Roadha Mihaaru
މާވެލްގެ "މިސް މާވެލް" ގައި އިންޑިއާގެ އެކްޓަރެއް

މާވެލް ސްޓޫޑިއޯސްގެ "މިސް މާވެލް" ސީރީޒްގައި އިންޑިއާގެ އެކްޓަރެއް

19 ޑިސެމްބަރ 2020

މާވެލް ސްޓޫޑިއޯސްގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ "މިސް މާވެލް" ސީރީޒްގެ ރޯލެއް އިންޑިއާގެ އެކްޓަރަކަށް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މާވެލް ސްޓޫޑިއޯސްގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ "މިސް މާވެލް" ސީރީޒްގެ ރޯލެއް އިންޑިއާގެ އެކްޓަރަކަށް ލިބިއްޖެ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ އެޓްލާންޓާގައި މިހާރު ޝޫޓިން ކުރިއަށްދާ "މިސް މާވެލް" އިން ފުރުސަތު ލިބުނު އިންޑިއާގެ އެކްޓަރަކީ ބޮލީވުޑްގެ ފިލްމުތަކުން ފެންނަ މޯހަން ކަޕޫރެވެ.

އުމުރުން 55 އަހަރުގެ އެކްޓަރުގެ އެންމެ ފަހުން ފެނިފައި ވަނީ ސެޕްޓެމްބަރު މަހު ޒީ5 އިން ޕްރިމިއާކުރި "ލަންޑަން ކޮންފިޑެޝަލް" އާއި އޮގަސްޓް މަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރި "ސަޅަކް 2" އިންނެވެ.

މޯހަން މިހާތަނަށް ވަރަށް ގިނަ ފިލްމުތަކާއި ޓީވީ ސިލްސިލާތަކުގައި ވެސް މަސައްކަތްކޮށްފައިވެ އެވެ. އޭނާ ކުޅުނު ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި ހޯންޓެޑް (2011)، ރާޒް 3 (2012)، ޖޯލީ އެލްއެލްބީ (2013)، ހެޕީ ނިއު އިޔާ (2014) އަދި މިދިޔަ އަހަރުގެ "މިޝަން މަންގަލް" ހިމެނެ އެވެ.

މޯހަން ކުޅުނު ބައެއް ސިލްސިލާތަކުގެ ތެރޭގައި "ހިޕް ހިޕް ހުއްރޭ"، "ކިޓީ ޕާޓީ"، "ޒިންދަގީ ބަދަލް ސަކްތާ ހޭ ހާދްސާ" އަދި "ސާވިތުރީ ދޭވީ ކޮލެޖް އެންޑް ހޮސްޕިޓަލް" ހިމެނެ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި "މިސް މާވެލް" ގެ ވަރަށް ވަރުގަދަ ރޯލަކުން މޯހަން އަށް ފުރުުސަތު ލިބި އޭނާ ވަނީ އެ ސީރީޒްގެ ފުރަތަމަ އެޕިސޯޑްގެ ޝޫޓިން ވެސް މިހާރު ނިންމާލައިފަ އެވެ. ނަމަވެސް ޕްރޮޖެކްޓާ ބެހޭ އެއްވެސް ވާހަކައެއް މީޑިއާތަކުގައި ހިއްސާނުކުރަން އެގްރިމަންޓްގައި ބުނާތީ އެއާ ބެހޭ ގޮތުން މޯހަން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

މާވެލް ސްޓޫޑިއޯ އިން ބުނި ގޮތުގައި "މިސް މާވެލް" ބެލުންތެރިންނާ ހަމައަށް އަންނަނީ އަންނަ އަހަރުގެ ފަހުކޮޅު ޑިޒްނީ ޕްލަސް އިންނެވެ. މީގެ ޓައިޓްލް ރޯލު މިސް މާވެލް/ކަމާލާ ޚާންގެ ކެރެކްޓާ އިން ފެންނާނީ ކެނެޑާގެ ފުރާވަރުގެ ބަތަލާ އިމާން ވެލާނީ އެވެ. އޭނާ އަކީ ޕާކިސްތާން ދަރިކޮޅަށް ނިސްބަތްވާ ކުއްޖެކެވެ.

ސުޕަހީރޯ ކެރެކްޓާތަކާ އެކު އުފެއްދުންތައް ގެނެސްދޭން އަރާހުރި މާވެލް ސްޓޫޑިއޯގެ ޕްރޮޖެކްޓަކުން މޯހަން އަށް ފުރުސަތު ލިބިގެން ދިޔަ އިރު، އޭނާގެ ކުރިއަށް އޮތް ހިންދީ ފިލްމަކީ "ސްކޮޑް" އެވެ. އެއީ އެކްޓަރު ޑެނީ ޑެންޒޯންގްޕާގެ ދަރިފުޅު ރިންޒިން ޑެންޒޯންގްޕާ ބޮލީވުޑަށް ތައާރަފުކުރާ ފިލްމެވެ.