީ މުޅި ގައުމަށް ކުރިމަތިވި ބޮޑު މާޔޫސްކަމެެއް ކަމަށެވެ.

"ވެރިކަމަށް ޓްރަމްޕް ފިޓެއް ނޫން. އެއީ މުޅި އެމެރިކާގެ ތާރީޚުގައި ވެސް ވެރިކަން ކުރި އެންމެ ނާގާބިލް ރައީސް،" ބައިޑަން ވިދާޅުވި އެވެ.

ބައިޑަންގެ ކާމިޔާބީ ރަސްމީކޮށް ބަލައިގަތުމަށް އެމެރިކާގެ ކޮންގްރެސް އިން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ގާނޫނުހަދާ މަޖިލީހުގެ ޗެމްބަރުގެ ތެރެއަށް ޓްރަމްޕުގެ ސަޕޯޓަރުން ވަދެ ހަމަނުޖެހުން ހިންގި މައްސަލާގައި ޓްރަމްޕް އިމްޕީޗް ކުރުމުގެ މަސައްކަތް ފަށަން ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރުން ވަނީ ތައްޔާރުވެފަ އެވެ. ގިނަ ބަޔަކު އެއްބަސްވެފައި ވަނީ އެ ހަމަނުޖެހުން ހިންގީ ޓްރަމްޕް ހިތްވަރު ދެއްވުމުގެ ސަބަބުންނެވެ. ނޮވެމްބަރު 3 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ޓްރަމްޕް ގަބޫލް ކުރައްވައިފައެއް ނުވެ އެވެ.

ހުކުރު ދުވަހު ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވަނީ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނައިބް ރައީސް މައިކް ޕެންސް ވަނީ އެ ރަސްމިއްޔާތަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.