Roadha Mihaaru
އެމެރިކާގެ އިންތިޚާބު މިފަހަރު ތަފާތުވި ގޮތް

އެމެރިކާގެ އިންތިޚާބު މިފަހަރު ތަފާތުވި ގޮތް

01 ޖެނުއަރީ 2021

އެމެރިކާގައި ސިޔާސީ ފިކުރު ކިތަންމެ ތަފާތު ނަމަވެސް ނޮވެމްބަރު މަހުގެ ރިޔާސީ އިންތިޚާބުގައި ރެކޯޑް އަދަދަކަށް ވަނީ ވޯޓުލައިފަ އެވެ. ނޮވެމްބަރު 3 ވަނަ ދުވަހުގެ އިންތިޚާބަށް ފަހު "އިނގިލީގައި ދައިގަނެވިގެން ތިބި" ހަތަރު ދުވަހަށް ފަހު ހަތް މިލިއަން ވޯޓުގެ ތަފާތުން ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ވަނީ ރިޕަބްލިކަން ޕާޓީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް ކުރި ހޯއްދަވައިފަ އެވެ.

ހަސަން އާމިރު ހަސަން އާމިރު

އެމެރިކާގައި ސިޔާސީ ފިކުރު ކިތަންމެ ތަފާތު ނަމަވެސް ނޮވެމްބަރު މަހުގެ ރިޔާސީ އިންތިޚާބުގައި ރެކޯޑް އަދަދަކަށް ވަނީ ވޯޓުލައިފަ އެވެ. ނޮވެމްބަރު 3 ވަނަ ދުވަހުގެ އިންތިޚާބަށް ފަހު "އިނގިލީގައި ދައިގަނެވިގެން ތިބި" ހަތަރު ދުވަހަށް ފަހު ހަތް މިލިއަން ވޯޓުގެ ތަފާތުން ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ވަނީ ރިޕަބްލިކަން ޕާޓީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް ކުރި ހޯއްދަވައިފަ އެވެ.

އެމެރިކާގައި ރައީސަކު ހޮވަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ނޫނެވެ. އިންތިޚާބުގައި ވާދަވެރި ދެ ކެންޑިޑޭޓުންނަށް ރައްޔިތުން ދޭ ވޯޓަކީ ހަގީގަތުގައި އެކި ސްޓޭޓްތަކުން އިލެކްޓާސް ހޮވުމަށް ދޭ ވޯޓެކެވެ. ވެރިކަމަށް ވަޑައިގަންނަވާނީ އިލެކްޓޯރަލް ކޮލެޖް ވޯޓުން ކުރި ހޯއްދަވާ ކެންޑިޑޭޓެކެވެ. ކޮންމެ ސްޓޭޓެއްގެ ވެސް އިލެކްޓޯރަލް ވޯޓު ލިބޭނީ އެ ސްޓޭޓެއްގެ އަޣުލަބިއްޔަތު ހޯދާ ކެންޑިޑޭޓަކަށެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް. --ފޮޓޯ:އޭއެފްޕީ

ރައީސް ޑޮނަލްޑް ޓްރަމްޕް. --ފޮޓޯ:އޭއެފްޕީ

އެ ގޮތުން ޖޯ ބައިޑަން އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ 306 އިލެކްޓޯރަލް ކޮލެޖް ވޯޓާ އެކު އެވެ. އެމަނިކުފާން ވަނީ ރައްޔިތުންގެ 81,283,485 ވޯޓު ހޯއްދަވައިފަ އެވެ. އެއީ ވޯޓުލީ މީހުންގެ 51.4 ޕަސެންޓެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 74,223,744 ވޯޓު ނުވަތަ ޖުމްލަ ވޯޓުގެ 46.9 ޕަސެންޓެވެ. ވެރިކަމަށް ވަޑައިގަންނަވާ ކެންޑިޑޭޓަކު މަދުވެގެން 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯދަން ޖެހެ އެވެ. ބައިޑަން އަކީ އެމެރިކާގެ ތާރީޚުގައި ވެސް މިހާތަނަށް އެންމެ ގިނަ ވޯޓު ހޯއްދެވި ކެންޑިޑޭޓެވެ.

ބައިޑަން ހޯއްދެވި ކާމިޔާބީ އިލެކްޓޯލް ކޮލެޖުން ޑިސެމްބަރު 14 ވަނަ ދުވަހު ބައްދަލުކޮށް ނަތީޖާ ވަނީ ރަސްމީކޮށްފަ އެވެ. އެ ނަތީޖާ ކޮންގްރެސް އިން ފާސްކުރާނީ މި މަހު 6 ވަނަ ދުވަހު އެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވި ބައިޑަން. --ފޮޓޯ:އޭއެފްޕީ

އިންތިޚާބު ކާމިޔާބު ކުރެއްވި ބައިޑަން. --ފޮޓޯ:އޭއެފްޕީ

އިންތިޚާބު ކާމިޔާބު ކުރެއްވީ ބައިޑަންކަން ޔަގީންވި ނަމަވެސް ޓްރަމްޕް އަދިވެސް ގެންދަވަނީ ނަތީޖާ ގަބޫލް ކުރައްވަން ދެކޮޅު ހައްދަވަމުންނެވެ. ޓްރަމްޕުގެ ތުހުމަތަކީ އިންތިޚާބު އޮޅުވާލާފައިވުމެވެ. އެކަމަކު އިންތިޚާބުގެ ކަންކަން ބެލެހެއްޓެވި ފަރާތްތަކުން ބުނަމުން ދިޔައީ އެއީ އެމެރިކާގެ ތާރީޚުގައި ވެސް ބޭއްވި އެންމެ އިންސާފުވެރި އިންތިޚާބު ކަމަށެވެ.

ޓްރަމްޕުގެ ތުހުމަތަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ބައެއް ވޯޓު ބައިޑަން އަށް ބަދަލުކޮށްފައިވާކަމެވެ. މީގެ އިތުރުން ނޮވެމްބަރު 3 ގެ ފަހުން ޕޯސްޓުން ލިބުނު ވޯޓުގެ ނަތީޖާ ހިމަނާފައިވާތީ ވެސް ޓްރަމްޕް ވަނީ ޝަކުވާ ކުރައްވައިފަ އެވެ. ވާދަވެރި ސްޓޭޓުތަކުގެ ނަތީޖާ އަނބުރާލުމަށް ޓްރަމްޕުގެ ފަރާތުން އެތައް މައްސަލައެއް ކޯޓަށް ވެސް ހުށަހެޅި އެވެ. އެކަމަކު ކާމިޔާބުވާ ގޮތެއް ނުވި އެވެ. ނަތީޖާގެ ފަރަގު ކުޑަ ސްޓޭޓްތަކުގެ ވޯޓު އެތައް ފަހަރަކު ގުނާފައިވެ އެވެ.

ފާޅުކަން ބޮޑު ގޮތެއްގައި ބޭއްވި އިންތިޚާބެއްގެ ނަތީޖާ ގަބޫލް ނުކުރެއްވުމަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ޑިމޮކްރެސީގެ އިންތިޚާބީ ނިޒާމާ މެދު އެތައް ބައެއްގެ ހިތުގައި ޝައްކު އުފެއްދުމެވެ. އިންތިޚާބަކުން ބަލިވުމުން ނަތީޖާ ގަބޫލް ނުކުރައްވައި ހުންނެވުމަކީ މާޒީގައި އެމެރިކާގެ އެއްވެސް ރައީސަކު ކުރެއްވި ކަމެއް ނޫނެވެ. ނާކާމިޔާބުވުމާ އެކު އިންތިޚާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓަށް މަރުހަބާ ވިދާޅުވުމަކީ އެމެރިކާގެ ޑިމޮކްރެސީން ފެންނަން އޮތް ރީތި ނަމޫނާ އެކެވެ. ނޮވެމްބަރު 3 ވަނަ ދުވަހުގެ ނަތީޖާ ސާފުވުމަށް ފަހު ވެސް އެމެރިކާގެ އިންތިޚާބަށް އެހާ ބޮޑު ސަމާލުކަމެއް ހުއްޓުނީ ޓްރަމްޕުގެ އަމަލުތައް ހުރި ގޮތުންނެވެ.