Roadha Mihaaru
ހިލަރީ އާއި ޓްރަމްޕުގެ ވެސް ސަމާލުކަން ފްލޮރިޑާ އަށް

ހިލަރީ އާއި ޓްރަމްޕުގެ ވެސް ސަމާލުކަން ފްލޮރިޑާ އަށް

05 ނޮވެމްބަރ 2016

ފްލޮރިޑާ (ނޮވެމްބަރު 5) - އަންނަ އަންގާރަ ދުވަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޑިމޮކްރެޓިކް ކެންޑިޑޭޓް ހިލަރީ ކްލިންޓަނާއި ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ފްލޮރިޑާގައި ކެމްޕޭން ވަރުގަދަ ކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ފްލޮރިޑާ (ނޮވެމްބަރު 5) - އަންނަ އަންގާރަ ދުވަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޑިމޮކްރެޓިކް ކެންޑިޑޭޓް ހިލަރީ ކްލިންޓަނާއި ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ފްލޮރިޑާގައި ކެމްޕޭން ވަރުގަދަ ކޮށްފި އެވެ.

ފްލޮރިޑާ އަކީ ދެ ކެންޑިޑޭޓުންގެ ވާދަވެރިކަން ބޮޑު ސްޓޭޓްތަކަށް ބަލާއިރު ޓްރަމްޕް ކާމިޔާބު ކުރުން މަޖްބޫރު ސްޓޭޓެކެވެ. ފްލޮރިޑާ އަށް ފަހު ޓްރަމްޕް ދެން ވަޑައިގަންނަވާނީ ނޯތު ކޮރޮލީނާ އާއި ނެވާޑާއަށެވެ. ސައުތު ފްލޮރިޑާގައި ކެމްޕޭން ކުރެއްވުމަށް ފަހު ހިލަރީ ވަޑައިގަންނަވާނީ ފިލަޑެލްފިއާ އާއި ޕެންސިލްވޭނިއާ އަށެވެ.

ޑިމޮކްރެޓިކް ކެންޑިޑޭޓް ހިލަރީ ކްލިންޓަން ފްލޮރިޑާގައި ކެމްޕޭން ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ޑިމޮކްރެޓިކް ކެންޑިޑޭޓް ހިލަރީ ކްލިންޓަން ފްލޮރިޑާގައި ކެމްޕޭން ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ވޯޓުލާން ތިން ދުވަހަށްވެފައިވާ އިރު، އެންމެ ފަހުގެ ޚިޔާލު ހޯދުންތަކުން ދައްކާ ގޮތުގައި ޓްރަމްޕް އަންނަނީ ސަޕޯޓް ބޮޑު ކުރައްވަމުންނެވެ. އެކަމަކު ގިނަ ސާވޭތަކުގައި ކުޑަ ތަފާތަކުން ނަމަވެސް ކުރީގައި އުޅުއްވަނީ ހިލަރީ އެވެ. ހިލަރީގެ ކެމްޕޭނުގައި ދަނީ މުނިފޫހިފިލުވުމުގެ ދާއިރާގެ މަޝްހޫރު ފަރާތްތައް ވެސް ބައިވެރިވަމުންނެވެ.

ފްލޮރިޑާގައި ދެ ކެންޑިދޭޓުންގެ ވާދަވެރިކަން ބޮޑުވާނެ ކަމަށް ބެލެވެ އެވެ. ރިއަލް ކްލިއާ ޕޮލިޓިކްސްގެ ސާވޭގައި ފްލޮރިޑާ އިން ކުރީގައި އުޅުއްވަނީ ހިލަރީ އެވެ. ޚިޔާލު ހޯދުމުގެ ވޯޓުތައް ދިރާސާކުރާ ފައިވް ތާޓީއެއިޓް އިން ބުނީ ފްލޮރިޑާގެ ވޯޓު ޓްރަމްޕް ކާމިޔާބު ކުރުމުގެ 52.4 ޕަސެންޓް ބޮޑު ކަމަށެވެ.

މިޓް ރޮމްނީއާ ވާދަކުރައްވާ 2012 ވަނަ އަހަރުގެ ފްލޮރިޑާގެ ވޯޓު ރައީސް ބަރަކް އޮބާމާ ކާމިޔާބު ކުރެއްވީ 0.9 ޕަސެންޓުގެ ކުޑަ ތަފާތަކުންނެވެ.

އެމެރިކާގައި 2000 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ފްލޮރިޑާގެ ވޯޓުގައި މައްސަލަ ޖެހި ނަތީޖާ އިއުލާން ކުރުން މަހަކަށް ފަސް ކުރަން ޖެހުނެވެ. އެ ފަހަރު ވާދަކުރެއްވި ޖޯޖް ޑަބްލިއު. ބުޝް އާއި އޭރުގެ ނައިބް ރައީސް އަލް ގޯގެ ތެރެއިން ފްލޮރިޑާގައި ވޯޓުލީ ހަ މިލިއަން މީހުންގެ ތެރޭން ބުޝް އަށް ކާމިޔާބު ލިބުނީ އެންމެ 537 ވޯޓުގެ ތަފާތުންނެވެ. ގައުމުގެ ރައްޔިތުންގެ އަޣުލަބިއްޔަތު ވޯޓު އަލް ގޯ އަށް ލިބިވަޑައިގެންނެވި ނަމަވެސް ފްލޮރިޑާގެ ވޯޓާ އެކު އިލެކްޓޯރަލް ކޮލެޖް ވޯޓު ކާމިޔާބު ކުރައްވާ ވެރިކަމަށް ވަޑައިގެންނެވީ ބުޝް އެވެ.

ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ފްލޮރިޑާގައި ކެމްޕޭން ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ފްލޮރިޑާގައި ކެމްޕޭން ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ރައްޔިތުންގެ ވޯޓުން ކުރި ލިބުނު ނަމަވެސް އެމެރިކާގެ ނިޒާމް އޮންނަ ގޮތުން ރައީސް ކަމަށް ވަޑައިގަންނަވާ ބޭފުޅަކު 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯދަން ޖެހޭނެ އެވެ. ފްލޮރިޑާގެ ވޯޓް ކާމިޔާބު ކުރާ ކެންޑިޑޭޓަކަށް 29 އިލެކްޓޯރަލް ކޮލެޖް ވޯޓު ލިބޭނެ އެވެ.

އިންތިޚާބުގެ ކުރިން އާލީ ވޯޓިންގެ ގޮތުގައި މިހާތަނަށް ވަނީ 37 މިލިއަން މީހުން ވޯޓުދީފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މުހިންމު ސްޓޭޓްތައް ކަމަށްވާ ފްލޮރިޑާ، އެރިޒޯނާ އަދި ނެވާޑާގައި މީގެ ކުރީގެ ފަހަރުތަކާ ބަލާއިރު އާލީ ވޯޓިންގައި ލެޓިން އެމެރިކާ ދަރިކޮޅުގެ މީހުން މި ފަހަރު ވޯޓުލާ މިންވަރު އިތުރެވެ. ފްލޮރިޑާގައި ވޯޓްލާން ރަޖިސްޓްރީ ކުރި މީހުންގެ 16 ޕަސެންޓަކީ ލެޓިން އެމެރިކާގެ ދަރިކޮޅުގެ ބައެއް ކަމަށްވާ ހިސްޕޭނިކުންނެވެ. ފްލޮރިޑާގެ ހިސްޕޭނިކުން އާއްމުކޮށް ވޯޓު ދެނީ ޑިމޮކްރެޓިކް ކެންޑިޑޭޓަށެވެ. ނަމަވެސް ފްލޮރިޑާގެ ކިއުބާ ދަރިކޮޅު މީހުންގެ ތާއީދު އޮންނަނީ ރިޕަބްލިކަން ކެންޑިޑޭޓަށެވެ.