Roadha Mihaaru
މާލޭ ބަސް ޓާމިނަލްގައި އާ ޕިކްޕޯސްޓް ސްޓޭޝަނެއް

މާލޭ ބަސް ޓާމިނަލްގައި އާ ޕިކްޕޯސްޓް ސްޓޭޝަނެއް

20 ޑިސެމްބަރ 2020

"ޕިކް ޕޯސްޓު"ގެ ސްޓޭޝަނެއް ގްރޭޓާ މާލޭ ބަސް ޓާމިނަލްގައި ހުޅުވައިފި އެވެ. މިއީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ހުޅުވި ހަތަރު ވަނަ ޕިކް ޕޯސްޓެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

"ޕިކް ޕޯސްޓު"ގެ ސްޓޭޝަނެއް ގްރޭޓާ މާލޭ ބަސް ޓާމިނަލްގައި ހުޅުވައިފި އެވެ. މިއީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ހުޅުވި ހަތަރު ވަނަ ޕިކް ޕޯސްޓެވެ.

ގްރޭޓާ މާލެ ބަސް ޓާމިނަލުގައި ހެދި އާ ޕިކް ޕޯސްޓް ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އެވެ.

މަލީހު ވިދާޅުވީ، ރާއްޖޭގައި ކާގޯ ހިދުމަތް ދޭ ފަރާތްތަކުން ވެސް ޕޯސްޓްގެ ހިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އިމާރާތްކުރާ ފަރާތްތަކުން ވެސް ޕޯސްޓް ޑެލިވަރީކުރުމަށް ފަސޭހަވާނެ ގޮތަކަށް އިމާރާތް ފަރުމާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޒަމާނަށް އައި ބަދަލުތަކާ އެކު ޕޯސްޓްގެ ހިދުމަތް ރާއްޖޭގައި ނެތިދާނެ ކަމަށް ބެލެވިފައި ވަނިކޮށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ވަނީ ޒަމާނާ އެއްގޮތަށް އީ-ޓުކުރި އަދި ޕިކް ޕޯސްޓްގެ ތަޢާރަފުކޮށްފައި،" އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް ޕޯސްޓުން ބުނީ ޕިކްޕޯސްޓުގެ ހިދުމަތަކީ ރައްކާތެރިކަމާއި އިތުބާރާ އެކު ޕޯސްޓަލް ޕެކޭޖް ރައްދުކުރުމަށްޓަކައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ސްޓޭޝަންތަކެއް ކަމަށެވެ.

ޕިކް ޕޯސްޓުގެ ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ރާއްޖެ އަށް ވަންނަ މެއިލްގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށް ޕޯސްޓުން ބުންޏެވެ.

ޕޯސްޓުގެ ހިދުމަތް ގިނަ ބަޔަކު ބޭނުންކުރާތީ އާންމުންގެ ބޭނުމާ އެއްގޮތަށް ހިދުމަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ބުނެ އެވެ. އެގޮތުން މާލޭގެ އިތުރު ދެ ސަރަހައްދެއްގައި ޕިކް ޕޯސްޓުގެ ހިދުމަތް ތައާރަފުކުރުމަށްޓަކައި މަސައްކަތް ކުރަމުން ގެންދާ ކަމަށް އެ ކުންފުނިން ބުންޏެވެ. ގްރޭޓާ މާލޭ ޓާމިނަލްގެ އިތުރުން ދެން ޕިކްޕޯސްޓް ސްޓޭޝަން ހުންނާނީ ވެލާނާގެ އާއި ޕޯސްޓް އޮފީސްގެ އިތުރުން ހުޅުމާލޭގަ އެވެ.